މިދިޔަ ބުރާސްފަތި ދުވަހު ފެށި ލިވިން އެކްސްޕޯގެ ފަސް ވަނަ މައުރަޒު ޚާއްސަ ކުރެވިފައިވަނީ، އެކި ސަބަބުތަކާ ހުރެ ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރުމަށް އެދޭ ބޭފުޅުންނަށް އެކި ފެންވަރުގެ އެޕާޓްމެންޓް ލިބޭނެ ފުރުސަތު ފަހި ކޮށްދިނުމަށެވެ.
މިއަހަރުގެ މައުރަޒުގައި ގިނަ އަދަދެއްގެ ލައިފްސްޓައިލް ޕްރޮޑަކްޓްސް ޝޯކޭސް ކުރަމުންދާއިރު އޭގެ ތެރޭގައި ގެދޮރުގައި ބެހެއްޓިދާނެ ޒަމާނީ ވަސީލަތްތައް ތަޖުރިބާ ކޮށްލުމާއި ހޯމް ފައިނޭންސިން އާއި އިންޝުރެންސް ޚިދުމަތްތަކުގެ މައުލޫމާތު ހިމެނެއެވެ.
މިރޭ 11:00 ޖަހާއިރު އެ މައުރަޒު ނިމުމަކަށް އަންނާނެ އެވެ. ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ އެ މައުރަޒުގެ މިއަދަކީ ފަހު ދުވަސް ކަމަށްވާއިރު، މައުރަޒު ޚާއްސަ ކުރި މަގްސަދު ފުރިހަމަ ވޭތޯ ސުވާލު އުފެދެ އެވެ. އެއީ މައުރަޒު ޚާއްސަ ކުރެވިފައިވަނީ ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރުމަށް އެދޭ ބޭފުޅުންނަށް ކަމަށްވީ އިރު، އެ މަގުސަދު ފުރިހަމަވޭތޯ އާ މެދު ކުރެވޭ ސުވާލެވެ.
މައުރަޒުގައި ރާއްޖެއިން ބޭރުގައި ހުރި އެޕާޓްމަންޓުތައް ޝޯކޭސް ކުރަނީ ދެ ކުންފުންޏަކުންނެވެ. އެއީ ސްރީލަންކާ، އިންޑިއާ، ބަނގުލަދޭޝްގެ އަދި ރާއްޖޭގައި ވެސް ޕްރޮޖެކްޓްތައް ހިންގާފައިވާ ޖޭއޭޓީ ހޯލްޑިންސް އާއި ލަންކާގެ ބްލޫ މައުންޓަން ޕްރޮޕަޓީސް ކުންފުންޏެވެ.
ޖޭއޭޓީ ހޯލްޑިންގ އަކީ 1993 ވަނަ އަހަރު އުފެދުނު، ދުނިޔޭގެ މަޝްހޫރު ފާނީޝިން އަދި ފިނިޝިން ބްރޭންޑުތައް ވިއްކާ ކުންފުންޏެކެވެ. ރާއްޖެ ހިމެނޭގޮތަށް ތިން ގައުމެއްގައި އެ ކުންފުނީގެ ބުރާންޗުތައް ގާއިމްކޮށްފައިވާ ޖޭއޭޓީން މިހާރު ވެސް ދަނީ ލަންކާގައި ބޮޑެތި ކޮންޑޯތައް ހަދަމުންނެވެ. އެގޮތުން "77 ރެސިޑެންސީސް" އަށްފަހު އެ ކުންފުނިން ދަނީ "96 ރެސިޑެންސީސް" ގެ ނަމުގައި އިތުރު އިމާރާތެއް ލަންކާގައި އިމާރާތް ކުރަމުންނެވެ.
އެ އެޕާޓްމަންޓައް ޕްރޮމޯޓު ކުރުމަށް މިހާރު އެކުންފުނި މިއޮތީ ރާއްޖެ އައިސް އެވެ.

ރާއްޖޭގެ ގާތްގަނޑަކަށް 25 ޕަސެންޓް ރިސޯޓް މާކެޓަށް ހިދުމަތް ފޯރުކޮށްދެމުންދާ ޖޭއޭޓީ ހޯލްޑިންގ އިން ވަނީ ރާއްޖޭގެ ފާހަގަކޮށްލެވޭ މަޝްހޫރު ރިސޯޓްތަކުގެ ތެރޭގައި ޝެރަޓަން ފުލް މޫން ރިސޯޓް، ހުދުރަން ފުށި، އަނަންތަރާ ގުރޫޕް އަދި ހުވަފެން ފުށި ފަދަ ރިސޯޓްތަކަށް ތަކެތި ސަޕްލައި ކޮށްދީފައެވެ.
