ގެދޮރުވެރިކަމުގެ ދާއިރާއަކީ މިހާރު ރާއްޖޭގައި ވަރަށް ބޮޑު ގޮންޖެހުންތަކެއް ހުރި ދާއިރާއެކެވެ. ޚާއްސަކޮށް ވެރިކަން ކުރާ މާލޭގައެވެ. ތޮށް ޖެހި ފުރި ބާރުވެފައިވާއިރު މިހާރު މާލޭގައި ގެއެއް އިމާރާތް ކޮށްލާނެ ބިމެއް ނެތެވެ.
މި ސަބަބަށްޓަކައި ހުޅުމާލެއާއި މާލެ ގުޅާލުމަށް ބްރިޖެއް އަޅުމުގެ މަސައްކަތް ފަށައި، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބޮޑު ބިމެއް ހިއްކުމުގެ މަސައްކަތް މިހާރު ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އެރަށުގައި އެކި ކުންފުނިތަކާ ހަވާލުކޮށްގެން ހައުސިން ޓަވަރުތަކެއް އެޅުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.
ގެދޮރުވެރިކަމަށް ދިވެހިންގެ މެދުގައި އޮންނަނީ ބޮޑު މަގުބޫލު ކަމެއް އުފެދިފައެވެ. ޚާއްސަކޮށް ހުޅުމާލެއިން ބިމެއް ނުވަތަ އެޕާޓްމެންޓެއް ލިބޭ ނަމަ އެތަނަކަށް އެންމެންވެސް ޓާގެޓް ކުރެއެވެ.
އެގޮތުން، ހުޅުމާލޭގައި އަޅަމުންދާ، ނިމުމަކާ ކައިރިވެފައި ހުރި އެޕާޓްމަންޓް ބްލޮކްސްތައް ހިމަނައިގެން ހައިރައިޒްއިން އިންތިޒާމުކޮށްގެން ނޭޝަނަލް އާޓް ގެލަރީގައި އިއްޔެ ފެށި ލިވިން އެކްސްޕޯގެ ސަބަބުން ކުންފުނިތަކަށް ވަރަށް ބޮޑު އެކްސްޕޯޝާއެއް ލިބިގެން ގޮސްފިއެވެ.
އެ އެކްސްޕޯގައި މާލޭގައި ހައުސިން ބްލޮކްސް އެޅި ކުންފުނިތަކުންވެސް ބައިވެރިވެ އެވެ. ނަމަވެސް ޑިމާންޑު އޮތީ ހުޅުމާލެ ސައިޑަށެވެ.
ލިވިން އެކްސްޕޯގައި ބައިވެރިވާ، ހުޅުމާލޭގެ ހައުސިން ބްލޮކްސްތައް އަޅަމުންދާ ކުންފުނިތަކުގެ ސްޓޯލްތަކަށް ބޮޑު ތަރުހީބެއް ލިބި އެތަންތަނުގައި މިއަދު އެއްކޮށްވެސް ދިޔައީ ބާރުބޮޑުކޮށެވެ.
ލިވިން އެކްސްޕޯ 2017: އެޗްޑީއެފްސީގެ ސްޓޯލަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުން -- ސަން ފޮޓޯ: ފަޔާޒު މޫސާ
އެ އިވެންޓުގައި ބައިވެރިވާ އެއް ފަރާތަކީ ރިނާޓަސް އެވެ. ރެނާޓަސްއަކީ ދެކުނު އިންޑިއާގައި ފުޅާ ދާއިރާގައި ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރަމުން އަންނަ އާރުޕީޕީ ގްރޫޕުގެ ސަބްސިޑަރީއެކެވެ. އެ ކުންފުނިން ދަނީ ހުޅުމާލޭގައި 72 އެޕާޓްމެންޓް ހިމެނޭ "އިތާ މުތް" އިމާރާތް ގާއިމުކުރަމުންނެވެ.
ރިނާޓަސްގެ ސްޓޯލް އިން ބުނީ ރަނގަޅު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި ބައެއް އެޕާޓްމެންޓުތައް އެ އިވެންޓުގެ ތެރެއިން ބުކް ކޮށްފައިވާ ކަމަށެވެ.
އިތާ މުތް އިމާރާތުގައި އެއް ކޮޓަރީގެ 12 އެޕާޓްމެންޓާއި ދެ ކޮޓަރީގެ 12 އެޕާޓްމެންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމެއް ހުންނަ 12 އެޕާޓްމެންޓު ހިމެނެއެވެ. އަދި ތިން ކޮޓަރި އާއި މެއިޑް ރޫމެއް ހުންނަ 32 އެޕާޓްމެންޓާއި ތިން ކޮޓަރި ހުންނަ، ހަތަރު ޕެންޓްހައުސް އެޕާޓްމެންޓުވެސް އިތާ މުތުން ވިއްކަން ވަނީ ހަމަޖައްސާފައެވެ.
