'ރެއިޑް 2'އަށް ނުވަ ދުވަހުން 100 ކްރޯޑް

މި މަހުގެ އެއްވަނަ ދުވަހު ރިލީޒްކުރި ބޮލީވުޑް ކްރައިމް ތުރިލާ، "ރެއިޑް 2" އެންމެ ނުވަ ދުވަހުން ބޮކްސް އޮފީހުގެ 100 ކްރޯޑު ކްލަބުން ޖާގަ ހޯދައިފިއެވެ.

ރާޖްކުމާރު ގުޕްތާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ މުޅިއެކު 120 ކްރޯޑު ރުޕީސް (14.46 މިލިއަން އެމެރިކާ ޑޮލަރު)ގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ.

މިއަދާ ހަމައަށް ފިލްމަށް ލިބުނު އާމްދަނީގެ އަދަދު (17.94 މިލިއަން ޑޮލަރަ)ށް އަރާއިރު ކުރިއަށް ހުރި ދުވަސްތަކުގައި މި އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް ފިލްމު ޓްރޭޑް އެނަލިސްޓުން ވަނީ ބުނެފައެވެ. ހަމައެއާއެކު މި ފިލްމު ތިއޭޓަރުތަކުން ނެގުމަށް ފަހު ސެޓެލައިޓް ރައިޓްސް ވިއްކާލުމުން ވެސް ފިލްމަށްދިޔަ ޚަރަދު ފޫބެދި ފައިފާގެ ގޮތުގައި ރަނގަޅު އާމްދަނީއެއް މި ފިލްމަށް ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

"ރެއިޑް 2"ގެ ޝޫޓިންގް ތެރޭ އަޖޭ ދޭވްގަން ބަތަލާ ވާނީ ކަޕޫރާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

މި ފިލްމަކީ 2018 ވަނަ އަހަރު ގެނެސްދިން "ރެއިޑް"ގެ ދެވަނަ ބައެވެ. އަޖޭ ދޭވްގަން ލީޑް ރޯލް ކުޅެފައިވާ މި ފިލްމަކީ، ޓެކުހަށް މަކަރު ހަދާ މީހުން އަތުލައިގަންނަން އިންކަމް ޓެކްސް ޑިޕާޓްމަންޓުގެ އޮފިސަރަކު އިސްވެ ހުރެ އޭނާގެ ޓީމުން ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

މި ފިލްމުގެ ދެވަނަ ބައިން އަޖޭއާ އެކު ބޮޑު ކުރިމަތިލުމަކަށް ދަނީ އެކްޓަރު ރިތޭޝް ދޭޝްމުކްއެވެ. އަޖޭއާ އެކު މި ފިލްމުގައި ބަތަލާގެ ރޯލް ކުޅެފައިވަނީ އަލަށް އެކްޓަރާ އެކު މަސައްކަތް ކުރި ވާނީ ކަޕޫރެވެ.

ފިލްމު "ރެއިޑް 2" އަކީ މި އަހަރު ބެލުންތެރިންނަށް ފެނުނު އަޖޭގެ ދެވަނަ ފިލްމެވެ. މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި އަޖޭގެ ފިލްމު "އާޒާދު"އަށް ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް