މަހުފޫޒު މަރާލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ އެންމެން ދޫކޮށްލައިފި

މަހުފޫޒު އައިޖީއެމްއެޗްގައި --- ފޮޓޯ/ ސޯޝަލް މީޑިއާ

ގާނޫނީ ވަކީލު މަހުފޫޒު ސައީދު މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުވާ އުފުލި އެންމެން ދޫކޮށްލައިފިއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އެ އެންމެން ދޫކޮށްލީ މިދިޔަަ އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުންނެވެ. އާދީއްތަ ދުވަހާ ހަމައަށް އެމީހުން ބަންދުގައި ތިބީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރަކާ ގުޅިގެންނެވެ. ނަމަވެސް އެ ދުވަހު ވަނީ އެ އަމުރު ބާތިލްކޮށް އެމީހުން ދޫކޮށްލާފައެވެ.

އެ މައްސަލައިގެ ޝަރީއަތް އަދި ނިމިފައެއްނުވެއެވެ.

މަހުފޫޒު މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ ހުޅުމާލެ ފްލެޓް 11270 އަހުމަދު ރާއިދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރަން އުޅުމުގެ ކުށުގެ ދައުވާއެވެ.

މަހުފޫޒު މަރާލަން އުޅުމުގައި ބައިވެރިވި ކަމުގެ ދައުވާ އުފުލާފައި ވަނީ ހ. ސެނާ، ޚާލިދު ނަފީއު އާއި މާލޭ ދަފްތަރު 6201 ފިރާޒް ޖައުފަރުގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލާގައި ތުހުމަތު ކުރެވޭ ހަތަރު ވަނަ މީހާ ކަމުގައިވާ ރ. އިނގުރައިދޫ، ކަރަންކާގޭ އުމުރުން 24 އަހަރުގެ ޝަފްރާޒު އިބްރާހީމް ހޯދުމަށް އިންޓަޕޯލުން ވަނީ ރެޑްނޯޓިސް ނެރެފައެވެ. އޭނާ ދިރިއުޅެމުންދަނީ ސްރީލަންކާގައެވެ.

މަހުފޫޒުގެ ބޮލުގެ އަރިމައްޗަށް ވަޅި ހެރުމުގެ ސަބަބުން ލިބުނު ސީރިއަސް ޒަޚަމްތަކަށް އައިޖީއެމްއެޗާއި ސްރީލަންކާގެ ހޮސްޕިޓަލަކުން އޭނާ ފަރުވާ ހޯއްދަވާފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު މަހުފޫޒުގެ ބޮލުގެ އަރިމައްޗަށް ހެރި ވަޅި ވަނީ ދެ އިންޗި ފުންމިނަށް ވަދެފައެވެ. އެވަޅި ނަގާފައިވަނީ ތިން ގަޑިއިރުގެ އޮޕަރޭޝަނަކުންނެވެ.

comment ކޮމެންޓް