ޖޭއޭޓީ ކުންފުނީގެ ރާއްޖޭގެ މުހިއްމު ކަސްޓަމަރުންގެ ތެރޭގައި ކޯސްޓްލައިން އިންވެސްޓްމަންޓް، އައިމާ ކޮންސްޓްރަކްޝަން، އެމްޓީސީސީ، އަދާރަން ގްރޫޕް، ފޯ ސީޒަން ގްރޫޕް އަދި ޔުނިވާސަލް ގުރޫޕް ފާހަގަކޮށްލެވެ އެވެ.
ލިވިން އެކްސްޕޯގެ ތެރެއިން އެކުންފުނީގެ އެޕާޓްމަންޓުތަކަށް ލިބެމުން އަންނަނީ ވަރަށް ފިނި ތަރުހީބެކެވެ. ނަމަވެސް ފުރަތަމަ ދުވަހު އެކުންފުނީގެ ސްޓޯލަށް ރަނގަޅު ތަރުހީބެއް ލިބުނެވެ. އިއްޔެއާއި މިއަދު ޒިޔާރަތް ކުރާ މީހުންގެ އަދަދު މަދުވި ނަމަވެސް އެ ސްޓޯލުން ބުނީ އެކްސްޕޯ މެދުވެރިކޮށް ލިބުނު ފުރުސަތު ވަރަށް ރަނގަޅު ކަމަށެވެ.
ޖޭއޭޓީގެ އެޕާޓްމަންޓުތައް ހުރީ ހަ ޔުނިޓަކަށެވެ. އެއީ 1471.6 އަކަފޫޓުގެ އެޕާޓްމަންޓާއި، 1271.80 އަކަ ފޫޓުގެ އެޕާޓްމަންޓާއި 1084.6 އަކަފޫޓުގެ އެޕާޓްމަންޓާއި، 1306 އަކަފޫޓުގެ އެޕާޓްމަންޓުގެ އިތުރުން 901.6 އަކަފޫޓާއި 1164 އަކަފޫޓުގެ އެޕާޓްމަންޓެވެ. މީގެ ތެރޭގައި ތްރީ ރޫމް އެޕާޓްމަންޓާއި ދެ ރޫމް އެޕާޓްމަންޓް ހިމެނެއެވެ.
މި އެޕާޓްމަންޓުތަކުގެ އަގު އުޅެނީ 22.9 މިލިއަން ލަންކާ ރުޕީސް އާއި 34.8 މިލިއަން ރުޕީސްއާ ދެމެދު އެވެ.
ދެން ހުރީ 1596.39 އަކަފޫޓުގެ އެޕާޓްމަންޓާއި 1446.56 އަކަފޫޓުގެ އެޕާޓްމަންޓުތަކާއި 1381.65 އަކަފޫޓާއި، 2218.55 އަކަފޫޓުގެ އެޕާޓްމަންޓުގެ އިތުރުން 2211.01 އަކަފޫޓުގެ އެޕާޓްމަންޓާއި 3456.4 އަކަފޫޓުގެ އެޕާޓްމަންޓެވެ. މީގެ ތެރޭގައި ފަސް ބެޑްރޫމާއި ހަތަރު ބެޑްރޫމުގެ އިތުރުން ތިން ބެޑްރޫމާއި ދެ ބެޑްރޫމުގެ އެޕާޓްމަންޓުތައް ހިމެނެއެވެ.
މި އެޕާޓްމަންޓުގެ އަގުތައް އުޅެނީ 40 މިލިއަން ލަންކާ ރުޕީސްއާއި 63 މިލިއަން ލަންކާ ރުޕީސް އާ ދެމެދުގެ އަގެއްގައެވެ.
ޖޭއޭޓީން ބުނީ އެ ސްޓޯލަށް އަންނަ މީހުންގެ ތެރެއިން ގިނައީ ދިވެހިން ކަމަށާއި، ބޭރު މީހުންވެސް އެ ސްޓޯލަށް ޒިޔާރަތްކުރައްވާ ކަމަށެވެ.
.
