ކާޖޮލްގެ މި ފިލްމު އިންތިހާއަށް ބިރުވެރި!

ފިލްމު "މާ"ގެ އާ ޕޯސްޓަރެއްގައި ބަތަލާ ކާޖޮލް--ފޮޓޯ/ޕިންކްވިލާ

ބޮލީވުޑްގެ ބަތަލާ ކާޖޮލް ފުރަތަމަ ފަހަރަށް ކުޅޭ ބިރުވެރި ފިލްމު "މާ"ގެ އާ ޕޯސްޓަރުތަކެއް ބަތަލާ ބެލުންތެރިންނާ ހިއްސާކޮށްފިއެވެ.

މި ފިލްމުގެ މުޅިން އާ ޕޯސްޓަރުތަކެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރުމާ އެކު މި ފިލްމަކީ ޝައިޠާނީ ދުނިޔޭގެ ބިރުވެރިކަން އިންތިހާއަށް ބެލުންތެރިންނަށް ފެންނާނެ ފިލްމެއް ކަމަށް ވަރަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ޑައިރެކްޓަރު ވިޝާލް ފޫރިއާގެ ފިލްމު "މާ" އަކީ ބަތަލާ ކާޖޮލްގެ ފިރިމީހާ އެކްޓަރު އަޖޭ ދޭވްގަންގެ ފިލްމު ކުންފުންޏާއި ޖިއޯ ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

ފިލްމު "މާ"ގެ ޕޯސްޓަރުތަކާ އެކު ބައެއް މީހުން ބުނެފައި ވަނީ ކާޖޮލް މުޅިން އަލަށް ބިރުވެރި ފިލްމަކުން ފެންނައިރު މިއީ މިހާތަނަށް ކާޖޮލްގެ އެންމެ ވަރުގަދަ ޕާފޮމެންސް ފެންނާނެ އެއް ފިލްމު ކަމަށެވެ.

ފިލްމު "ދޯ ޕައްތީ"ގެ މަންޒަރެއްގައި ކްރިތީ ސެނޮން އަދި ބަތަލާ ކާޖޮލް--ފޮޓޯ/ޕިންކްވިލާ

މި ފިލްމުގައި ކާޖޮލް ފެންނާނީ އާއިލާއަށް ދިމާވާ ބިރުވެރި ހާދިސާތަކަކުން އާއިލާގެ މެމްބަރުން ސަލާމަތް ކުރުމަށް މަސައްކަތްކުރާ ހިތްވަރުގަދަ މަންމައެއްގެ ރޯލުންނެވެ.

ކާޖޮލްއާ އެކު މި ފިލްމުން ފެންނާނެ މުހިއްމު ތަރިންގެތެރޭ ރޮނިތު ރޯއި، އިންދްރަނީލް ސެންގުޕްތާގެ އިތުރުން ހެރިން ޝަރުމާ ހިމެނެއެވެ.

މި ފިލްމަކީ މިދިޔަ އަހަރު ބެލުންތެރިންނަށް ގެނެސްދިން ފިލްމު "ޝައިޠާން"ގެ ޓީމުން ގެނެސްދޭ ފިލްމަކަށް ވުމުން ފިލްމުން ފެންނާނެ ބިރުވެރި މަންޒަރުތައް އިންތިހާއަށް ބޮޑުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވާ ތާރީޚަކީ އަންނަ މަހުގެ 27އެވެ.

ކާޖޮލް އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ނެޓްފްލިކްސްއިން ގެނެސްދިން ތުރިލާ ފިލްމު "ދޯ ޕައްތީ"އިންނެވެ.

comment ކޮމެންޓް