މިދިޔަ އަހަރުގެ ތެރޭގައި ގައުމީ ދާރުލް އާސާރުގައި ގާއިމްކޮށްފައި ހުރި ޕޮލިސް މިއުޒިއަމަށް 10،000 ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ޕޮލިސް މިއުޒިއަމަކީ ފުލުހުންގެ ތާރީހު ރައްކާތެރިކޮށް ބެލެހެއްޓުމާއި ފުލުހުންގެ ތާރީހު ޖީލުތަކަށް ވާސިލްކޮށްދިނުމުގެ ގޮތުން 2013 ވަނަ އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހު ހުޅުވި ތަނެކެވެ.
ފުލުހުން ބުނީ، ފާއިތުވި އަހަރު ޕޮލިސް މިއުޒިއަމަށް 10409 މީހުން ޒިޔާރަތް ކުރި ކަމަށެވެ. އެއީ 2015 ވަނަ އަހަރާއި އަޅާބަލާއިރު 2491 މީހުންގެ އިތުރުވުމެއް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ މިއުޒިއަމަށް މިދިޔަ އަހަރު އެންމެ ގިނައިން ޒިޔާރަތް ކުރީ ފަތުރުވެރިންނާއި ސްކޫލް ދަރިވަރުންނެވެ. އެގޮތުން މިދިޔަ އަހަރު 5589 ފަތުރުވެރިންނާއި 3134 ސްކޫލުތަކާއި ކޮލެޖް އަދި ޔުނިވާސިޓީތަކުގައި ކިޔަވާ ދަރިވަރުން ޒިޔާރަތް ކޮށްފައިވެ އެވެ.
އޭގެ އިތުރުން، 1402 ދިވެހިންނާއި 284 އިއްޒަތްތެރިން ޕޮލިސް މިއުޒިއަމަށް ޒިޔާރަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، ނިމިދިޔަ އަހަރު ޕޮލިސް މިއުޒިއަމަށް ޒިޔާރަތް ކުރި ފަރާތްތަކުގެ ތެރެއިން ހާއްސަކޮށް ސްކޫލްތަކާއި ކޮލެޖްތަކުގެ ދަރިވަރުންނަށާއި ދިވެހިންނަށް އަމާޒުކޮށްގެން މުޖުތަމައުގައި ހިނގާ ކުށްތައް މަދުކުރުމަށް ބާރު އެޅުމުގެ ގޮތުން އެފަދަ ކަންކަމުން ރައްކާތެރި ވާނެ ގޮތްތަކާއި ބެހޭ މައުުލޫމާތު ހިމެނޭ ލީފުލެޓްތަކެއް ބަހާފައިވާ ކަމަށެވެ.
އޭގެ އިތުރުން، ޕޮލިސް މިއުޒިއަމް އިތުރަށް ތަރައްގީީކޮށް ކުރިއެރުވުމަށްޓަކައި ފުލުހުންގެ އަރުޝީފް ރައްކާތެރިކަމާއެކު ގިނަ ދުވަހަށް ދެމެހެއްޓުމަށްޓަކައި ސޮފްޓްވެއާއެއް ގާާއިމްކުރުމުގެ މަސައްކަތާއި ފުލުހުންނާ ގުޅުންހުރި ތާރީހީީ ތަކެތި ހޯދައި ދިރާސާ ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.