ފެބްރުއަރީ 16، 2017: ދިވެހީންނަށް އެޕާޓްމެންޓު ހޯދުމަށް ފަހި ފުރުސަތްތަކާއެކު ލިވިން އެކްސްޕޯ 2017 ހުޅުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ލިވިން އެކްސްޕޯގައި، ރާއްޖެއިން ބޭރުގައި ހުރި އެޕާޓްމަންޓުތައް ޝޯކޭސް ކުރާ އަނެއް ކުންފުންޏަކީ ލަންކާގެ ބްލޫ މައުންޓަން ޕްރޮޕަޓީސް ކުންފުންޏެވެ. އެ ކުންފުނިން ޝޯކޭސް ކުރަނީ ހަތް ތަރީގެ ރެޒިޑެންޝަލް އެޕާޓްމެންޓްސްގެ ގޮތުގައި ސްރީލަންކާގައި ތަރައްގީކުރާ "އަކިލިއަން" އެވެ.
އަކިލިއަން އަކީ، ސްރީލަންކާގެ ފުރަތަމަ ސްކައި ބްރިޖާއި، ހެލިޕެޑަކުން ގުޅިފައިވާ، 50 ބުރީގެ ދެ ޓަވަރުގެ މައްޗަށް އެކުލެވޭ ބޮޑު އިމާރާތެކެވެ. މިއީ ލަންކާގެ ބްލޫ މައުންޓަން ޕްރޮޕަޓީސް ކިޔާ ކުންފުންޏަކުން ހިންގާ މަޝްރޫއެކެވެ.
އަކިލިއަން އިމާރާތް ކުރަނީ ސްރީލަންކާގެ ކޮލޮމްބޯގެ މަޝްހޫރު ޝޮޕިންގް މޯލް މެޖެސްޓިކް ސިޓީ ކައިރީގައި، ބަމްބަލަޕިޓިޔާ ސްޓޭޝަން ރޯޑުގައެވެ. އަކިލިއަން ހުންނަނީ މެޖެސްޓިކް ސިޓީގެ ޕާކިންގް ލޮޓުގެ ގޮތުގައި މީގެ ކުރިން ބޭނުންކުރި ބިމުގައެވެ. އެ ބިމަކީ 2.34 ބިލިޔަން ރުޕީސްއަށް (15.9 މިލިޔަން ޑޮލަރު) ބްލޫ މައުންޓަން ޕްރޮޕަޓީސްއިން ގަނެފައިވާ ބިމެކެވެ.
އެބިމުގައި ހަދާ އަކިލިއަން ޓްވިން ޓަވަރުގެ އުސްމިނުގައި 170 މީޓަރު ހުންނާނެއެވެ. އަކިލިއަންގެ 50 ބުރީގެ ތެރެއިން އަށް ބުރި، ޕާކިންގްއަށް ޚާއްސަ ކުރާ އިރު، 586 ލަގްޒަރީ އެޕާޓްމެންޓް ހުންނާނެއެވެ. އޭގެ ތެރޭގައި އެއް ކޮޓަރި، ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމެންޓާއި، ލަގްޒަރީ ޕެންޓްހައުސްތައް ވެސް ހުރެއެވެ. މި އެޕާޓްމެންޓްތަކުގެ ތެރެއިން 85 ޕަސަންޓު އެޕާޓްމެންޓުތަކުން، ކޮލޮމްބޯގެ ހުޅަނގަށް އޮންނަ އިންޑިއާ ކަނޑުގެ ހިއްގައިމު މަންޒަރު ފެންނާނެއެވެ.
އަކިލިއަންގެ އާކިޓެކްޗަރަލް ޑިޒައިން ހަދާފައިވަނީ ސިންގަޕޫރުގެ ޕާމަރ އެންޑް ޓާނަރ ގްރޫޕުންނެވެ. އެއީ ރެޒިޑެންޝަލް ޑިޒައިންގައި ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކުންފުންޏެވެ. އަކިލިއަންގެ އިންޓީރިއާ ޑިޒައިނަރަކީ ސިންގަޕޫރުގެ އިންޑެކްސް އިންޓީރިއާއެވެ.
ބްލޫ މައުންޓަން ގްރޫޕުގެ ސޭލްސް މެނޭޖަރު ބުނި ގޮތުގައި، އަކިލިއަންގައި ހެލިޕެޑެއް އޮންނަ އިރު، އެތަނުގައި ދިރިއުޅޭ މީހުންނަށް އަމިއްލަ ހެލިކޮޕްޓަރު ގެންގުޅުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ރެޒިޑެންޓުންނަށް ޚާއްސަ، މާސިޑީސް ކާރު ފްލީޓެއްވެސް އެޕާޓްމެންޓާ އެކު ލިބޭނެ ކަމަށް ބްލޫ މައުންޓަނުން ބުނެއެވެ. ރެޒިޑެންޓުން ޒިންމާވާން ޖެހޭނީ ކާރުގެ ތެލުގެ ޚަރަދަށް އެކަންޏެވެ.

