ނަސްރުގެ ދުވަސް ފާހަގަކުރުމަށް މިރޭ އޮތް ޖަލްސާގައި މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ ޢަލީ ޖަލީލަށް ޢިއްޒަތް އަރުވަން ތައްޔާރުވުމާއެކު ޖަލްސާގެ މުޅި ދަރުބާރު ހިމޭންވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމުތައް ދެއްވުމުގެ ކުރިން އާންމު އުސޫލުން، ރައީސް އޮފީހުގެ ކޯޕަރޭޓް ސާވިސަސް ސެކެޓްރީ ހުސައިން އާމިރު ފެއްޓެވީ އިއްޒަތް އެރުވުމަށް ޓަކައި ރައީސް ނިންމެވި ގަރާރު އިއްވުމަށެވެ.
އެ ވަގުތު އެ ބޭފުޅަކަށް ޓަކައި މިރޭ ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް އެރުވުނު މޫސާ އަލީ ޖަލީލްގެ ލޯފުޅުން 'ހޯސްލައިފައި' ކަރުނަ އޮހިގަތެވެ.
އިސް އުފުލައިގެން ހުންނަވާ، ކަރުނަ ފޮހެމުން ގެންދެވިއެވެ. ހިމޭނުން ހުންނެވިއެއް ކަމަކު އެ ވަގުތު އެ އޮހުރުނު ކަރުނައިން ކިޔައިދެނީ އެތައް ވާހަކައެކެވެ.
މޫސާ އަލީ ޖަލީލަށް މިރޭ އެ އިއްޒަތް އަރުވަން ރައީސް ނިންމެވީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އޭނާއަކީ ނޮވެމްބަރު ތިނެއް، 1988ގެ އުދުވާނީ ހަމަލާގައި އެންމެ އިސް ސަފުގައި ޖިހާދަށް ނުކުންނެވި އެއް ބަޠަލެވެ.
ސިފައިންގެ ޚިދުމަތަށް ވަދެވަޑައިގެންނެވިތަނާ އެންމެ އަށް އަހަރު ތެރޭ ދެއްކެވީ މަތިވެރި ހިތްވަރާއި ކެރުންތެރިކަމެވެ.
ސިފައިންގެ ތެރެއިން ދުޝްމަނުންނާ ދެކޮޅަށް ނިކުންނެވި 10 ބޭކަލުންގެ ލީޑަރަކީ އެ ދުވަހު މޫސާ އަލީ ޖަލީލެވެ. ނުރައްކަލުގެ ތެރެއަށް ފުރާނަ އަތްމައްޗަށް ލައްވައިގެން އޭނާއާއި ބައިވެެރިން ނިކުންނެވިއެވެ.
އަދި ދުޝްމަނުން ފަހަތަށް ޖެއްސުމަށް ޓަކައި ރައްދު ހަމަލާތައް ދެއްވަމުން ގެންދެވިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު، ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް މޫސާ އަލީ ޖަލީލަށް އެރުވުން -- ފޮޓޯ/ ރައީސް އޮފީސް
އެކުގައި ނިކުންނެވި ތިން ބޭކަލަކު ޝަހީދުވުމާއެކު މާޔޫސްވެ ހިތްވަރުދެރަވި ނަމަވެސް ސިފައިންގެ ތެރެއަށް އަލުން ވަދެވުމާއެކު އޭނާ މަސައަކަތް ކުރެއްވީ އެ ތަނުގެ ތެރޭގެ ކަންކަން ހަމައަކަށް އެޅުވުމަށެވެ.
މިއީ އެ ދުވަހު މޫސާ އަލީ ޖަލީލު ދެއްކެވި ހިތްވަރުގެ ވަރަށް ކުޑަ މިންވަރެކެވެ.
އޭގެ ފަހުން، ވެސް ގައުމުގެ ދިފާއުގެ ސަފުގައި ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައި އެންމެ އިސް މަގާމާ ހަމައަށް ވާސިލްވެވަޑައިގެންނެވޭނީ އެތައް ގުރުބާނީއަކާ އެކުގައެވެ.
މޫސާ އަލީ ޖަލީލް ޢަސްކަރިއްޔާގައި އަދާކުރެއްވި ޤައުމީ ޚިދުމަތަށް ޝަރަފުގެ ނިޝާނުގެ ގޮތުގައި، 9 ކުލައާއި، 11 މެޑެލް ލިބިވަޑައިގެންފައިވެއެވެ. އެގޮތުން ލިބިވަޑައިގެންފައިވާ ބައެއް ކުލަތަކުގެ ތެރޭގައި އިޚްލާސްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލަ، އަދި އަޚްލާޤީ ކުލަ ހިމެނެއެވެ.
މީގެއިތުރުން އޭނާއަށް ލިބިވަޑައިގެންނެވި ބައެއް މެޑެލްތަކުގެ ތެރޭގައި، 3 ނޮވެންބަރުގެ މެޑެލް، ޖިހާދުގެ ރަތް މެޑެލް، ހުރަވީ ރަން މެޑެލް، ނަމޫނާ ޢަސްކަރީ އިސް ޚިދުމަތްތެރިންގެ މެޑެލް، މަތިވެރި ޚިދުމަތުގެ މެޑެލް އަދި ރައިސުލްޖުމްހޫރިއްޔާގެ މެޑެލް ހިމެނެއެވެ.
ޢަސްކަރީ ޚިދުމަތުގައި ޢަސްކަރީ އެންމެ އިސް ކޮމާންޑަރުގެ މަޤާމާއި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ވަނީ ފުރުއްވައިފައެވެ. އަދި މިނިސްޓްރ އޮފް ޑިފެންސް ނޭޝަނަލް ސެކިއުރިޓީގެ މަގާމު ވެސް އޭނާ ވަނީ ފުރުއްވާފައެވެ.
މި އަގުނުކުރެވޭ ޚިދުމަތްތަކާއެކު ހަމަ ޔަގީނުން ވެސް އެ ގަރާރު އިއްވި ވަގުތު މޫސާ އަލީ ޖަލީލްގެ ލޯފުޅުން ފާއްދާލި ކަރުނައަކީ ހަމަ އާދައިގެ ކަރުނަ ތިކިތަކެއް ނޫނެވެ.
ހިފެހެއްޓުމެއް ނެތި އޮހޮރުނު ކަރުނައިން ބުނެދެނީ މީގެ 36 އަހަރުކުރިން ޖެހި ގައުމީ ވިންދު އަދިވެސް ޖަހަމުން އަންނަ ކަމެވެ. އެ އަގުހުރި ކަރުނަތިކިތަކުން ބުނެދެނީ ދިވެހި ގައުމަށް ޓަކައި ޝުކުރުވެެރިވެ ފަޚުރުވެރިވާ މިންވަރެވެ. އެ ދުވަހު އޭނާ ގައުމަށް ޓަކައިވީ ގުރުބާނީގެ އަގު ވަޒަންކުރުމަށް ދައުލަތުން އެރުވި ޝަރަފުގެ މަތިވެރިކަމެވެ.
comment ކަރުނަ
8 month 3 week ago
"ހިފެހެއްޓުމެއްނެތް ކަރުނަ" މިވާހަކަ ވިދާޅުވީމަ އެއްޗެއް ވިސްނޭނެ.
comment ސޯދުބޭގެއަލީ
8 month 3 week ago
President Muizzu will change the damaged social fabric of this country. President Muizzu will get the people out of this dark pit! President Muizzu has the ability to pay off 25 years of debt.
reply ކުޑަ ފާއިޒު
8 month 3 week ago
ކަލޯ ފަންޑިތަ ޖެހިފަ ތަ ތިހިރީ އަޅެފަހެ. ރައީސް މުއިއްޒު ކުރައްވާ ކަންކަމެއްނޫން ތިޔަ ކިޔަނީ.