އަލްގުދުސް (ނޮވެމްބަރު 27): އިސްރާއީލުގެެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގެންދަވަނީ އެގައުމަށް ކުރިމަތިވެފައިވާ އަލިފާނުގެ ހާދިސާއިން ސިޔާސީ ފައިދާ ނަންގަވަން މަސައްކަތް ކުރައްވަމުން ކަމަށް އިސްރާއީލްގެ ގާނޫނު ހަދާ މަޖިލީހުގެ އަރަބި މެމްބަރަކު ވިދާޅުވެއްޖެ އެވެ.
އިސްރާއީލުގެ އަރަބި ރައްޔިތުން ބައިވެރިވެގެން އުފައްދާފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަން، ޖޮއިންޓް ލިސްޓުގެ ފަރާތުން މަޖިލީހުގައި ހުންނަވާ ޖަމާލް ޒަހަލްކާ އެފަދައިން ވިދާޅުވެފައި ވަނީ އިސްރާއީލުގައި ފެތުރެމުންދާ އަލިފާންގަނޑުގެ ޒިންމާ އެގައުމުގައި ދިރިއުޅޭ އަރަބިންގެ ބޮލުގައި އަޅުވައި، ބޮޑުވަޒީރު ނަތަންޔާހޫގެ އިތުރުން ސަރުކާރު ކޯލިޝަންގެ މެމްބަރުން ވާހަކަ ދެއްކެވުމާ ގުޅިގެންނެވެ.

އިސްރާއީލްގެ ތިން ވަނައަށް އެންމެ ބޮޑު ސިޓީ ހައިފާގައި ރޯވި އަލިފާންގަނޑު -- ފޮޓޯ: އޭޕީ
"އިސްރާއީލުގައި އަލިފާން ރޯ ކުރީ ފަލަސްތީނު ރައްޔިތުން ކަމަށް އިސްރާއީލްގެ މިނިސްޓަރުން ހަމައެކަނި ބުނީއެއް ނޫން، ނަމަވެސް ނަތަންޔާހޫ، އަރްޔާހް ދެރީ (ޑިވެލޮޕްމެންޓް މިނިސްޓަރު) އަދި އިންޓާނަލް އެފެއާޒް މިނިސްޓަރު ވަނީ އަލިފާން ރޯކުރި މީހުންގެ ރަށްވެހިކަން ބާތިލު ކުރާނެ ކަމަށް ވިދާޅުވެފަ،" ޖަމާލް ވިދާޅުވި އެވެ.
"އެމީހުން ހަމަގައިމުވެސް (އެ އިންޒާރުތައް) އަމާޒު ކުރަނީ ފަލަސްތީނު ރައްޔިތުންނަށް. އެކަމަކު މީގެ އަހަރެއް ކުރިން ދަވާބްޝާހް އާއިލާ އަންދާލި މީހުންނަށް އެފަދަ އަދަބެއް ދޭން ނުބުނޭ،" ޖަމާލް ފާހަގަ ކުރެއްވި އެވެ.
ދަވާބްޝާހް އާއިލާއަކީ ހުޅަނގު އައްސޭރީގައި ދިރިއުޅެމުން ދިޔަ އާއިލާއެކެވެ. މިދިޔަ އަހަރު ބަޔަކު ވަނީ އެއާއިލާ ދިރިއުޅެމުން ދިޔަ ގޭގައި ރޯކޮށްލައި އެގޭގައި ދިރިއުޅުނު ދެމަފިރިންނާއި 18 މަހުގެ ދަރިފުޅު މަރާލާފައެވެ. އިސްރާއީލުން ވަނީ އެމައްސަލަ ތަހުގީގު ކުރަމުން ދިޔައިރު މައްސަލައާ ބެހޭ މައުލޫމާތު ހިއްސާ ކުރުމާއި މީޑިއާގައި ޝާއިއު ކުރުން މަނާކޮށްފައެވެ. ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އެ ހާދިސާގައި ދައުވާކޮށްފައި ވަނީ ހުޅަނގު އައްސޭރީގައި ދިރިއުޅެމުން ދިޔަ އިސްރާއީލުގެ ދެމީހެއްގެ މައްޗަށެވެ.