ރެނާޓަސް "އިތާ މުތް" އެޕާޓްމެންޓު ކޮމްޕްލެކްސް ގާއިމު ކުރަނީ ހުޅުމާލޭ ފެރީޓާމިނަލުން ފެށިގެން ދެ މިނެޓު ތެރޭގައި ހިނގާފައި ދެވޭ ހިސާބުގައި، ހުޅުމާލޭގެ ވޯޓާ ފްރަންޓުގަ އެވެ.
ލިވިން އެކްސްޕޯގެ ތެރެއިން ދެން ފާހަގަކޮށްލެވޭ އަނެއް ކުންފުންޏަކީ، އެ އިވެންޓުގެ މެއިން ސްޕޮންސާ، ސީލައިފް ގްލޯބަލް އެވެ. ސީލައިފް އިން ހުޅުމާލޭގައި އަޅަމުން ދަނީ 3000 ހައުސިން ޔުނިޓެވެ. އެއީ ތިން ޓަވަރު ހިމެނޭ ގޮތަށެވެ. އެކްސްޕޯގެ ތެރެއިން އެކުންފުނިން ބުކިން އަށް ހުޅުވާލާފައިވަނީ ދެ ޓަވަރުގެ އެޕާޓްމަންޓުތަކަށެވެ. އެއީ ޓަވަރު އޭ އާއި ޓަވަރު ބީގެ އެޕާޓްމަންޓުތަކެވެ. ޓަވަރު ސީ އެޅުމުގެ މަސައްކަތް އަދި ނުނިމެއެވެ.
އެ އެޕާޓްމަންޓުތަކުގެ އަގުތައް އުޅެނީ 1.9 މިލިއަނާއި 3.3 މިލިއަނާ ދެމެދުގެ އަގެއްގައެވެ.
ލިވިން އެކްސްޕޯ 2017: ސީ ލައިފް ގްލޯބަލްގެ ސްޓޯލުން ބަޔަކު މައުލޫމާތު ހޯދަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ
"މިހާރު ޓަވަރު އޭ އާއި ޓަވަރު ބީގެ ހުރިހާ އެޕާޓްމަންޓެއް ހެން ހަމަ ބުކް ކޮށް ނިމިއްޖެ. ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދޭ،" ސީލައިފްގެ ސްޓޯލްގައި މައުލޫމާތު ދޭން އިން މީހާ ބުންޏެވެ.
އަސޯޓެކް އަކީވެސް މިއަހަރުގެ ލިވިން އެކްސްޕޯގައި ބައިވެރިވާ ކުންފުންޏެކެވެ. އިންޑިއާގެ ނިއު ދިއްލީއަށް ނިސްބަތްވާ އެކުންފުނިން ދަނީ ނިއުދިއްލީ ހިމެނޭ ނޭޝަނަލް ކެޕިޓަލް ރީޖަން (އެންސީއާރު)ގެ އެކި ސިޓީތަކުގައި ރިއަލް އެސްޓޭޓް ޕްރޮޖެކްޓްތައް ހިންގަމުންނެވެ. އެގޮތުން ނޮއިޑާއާއި، އެންސީއާރު ކައިރީގައި އޮންނަ ގުރްގާއުންގައި އަސޯޓެކްއިން ދަނީ ރިއަލް އެސްޓޭޓް ޑިވެލޮޕް ކުރަމުންނެވެ.
އަސޯޓެކްއިން ރާއްޖޭގައި ހަރަކާތްތެރިވަނީ ސެންޑަލް ލޭންޑްސް މޯލްޑިިވްސްއާ އެކުއެވެ. އެކުންފުނިން ދަނީ ހުޅުމާލޭގައި ފްލެޓުތަކެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.
"ލަ ލަގޫން"ގެ ނަމުގައި އަޅާ މި މިކްސްޑް ޑިވެލޮޕްމެންޓް ޕްރޮޕަޓީ ހުންނާނީ ހުޅުމާލޭގެ ފެރީ ޓާމިނަލް ކައިރިން، ވޯޓާފްރަންޓުގައެވެ. އެތަނުގައި ޝޮޕިންގް ފެސިލިޓީސް އަދި ޕްރީމިއަމް ސާވިސްޑް އެޕާޓްމެންޓްސް ތަރައްގީ ކުރާނެއެވެ.
