ސަރުކާރުގެ ޚަރަދުގައި ބޭރު ގައުމުތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވާ ދަތިތަކާއި، އެކުދިންގެ ޝަކުވާތައް ބަލައިގަތުމަށް "ހަޔާ އެޑިއުކޭޝަން މެނޭޖުމެންޓް ސިސްޓަމް"ގެ ނަމުގައި ޚާއްސަ މޮބައިލް އެޕްލިކޭޝަނެއް އަންނަ އޮކްޓޯބަރު މަހުގެ ކުރިން ތައާރަފުކުރައްވާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސްޓޫޑެންޓް ލޯން ސްކީމްގައި ރާއްޖެއިން ބޭރުން ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވާ ދަތިތަކާ ގުޅޭ ގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ހައިދަރު ވިދާޅުވީ ދަރިވަރުންގެ ޝަކުވާތައް އަޑުއެހުމަށް ޓަކައި ޒަމާނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން އެބަ ތައާރަފު ކުރަން، އޮކްޓޫބަރު މަހުގެ ނިޔަލަށް ނިމޭނެ ހަޔާ އެޑިއުކޭޝަން މެނޭޖުމެންޓް ސިސްޓަމް ކިޔާ އެޕެއް. އެ އެޕާ އެކީގައި އަޅުގަނޑުމެންނަށް ވަރަށް އަވަހަށް ދަރިވަރުންގެ ރިކުއެސްޓްތަކަށް، ކޮމްޕްލެއިންސްތަކަށް އެޑްރެސް ކުރެވޭނެކަން އަޅުގަނޑު ދަންނަވައިލަން،" ހައިދަރު ވިދާޅުވިއެވެ.
އެ އެޕް ތައާރަފުކުރުމުގެ ކުރިން ވެސް ދަރިވަރުންގެ ޝަކުވާތައް ބަލައިގަތުމަށް އެކަމަށް ޚާއްސަ ވަޓްސްއެޕް ނަންބަރުތަކެއް ކަނޑައަޅުއްވާނެ ކަމަށް ހައިދަރު ވިދާޅުވިއެވެ. އެގޮތުން 50 ދަރިވަރުންނަށް ވުރެ ގިނައިން ދަރިވަރުން އުޅޭ ކޮންމެ ގައުމަކަށް ވަކި ނަންބަރެއް ކަނޑައަޅުއްވާނެ ކަމަށް ވިދާޅުވިއެވެ. މިހާތަނަށް އޭގެ ފުރަތަމަ ނަންބަރު ތައާރަފުކޮށްފައިވާ ކަމަށް ވެސް ހައިދަރު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސްޓޫޑެންޓް ލޯން ސްކީމްގައި ރާއްޖެއިން ބޭރުން ކިޔަވަމުންދާ ދަރިވަރުންނަށް ފައިސާ ލިބުމުގައި ދަތިތައް ދިމާވުމަކީ ވަރަށް ބޮޑަށް ދިމާވާ މައްސަލައެކެވެ. އެކަމުގެ ކަންބޮޑުވުންތައް މިދިޔަ އަހަރާއި މި އަހަރު ވެސް އިތުރުވެފައިވާއިރު، ސްޕެއިންގައި ޕައިލެޓުކަން ކިޔަވާ ދަރިވަރުންތަކެއް އެހީއަށް އެދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް މިއަހަރުގެ ފެބްރުއަރީ މަހު ސިޓީއެއް ވެސް ފޮނުވާފައިވެއެވެ. އެ ސިޓީގައި ވަނީ، ސަރުކާރުން ޓޮޕް އަޕް ލޯނަށް ހުޅުވާނުލާ ކަމުގެ ކަންބޮޑުވުމާއި ކޯހުގެ މުއްދަތަށްވާ ވަރަށް ފައިސާ ހަމަޖެހިފައި ނުވާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެކަމާ ގުޅިގެން މިއަދު މިނިސްޓަރު މަޖިލީހުގައި ވިދާޅުވީ އެ ކުދިންނާ މިދިޔަ ހަފުތާގައި އޮންލައިންކޮށް ބައްދަލުކުރައްވައި، އެކުދިން ހިއްސާކުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމުގެ މަސައްކަތް މިނިސްޓްރީން މިހާރު ފަށާފައިވާ ކަމަށެވެ.
ސްޓޫޑެންޓު ލޯނަށް އަހަރެއްގެ މައްޗަށް 1.5 ބިލިއަން ރުފިޔާ ސަރުކާރުން ހޭދަކުރެއެވެ. އެ ފައިސާ ދޫކުރަނީ ކޮންމެ ދަރިވަރަކަށް ވެސް ހަ މަހުން ހަ މަހުންނެވެ.
އެ ފައިސާ ހަމަޖައްސައިދިނުމުގައި މަރުހަލާތަކެއް އޮންނައިރު، ކުރިޔަށްވުރެން އެ މަރުހަލާތަކަށް ހޭދަވާ މުއްދަތު މިހާރު ކުރުވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ސްޓޫޑެންޓު ލޯނުގެ ފައިސާ ލަސްނުވެ ހަމަޖައްސައިދިނުމަށް ޓަކައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ބޭރުން ހޯދަން ޖެހޭ އެހީތެރިކަމެއް ވިޔަސް ހޯދާނެ ކަމަށް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.
ޚާއްސަކޮށް، ސްޓޫޑެންޓް ލޯން 'އިސްލާމިކް'ކޮށް، ލޯނަށްވުރެ އިތުރަށް ފައިސާ އަނބުރާ ނުހޯދާ ގޮތަށް އިންތިޒާމުތައް ހަމަޖައްސަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.