ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސް ކަމަށް މުހައްމަދު މުޖުތާޒް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
އެ ކޮމިޝަންގެ މެންބަރުކަމަށް އޭނާ އައްޔަންކުރީ މި މަހު 20 ގައެވެ.
ސީއެސްސީގެ މެންބަރުކަމުގެ މަގާމެއް ހުސްވީ އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އިބްރާހީމް ރަޝީދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވައިފައި ވަނިކޮށް، އޭނާ މިދިޔަ މަހުގެ 11ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
އެހެންވެ، އެ މަގާމަށް މުޖުތާޒް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.
އެ ކޮމިޝަންގެ ނައިބު ރައީސްކަމަށް މުޖުތާޒް އައްޔަންކުރަން މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
މުޖްތާޒަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާ އޮފް ލޯ ހާސިލްކުރައްވައިގެން ހުންނަވާ ބޭފުޅެކެވެ.
މުޖުތާޒު ވަނީ 17ވަނަ ރައްޔިތުންގެ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރުކަން ކުރައްވައިފައެވެ. އަދި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އޭނާ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ވެސް އަދައިކުރެއްވިއެވެ.