މީގެ ދެ އަހަރު ކުރިން ނެޓްފްލިކްސްގައި ޕްރީމިއާ ކުރި ތުރިލަ ވެބް ސީރީސް "ޔެ ކާލި ކާލި އާންކޭ"ގެ ދެވަނަ ސީޒަން އަންނަ މަހުގެ 22ވަނަ ދުވަހު ނެޓްފްލިކްސްގައި ރިލީޒް ކުރާނެކަން އިއުލާނުކޮށްފިއެވެ.
ޑައިރެކްޓްރު ސިދާތު ސެންގުޕްތާ ލިޔެ ތައްޔާރުކުރި ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފެއްދި މި ވެބް ސީރީސް އަކީ މާ މަޝްހޫރު ނޫން ތަރިންނާ އެކު ގެނެސްދިން ސީރީސްއެކެވެ. އެހެންނަމަވެސް ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް މި ސީރީސްގެ ފުރަތަމަ ސީޒަނަށް ވަނީ ލިބިފައެވެ.
ސިދާތު ސެންގުޕްތާ ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ މި ސީރީސްގެ ދެވަނަ ސީޒަންއިން ވެސް ފުރަތަމަ ސީޒަންގެ ކާސްޓުން ފެންނާނެއެވެ.

"ޔެ ކާލި ކާލި އާންކޭ"ގެ ފުރަމަ ސީޒަންގެ މަންޒަރެއް--ފޮޓޯ/ސައިންބްލިޓްޒް
އަލަށް ފެންނާނެ އެކްޓަރެއްގެ ގޮތުގައި ޓީވީ ސީރީސްތަކުން ބޮޑު މަޝްހޫރުކަމެއް ހޯދި އެކްޓަރު ގުރުމީތު ޗައުދަރީ ހިމެނޭއިރު އެމޭޒަން ވެބް ސީރީސް "މިރުޒާޕޫރު"ގެ ބަތަލާ ޝްވޭތާ ތުރިޕާތީ، ޕްރާޗީ ޖޭން އަދި ތާހިރު ރާޖް ބަހްސެއިން ދެވަނަ ސީޒަންއިން ވެސް ފެންނާނެއެވެ.
އެކްޓަރު ތާހިރު ރާޖް ބަހްސެއިންއަކީ އާއްމުކޮށް ކްރައިމް ތުރިލާ ފިލްމުތަކުން އާއްމުންގެ މެދުގައި މަގުބޫލުކަން ހޯދި އެކްޓަރެކެވެ. އޭގެތެރޭގައި ބަތަލާ ރާނީ މުކަރުޖީއާއެކު ކުޅުނު ފިލްމު "މަރުދާނީ" ހިމެނެއެވެ.
މި ރޮމޭންޓިކް ކްރައިމް ތުރިލާގެ ވާހަކައިގެ ފުރަތަމަ ސީޒަންއާ އެއްގޮތަށް ދެވަނަ ސީޒަން ވެސް ބިނާކޮށްފައި ވަނީ ތިނެސްކަން ލޯބީގެ ހާދިސާއެއްގެ މައްޗަށް ކަމަށާއި ނަމަވެސް އިތުރު ބެލުންތެރިން ސިއްސުވާލާނެ ގޮތަކަށް ދެވަނަ ސީޒަންގެ ވާހަކައަށް ބަދަލު ގެނެވިފައިވާކަމަށް ޑައިރެކްޓަރު ސެންގުޕްތާ ވަނީ ބުނެފައެވެ.