މީގެ އިތުރުން ޖަމާލް ވަނީ އިސްރާއީލުގައި ދިރިއުޅޭ 1.7 މިލިއަން އަރަބި ރައްޔިތުން ދަނީ ކޮންމެ ދުވަހަކު ވެސް ތަފާތު ކުރުންތަކާ ކުރިމަތިލަމުން ކަން ފާހަގަ ކުރައްވާފައެވެ.
"ނަތަންޔާހޫ މަސައްކަތް ކުރައްވަނީ ފަލަސްތީނު އަދި އަރަބި ރައްޔިތުންނާ ދެކޮޅަށް ވާހަކަ ދައްކަވައިގެން މީހުންގެ މެދުގައި މަގުބޫލުކަން ހޯދަން. އަދި (އެގޮތަށް ވާހަކަ ދައްކަވަނީ) އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވުނީ ކަމާ ބެހޭ ފަރާތްތަކުން އެފަދަ ހާދިސާއަކަށް ރަނގަޅަށް ތައްޔާރު ނުވެ ތިބުމުން ކަމަށް ބައެއް މީހުން ބުނަން ފެށުމުން، ނޫސްތަކުގެ ހެޑްލައިން ބަދަލު ކުރަން ވެގެން،" ޖަމާލް ވިދާޅުވި އެވެ.
މިިދިޔަ ހަފްތާގެ އަންގާރަ ދުވަހު އިސްރާއީލުގެ އުތުރާއި މެދުތެރޭގެ 13 ސަރަހައްދެއްގައި ފެތުރުނު އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ އިރު އިސްރާއީލްގެ ފުލުހުން ވަނީ ގަސްތުގައި އަލިފާން ރޯކުރި ކަމަށް ތުހުމަތު ކުރެވޭ 23 މީހަކު ހައްޔަރުކޮށްފައެވެ. އިސްރާއީލުގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ޖިލާޑް އާޑަން ވިދާޅުވި ގޮތުގައި ފުލުހުން ހައްޔަރު ކުރި މީހުންނަކީ "މައިނޯރިޓީން" ނެވެ. އެއީ އިސްރާއީލުގައި ދިރިއުޅޭ ފަލަސްތީން ނުވަތަ އަރަބި ރައްޔިތުންނެވެ.

ފަލަސްތީނުގެ ފަޔާފައިޓަރަކު ހައިފާގައި އަލިފާން ނިއްވުމުގައި -- ފޮޓޯ: އޭޕީ
އިސްރާއީލުން އެފަދަ ތުހުމަތުތަށް ކުރި ނަމަވެސް ފަލަސްތީނުން ވަނީ އިސްރާއީލާއި ހުޅަނގު އައްސޭރީގައި ފެތުރުނު އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ފަލަސްތީނުގެ ފަޔާފައިޓަރުންނާއި ފަޔާޓްރަކުތައް ފޮނުވާފައެވެ.
"ހައިފާ އާއި އަލް ގުދުސްގައި މަސައްކަތް ކުރަމުން ދިޔަ ފަޔާފައިޓަރުން ވަނީ މެދުކެނޑުމެއް ނެތި 24 ގަޑިއިރު މަސައްކަތްކޮށްފަ. ހުޅަނގު އައްސޭރީގައި މަސައްކަތް ކުރި ފަރާތްތައް ވެސް ހަމަ އެގޮތަށް،" ފަލަސްތީނުގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު ނައިލް އަޒީހު ވިދާޅުވި އެވެ.
އަލިފާނުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބުނު އަދި އެތައް ހާސް މީހުން ސަލާމަތީ ސަރަހައްދުތަކަށް ބަދަލު ކުރަން ޖެހުނު ހައިފާގެ ރައްޔިތުން ވަނީ އަނބުރާ އެސިޓީއަށް ދާން ފަށާފަ އެވެ. (އަލްޖަޒީރާ)