ނުވަ ބުރިއަށް ތަރައްގީކުރާ މި އިމާރާތުގައި ދެ ކޮޓަރިއާއި ތިން ކޮޓަރީގެ އެޕާޓްމެންޓުތަކާއި ޕެންޓްހައުސް ހިމެނޭ ގޮތަށް ގާތްގަނޑަކަށް 60 އެޕާޓްމެންޓް ހުންނާނެއެވެ. އެ އިމާރާތުގެ ގްރައުންޑް ފްލޯގައި ހުންނާނީ ޝޮޕިންގް އައުޓްލެޓްތަކެވެ.
އަސޯޓެކްގެ ސްޓޯލްއިންވެސް މީހުން މަދުވާ ފަހަރެއް ނުދެއެވެ. އެ ކުންފުނީގެ އެޕާޓްމަންޓުތަކުގެ އަގުތައް އުޅެނީ 2.5 މިލިއަނާއި ތިން މިލިއަނާ ދެމެދުގެ އަގެއްގައެވެ. އަަސޯޓެކްގެ އެޕާޓްމަންޓުތަކަށްވެސް ރަޖިސްޓްރީ ވުމުގެ ފުރުސަތު އެކްސްޕޯގެ ތެރެއިން ވަނީ ހުޅުވާލާފައެވެ.
ލިވިން އެކްސްޕޯ 2017: އަސޯޓެކްގެ ސްޓޯލުން ބަޔަކު މައުލޫމާތު ހޯދަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ
އެކްސްޕޯގެ ތެރެއިން ދެން ފާހަގަކޮށްލެވޭ އަނެއް ކުންފުންޏަކީ ނަސަންދުރާ އެވެ. ނަސަންދުރާ ޕެލެސް މީގެ ކުރިން ހިންގި އިމާރާތް ތަޅާލައި، އެތަނުގައި 25 ބުރީގެ އުސް އިމާރާތެއް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެންޕީއެޗް އިންވެސްޓްމެންޓްސްއިން އެތަނުގައި އަޅާ 25 ބުރީގެ އިމާރާތުގައި 135 ކޮޓަރީގެ ފައިވް ސްޓާ ހޮޓަލެއްގެ އިތުރުން، 118 ރެޒިޑެންޝަލް އެޕާޓްމެންޓް ހިމެނެއެވެ.
ނަސަންދުރާ ރެޒިޑެންސްގައި ހުންނަ ހުރިހާ އެޕާޓްމެންޓަކީވެސް ސާވިސްޑް އެޕާޓްމެންޓްތަކެކެވެ. ނަސަންދުރާ ރެޒިޑެންސްގެ 118 އެޕާޓްމެންޓަކީވެސް ފުލީ ފާނިޝްޑް، އަދި ދިރިއުޅުމަށް ބޭނުންވާ ހުރިހާ ކަމެއްވެސް ފުރިހަމަކޮށްފައި ހުންނާނެ ތަންތަނެވެ. ނަރަންދުރާ ރެޒިޑެންސްގައި 13 ވައްތަރުގެ ތަފާތު އެޕާޓްމެންޓްސް ހުންނާނެއެވެ.
ނަސަންދުރާގެ އެޕާޓްމަންޓުތައް ވެސް މިހާރު ވަނީ ބުކް ކޮށް ފުލްވެފައެވެ.
މިއަހަރުގެ ލިވިން އެކްސްޕޯގައި ބައިވެރިވާ ކުންފުނިތަކުގެ ތެރެއިން މާލޭގައި ހައުސިން ޔުނިޓު އަޅާ ކުންފުނިތަކަށް މާކަބޮޑު ތަރުހީބެއް ނުލިބެއެވެ. އެ އެކްސްޕޯއަށް ޒިޔާރަތް ކުރި ބައެއް މީހުންނާ ސުވާލުކޮށްލުމުން އެންމެންވެސް ބުނަނީ ކުރިމަގު އޮތީ ހުޅުމާލޭގައި ކަމަށެވެ. އަދި ގިނަ މީހުން ބޭނުން ވަނީ ހުޅުމާލެއަށް ދިރިއުޅުން ބަދަލުކޮށްލުމަށެވެ.
ހައިރައިޒުން އިންތިޒާމުކޮށްގެން 2013 ވަނަ އަހަރުން ފެށިގެން، ލިވިންގް އަދި ލައިފްސްޓައިލް ޕްރޮޑަކްޓްސް ޝޯކޭސްކުރުމަށް ބާއްވަމުން އަންނަ މޯލްޑިވްސް ލިވިންގް އެކްސްޕޯ މައުރަޒަށް ރިއަލް އެސްޓޭޓް އަދި ސާވިސް އިންޑަސްޓްރީގެ ބައިވެރިވުން އިތުރުކުރީ މިދިޔަ އަހަރުއެވެ.