މިހާރު ފެށިގެން ކުރިއަށްދާ މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލްގައި ބައިވެރި ނުވުމަށް ބޮލީވުޑްގެ ކާމިޔާބު ބަތަލާ އާލިއާ ބަޓް ނިންމާފައިވާ ކަމަށް ފިލްމީ ރިޕޯޓުތައް ބުނެފިއެވެ.
މި އަހަރަކީ އާލިއާ ކާންސް ފިލްމު ފެސްޓިވަލުގައި އަލަށް ބައިވެރިވާނެކަން އިއުލާނުކުރި އަހަރުވެސް މެއެވެ. ދުނިޔޭގެ އެކި ޤައުމުތަކުން މަޝްހޫރު ފަންނާނުންނާއި ފިލްމީ ތަރިން ފެންނަ ކާންސް ފިލްމު ފެސްޓިވަލުގައި މި އަހަރު ބައިވެރި ނުވުމަށް އާލިއާ ނިންމީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުން ގޯސްވެ ދެ ޤައުމުގެ މަސްރަހު ހަލަބޮލިވެފައިވާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިންޑިއާގެ ސަރުކާރަށް މިއީ ވަރަށް ހާސްކަން ބޮޑު ދަނޑިވަޅަކަށް ވެފައި ޕާކިސްތާނާ އިންޑިއާއާ ދެމެދު ބަދަލު ކުރެވުނު ހަމަލާތަކުގެ ސަބަބުން އިންޑިއާގެ އަސްކަރީ އޮފިސަރުންތަކެއް މަރުވެފައިވާތީ މިއީ އެކަމުގެ ހިތާމައިގައި ބައިވެރިވުމަށް އާލިއާ ނިންމި ނިންމުމެއް ކަމަށް ފިލްމުފެއާގެ ރިޕޯޓެއްގައި ވަނީ ބުނެފައެވެ.

އާލިއާ ލޯރިއާލް ފެޝަން ވީކްގައި--ފޮޓޯ/ފިލްމުފެއަ
މަޝްހޫރު އިންޓަނޭޝަނަލް ބްރޭންޑް ލޯރިއަލްގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލުގެ ރެޑް ކާޕެޓުން އާލިއާ ފެންނާނެ ކަމަށް ވަރަށް ގިނަ ބަޔަކު އުއްމީދު ކުރިއެވެ.
ނަމަވެސް މި ފެސްޓިވަލުގައި ބައިވެރި ނުވާން އާލިއާ ނިންމީ ފަހު ވަގުތުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް ކާންސް ފިލްމު ފެސްޓިވަލު ކުރިއަށްދާނެއިރު ތަންކޮޅެއް ފަހުގެ ތާރީޚެއްގައި އާލިއާ ކާންސް ފެސްޓިވަލުން ފެނުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.