ޑިމޮކްރެޓްސްގެ ރައީސް ކަމަށް ހަސަން ލަތީފު ވާދަކުރަނީ

ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް -- ސަން ފޮޓޯ

ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހަސަން ލަތީފްގެ މުއައްސިސުކަމުގައި ދާދި ފަހުން އުފެއްދި އާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް"ގެ ރައީސް ކަމަށް އޭނާ ކުރިމަތިލާކަން މިއަދު ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައި ވަނީ ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައެވެ. އޭނާ ވިދާޅުވީ، ޑިމޮކްރެޓްސްގެ ރައީސް ކަމަށް ކުރިމަތިލުމަށް މިހާރު ފޯމް ހުށަހަޅާފައި ވާކަމަށެވެ. އަދި، ކުރިމަތިވާނެ ގޮންޖެހުންތަކަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.

ޑިމޮކްރެޓްސްގެ މަގާމުތައް ފުރުމަށް ޝައުގުވެރިވާ މީހުން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އާދިއްތަ ދުވަހުއެވެ. މަގާމުތަކަށް ކުރިމަތި ލުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ.

ޑިމޮކްރެޓްސްގެ މަގާމުތަކުގެ ތެރޭގައި ހަ ދާއިރާއަކުން 22 މަގާމު ހިމެނެއެވެ. މި ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ބާއްވަން ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހެވެ.

ހަސަން ލަތީފުގެ އިތުރުން އެހެން ބޭފުޅަކު މިހާތަނަށް އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައިފައެއް ނުވެއެވެ.

މިދިޔަ މަހުގެ 14ވަނަ ދުވަހު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރުކަމަށް އައްޔަން ކޮށްފައެވެ.

https://sun.mv/182003

އެމްޑީޕީއާ އެކު އުފެދުނު ސިޔާސީ ޚިޔާލު ތަފާތުވުން ތަކަކަށް ފަހު ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ މެންބަރުންތަކެއް އެ ޕާޓީން ވަކިވިއެވެ. އެއަށް ފަހު އެ މެންބަރުން އިސްވެ "ދަ ޑިމޮކްރެޓްސް" އުފައްދާފައި ވަނީ މިދިޔަ މޭ މަހުގެ 24 ވަނަ ދުވަހުއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވެސް އެ ޕާޓީން ވާދަކޮށް، ތިންވަނަ ހޯދިއެވެ. އެ ޕާޓީން އިންތިޚާބުގައި ވާދަކުރެއްވި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ 15،000 ވޯޓެވެ.

comment ކޮމެންޓް