ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް މިރޭ ފުރާވަޑައިގެންފިއެވެ.
ޒަމީރު ޔޫއޭއީއަށް ކުރައްވާ މި ދަތުރަކީ، އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން މިނިސްޓަރު ޝެއިހް އަބްދުالله ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މި ދަތުރަކީ އަންނަ ބުދަ ދުވަހާ ހަމައަށް ދިގުދެމިގެންދާ ދަތުރެއް ކަމަށެވެ.
މި ދަތުރުގައި ޒަމީރު ޔޫއޭއީގެ ފޮރިން މިނިސްޓަރާއި ޔޫއޭއީ ސަރުކާރުގެ އިސް ވެރިންނާއެކު މަތީ ފަންތީގެ މަޝްވަރާތަކެއް ކުރައްވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި މި ދަތުރަކީ ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ޒަމީރުގެ އަރިހުގައި އެމްބެސެޑާ އެޓް ލާޖް އަހުމަދު ނަސީރާއި، ސެކްރެޓަރީ ބައިލެޓަރަލް ޑރ. ހާލާ ހަމީދުގެ އިތުރުން ޖޮއިންޓް ސެކްރެޓަރީ މަރިޔަމް ރީޝާ ބައިވެރިވެވަޑައިގަންނަވައެވެ.
މިދިޔަ މަހު މިނިސްޓަރު ޒަމީރު ވަނީ ސައުދީ އަރަބިއްޔާއަށް ވެސް ރަސްމީ ދަތުރެއް ކުރައްވާފައެވެ.
comment މުނާޒު
10 month 3 week ago
ނާށިގަނޑު ހިފައިގެން ހަތަރުދަމު ގައުމުތަކަށް ސަލާންޖަހައިގެންވެސް މިއުޅެނީ އަދި އެއްޗެއް ނުލިބިގެންދޯ.
comment ސސ
10 month 3 week ago
ފައިސާނެތިގެން ހަރަދު ކުޑަކުރަން ސާކިއުލާ ނެރެފައި، ވަޒީރުން ދަތުރުފަތުރުގައި، ތިޔަ މީޓިން އޮންލައިންކޮށް ވީޑިއޯ ކޮންފަރެންސުކޮށް ނުބޭއްވޭނެތޯ ހަމަ ފިޒިކަލީ ވާންޖެހޭތޯ ؟