އޭގެ އިތުރުން އަކިލިއަން އިމާރާތުގައި 360 ޑިގްރީ ސްކައި ރެސްޓޯރަންޓަކާއި، 24 ގަޑިއިރު ޚިދުމަތްދޭ މެޑިކަލް ސެންޓަރަކާއި ބެކްއަޕް އެމްބިއުލާންސެއްގެ އިތުރުން، ސިނަމާއަކާއި ކުތުބުޚާނާއަކާއި 28 މީޓަރުގެ އިންފިނިޓީ ޕޫލެއް ހުންނާނެއެވެ.
އަންނަ 2020 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ނިންމަން ހަމަޖައްސާފައިވާއިރު މާލޭގައި ބާއްވާ މި އެކްސްޕޯގައި ބައިވެރިވެ އެކުންފުނިން މިދަނީ އެޕާޓްމަންޓުތައް ޕްރޮމޯޓު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ ކުރިން އެކުންފުނިން ވަނީ ޑުބާއީގައިވެސް އަކިލިއަންގެ އެޕާޓްމަންޓުތައް ޝޯކޭސްކޮށްފައެވެ. މިއީ އެކުންފުނިން ރާއްޖޭގައި މާކެޓް ކުރާ ފުރަތަމަ ފަހަރެވެ.
ބްލޫ މައުންޓަންގެ ސްޓޯލުން ބުނީ ގިނަ އަދަދެއްގެ ދިވެހިން އެ ސްޓޯލަށް އަންނަ ކަމަށާއި ހީކުރު ވަރަށްވުރެ ވެސް ތަރުހީބު ބޮޑު ކަމަށެވެ. ނަމަވެސް އެ އެޕާޓްމަންޓުތަކަކީ ހަތް ތަރީގެ ތަންތަން ކަމަށްވުމުން ގިނަ ބަޔަކަށް އަގު ބޮޑުވެ، ބުކިން ހަދަން ޖެހިލުންވާ ކަމަށް އެ ސްޓޯލުން ބުންޏެވެ.
"މިދިޔަ ތިން ދުވަހުވެސް ވަރަސް ބިޒީ. މިއަދުވެސް އެހާ ބިޒީ. މިތަނަށް އައި ބައެއް މީހުން އެބަ ބުނޭ ސްރީލަންކާއަށް ގޮސް އަދި އިތުރު މީޓިންތަކެއް ބާއްވަންވެސް،" އެކުންފުނީގެ މާކެޓިން މެނޭޖަރު ވިދާޅުވިއެވެ.
އަކިލިއަން އިން މިހާރު ބުކް ކުރަން ހުޅުވާލާފައިވަނީ ތިން ބެޑްރޫމާއި ދެ ބެޑް ރޫމާއި އެއް ބެޑް ރޫމުގެ އެޕާޓްމަންޓުތަކެވެ. އެއް ބެޑްރޫމްގެ އެޕާޓްމަންޓުގެ އަގު ފަށަނީ 150،000 ޑޮލަރުންނެވެ. ދެ ބެޑް ރޫމްގެ އެޕާޓްމެންޓެއްގެ އަގު 360،000 ޑޮލަރަށް އުޅޭ އިރު ތިން ރޫމް އެޕާޓްމެންޓެއް އުޅެނީ 550،000 ޑޮލަރަށެވެ.
ބޭރުގެ އެޕާޓްމަންޓުތަކަށް ދިވެހިން އެދޭ މިންވަރު މި އެކްސްޕޯގެ ތެރެއިންވެސް ސާފުވެގެން އެބަ ދެއެވެ. ތޮށްޖެހިފައިވާ މާލެއިން ބޭރުވުމަށް ގިނަ ބަޔަކު އެދޭކަން މިކަމުންވެސް ސާބިތުވެ އެވެ.
ހައިރައިޒުން އިންތިޒާމުކޮށްގެން 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވާ މި މައުރަޒު މިރޭ ނިންމާލާ އިރު މި މައުރަޒުވެސް ފާހަގަ ކުރެވެނީ ކާމިޔާބު މައުރަޒެއްގެ ގޮތުގައެވެ.