މިރޭ އިފުތިހާހުކުރި މޯލްޑިވްސް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ފަށާތާ ފަސް އަހަރު ތެރޭ އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދުމަށް އަމާޒު ހިފައިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިރޭ ބުނެފިއެވެ.
ގަތަރުގެ ޝާހީ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ޝެއިޚް ނާއިފް ބިން އަލް ޘާނީގެ ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުންޏާއި ދިވެހި ސަރުކާރާ ގުޅިގެން މާލެ ސަރަހައްދުގައި 8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރެއް ހެދުމަށް އެއްބަސްވުމުގައި ސޮއިކުރީ މިރެއެެވެ.
ފިނޭންސް މިނިސްޓްރީންވަނީ، އެ ސެންޓަރުގެ މަސައްކަތްތައް ނިމޭނީ 2030ގައި ކަމަށް ބުނެފައެވެ. އެ މިނިސްޓްރީންވަނީ އެމްއައިއެފްސީން ހާސިލު ކުރަން ކަނޑައަޅާފައިވާ ކަންތައްތައް ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- މާލީ ޓެކްނޮލޮޖީއާއި މާލީ އިދާރާތަކުގެ ސަމާލުކަން ހޯދުން
- ބޭރު ފަރާތްތަކަށް މުދާ މިލްކު ކުރުމުގެ ފުރިހަމަ ފުރުސަތު ދިނުން
- ކުންފުނިތަކާއި މުދަލުން ޓެކްސް ނުނެގުން
- ގްރީން ފައިނޭންސް އަދި ޑިޖިޓަލް އެސެޓްތަކަށް އެހީތެރިވުން
- މުޅިން އިއާދަކުރަނިވި ހަކަތައިން ހިންގުން
- 5 ވަނަ އަހަރާ ހަމައަށް 1 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރަށް އާމްދަނީ ހޯދުން
- ފަތުރުވެރިކަމުގެ އިތުރުން އިގުތިސާދު ތަފާތު ދާއިރާތަކަށް ފުޅާކުރުން
އެމްއައިއެފްސީން ބުނީ އެ ތަނުގައި ހަރަކާތްތެރިވާ ކުންފިތަކުން ޓެކްސް ދައްކަން ނުޖެހޭނެ ކަމަށާއި، ވަކި މުއްދަތެއްގައި ދިރިއުޅެން މަޖުބޫރެއް ވެސް ނުވާނެ ކަމަށެވެ.

އެމްއައިއެފްސީގެ ކުރެހުމެއް: ގަތަރާއެކު ކުރިއަށްގެންދާ މި މަޝްރޫއަކީ 8.8 ބިލިއަން ޑޮލަރުގެ މަޝްރޫއެއް -- ފޮޓޯ/ ރައީސް އޮފީސް
އެމްއައިއެފްސީން ބުނީ، ޖުމްލަ 780،000 އަކަމީޓަރުގެ ސަރަހައްދެއްގައި އެ ސެންޓަރު ގާއިމްކުރަން ދީފައިވަނީ 6،500އަށް ވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ގޮތަށް، އަދި ދުވާލަކު 35،000 މީހުން ޒިޔާރަތްކުރާނެ ކަމަށް ބަލައިގެން ކަމަށެވެ.
މި ސެންޓަރު ރާއްޖެއިން ޕްރޮމޯޓްކުރާނީ ބައިނަލްއަގުވާމީ ވިޔަފާރިއާއި، ސަގާފަތާއި އައު އީޖާދުތަކާއި، ޑިޕްލޮމަސީގެ މައި މަރުކަޒެއްގެ ގޮތުގައި ކަމަށް އެމްއައިއެފްސީން ބުނެއެވެ. މި ތަނަށް ދުނިޔޭގެ ލީޑަރުންނާއި، އުފެއްދުންތެރިންނާއި، އިންވެސްޓަރުން އެއްތަންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ރާއްޖޭގެ އިގުތިސާދު ސިންދަފާތު ކުރުމަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވައި، މި މަރުކަޒަކީ ގައުމުގެ އިގުތިސާދީ ވިލުންތެރިކަމުގެ ރަމްޒަކަށް ވާނެ ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގެ އާމްދަނީ މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ފަތުރުވެރިކަމަށްވާއިރު، އިގުތިސާދު ސިންދަފާތުކޮށްގެން އާމްދަނީ އިތުރުކުރުމަކީ ބޭރުގެ މާލީ އިދާރާތަކުން ބާރުއަޅާ ކަމެކެވެ.
މި ސަރުކާރުން ވަނީ އިގުތިސާދު ސިންދަފާތު ކުރުމަށް ބަންކަރިން ފަދަ ބޮޑެތި މަޝްރޫއުތައް މީގެ ކުރިން އިއުލާންކޮށް، އިފުތިތާހު ވެސް ކޮށްފައެވެ.
comment ސާދާތު
2 week 3 day ago
ދިވެހިން ވަރަށް މޮޅުވާނެ ފާޑުފާޑު ރެނެޑަރިންގް ހަދަން.
comment ޚާލިދު
2 week 3 day ago
ސާބަސް ރައީސް
comment އުއްތަމަ އުސްތާޛް
3 week 4 day ago
ބަންކަރިން 2.0
comment އިޒް
3 week 4 day ago
އެމްބީއެސް ގުލޯބަލްއޭ ކިޔާ ކުންފުނީގަ ތިބެނީ 50 ހަކަށް މުއައްޒަފުން. އެމީހުންގެ ވެބްސައިޓަކު ރާއްޖޭގެ ތި ބުނާ ބިޔަ މަޝްރޫގެ އެއްވެސް ޚަބަރެއް ނެތެވެ. އެމްބީއެސް ގުލޯބަލް ކުންފުނީން މެނޭޖުކުރަނީ އެހެން މީހުންގެ އެސެޓްތަކެއް އޭގެ ވެލިޔޫއަކީ 14 ބިލިޔަން ޑޮލަރެވެ. ޢެކަމަކު އެއީ އެމީހުންގެ އެސެޓެއް ރައުސްމާލެއް ނޫނެވެ. އެ ކުންފުނީގެ އަހަރީ އާމްދަނީ އަކީ އަންދާޒާ ކުރެވޭގޮތުގައި އަހަރު 300 މިލިޔަން ޑޮލަރެވެ. ވީމާ މިމީހުންނަކީ މިފަދަ އިންވެސްޓްމަންޓެއް ގެނެވޭވަރު ކެޕޭސިޓީއެއް ހުރި ބަޔެއްތޯ ސުވާލުއުފެދެއެވެ. އެމީހުންގެ ކޯޕަރޭޓް ހެޑްކުއާޓަރު ހުންނަނީ މެލޭޝިޔާގައެވެ. އަދި އެމީހުންގެ ވެބްސައިޓްގައި މިއާއި ގާތްކުރާވަރުގެ މަޝްރޫއެއްވެސް ހިނގިފަކާއެއް ނެތެވެ. މިއީ އަނެއްކާވެސް ހަމަ އެއްކަލަ ޒާތުގެ ޖަމަލު ފޮޑިއެއްތޯ ސުވާލު އުފެދެއެވެ. އަނެއްކާވެސް ގުރީން ސިގްނަލްއެއް ލިބުނީތޯ.