މި ސަރަހައްދުގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި އެއް މިއުޒިކް މުބާރާތް ކަމަށްވާ އިންޑިއާގެ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް"ގެ ދެވަނަ ރަނަރަޕްކަން ހޯދި ދިވެހި ބޭންޑް، 'ޓޫ އޮފް އަސް'އިން ބާއްވާ ތާރީޚީ މިއުޒިކް ޝޯގެ މީޑިއާ ޕާޓްނަރުގެ ގޮތުގައި އެސްއެސް މީޑިއާއިން މިއަދު ސޮއިކޮށްފިއެވެ.
ޓޫ އޮފް އަސްގެ މިއުޒިކް ޝޯ މި މަހުގެ 23ގައި އޮލިމްޕަހުގައި ބާއްވަން ހަމަޖެހިފައިވާއިރު، އެ ޝޯ ދެ ގޮތަކުން ވަރަށް ބޮޑަށް ފާހަގަކޮށްލެވެ. އެގޮތުން، އެއީ މިހާތަނަށް ދިވެހި ބޭންޑަކުން ބާއްވާ އެންމެ އަގު ބޮޑު ޝޯއަށް ވާނެއެވެ. އަދި އެ ޝޯ ފަށާނީ ބޭރުގެ ފަންނާނުން ކަމަށްވާއިރު، މިއީ ބޭރުގެ ފަންނާނުން، މިއުޒިކް ޝޯއެއްގައި ދިވެހި ބޭންޑުތައް ތައާރަފުކޮށްދޭ ފުރަތަމަ ފަހަރަށް ވާނެއެވެ.
އެ ޝޯގެ މީޑިއާ ޕާޓްނަރު ކަމަށް ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެސްއެސް މީޑިއާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ މުޙައްމަދު އާސިފް (މޮންދު) އެވެ. ޓޫ އޮފް އަސްގެ ފަރާތުން ސޮއިކުރީ ލަވަކިޔުންތެރިޔާ އަޙްމަދު އަދުހަމެވެ.
އެ ރަސްމިއްޔާތުގައި އަދުހަމް ބުނުއްވި ގޮތުގައި އެ ޝޯގެ މީޑިއާ ޕާޓްނަރަކަށް ވުމަށް އެހެން ބައެއް ފަރާތްތަކުން ހުށަހަޅައިފައިވީ ނަމަވެސް އެސްއެސް މީޑިއާ ޚިޔާރުކުރީ ދެ ސަބަބަކާ ހެދިއެވެ. އެއީ ޒުވާނުން ކުރިއެރުވުމަށް މޮންދު ކުރައްވާ މަސައްކަތްތަކާ ގުޅިގެންނާއި، އެސްއެސް މީޑިއާއިން ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ ބޭންޑުގެ ހުށަހެޅުންތަކަށް ސަމާލުކަން ދީފައިވާތީ ކަމަށް އޭނާ ބުނުއްވިއެވެ.

ޓޫ އޮފް އަސްއިން ބާއްވާ ތާރީޚީ ޝޯގެ މީޑިއާ ޕާޓްނަރަކަށް އެސްއެސް މީޑިއާ ވުމަށް ސޮއިކުރުން -- ސަން ފޮޓޯ/ އަފުވާން ސޮލާހް
އަދުހަމް ބުނުއްވީ، ޓޫ އޮފް އަސްއަކީ އަދުހަމް އާއި ޝަމްރޫޚްގެ ޚިޔާލަށް އުފެއްދި ބޭންޑެއް ކަމަށްވާއިރު، އޭގެ ކުރިން އެ ދެ މީހުން ހެދީ ކިއުބް ކިޔާ ބޭންޑެއް ކަމަށެވެ. އަދި އެ ދެ މީހުންނަށް މިއުޒިކްގެ ދާއިރާއިން އެންމެ ފުރަތަމަ ފުރުސަތުތައް ފަހިކޮށްދެއްވީ، އޭރު ޓީވީއެމްގައި ހުންނެވި މޮންދުކަން އޭނާ ފާހަގަކުރިއެވެ.
"އަޅުގަނޑަށް މި ލިބުނު ކާމިޔާބީގެ، މި ޝައިންގެ އެންމެ ބޮޑު އެއް އަތަކީ މޮންދު، އެހެންވީމަ މި ފުރުސަތު އެހެން އެއްވެސް ބަޔަކަށް ނުދީ، އަޅުގަނޑު ބޭނުންވީ މިހާރު މޮންދު މި ހުންނެވި އެސްއެސް މީޑިއާއަށް ދޭން،" އޭނާ ބުނުއްވިއެވެ.
އެ ރަސްމިއްޔާތުގައި މޮންދު ވިދާޅުވީ، އެކި ދާއިރާތަކުން ކުރިއަރަން ބޭނުންވާ ކުދިންނަށް ފުރުސަތު ދިނުމަކީ އެސްއެސް މީޑިއާއިން އިސްކަންދޭ ކަމެއް ކަމަށެވެ.
"އެހެންވީމަ އެ ހައިސިއްޔަތުން އަޅުގަނޑާއި އަޅުގަނޑުގެ މި ޓީމު، އެސްއެސް މީޑިއާއިން ބޭނުންވަނީ ޒުވާން، ހިތްވަރު ކުރާ ކުދިންނަށް ހިތްވަރުދީގެން އެ ކުދިން ބަޔަކަށް ހަދަން،" އޭނާ ވިދާޅުވިއެވެ.
މޮންދު ވިދާޅުވީ ޓޫ އޮފް އަސްގެ ފަރާތުން އާދަޔާ ޚިލާފު ހުނަރެއް ފެންނަ ކަމަށާއި، އެ ހުނަރުން ރާއްޖެއަށާއި ހުރިހާ ރައްޔިތުންނަށް ވެސް ފައިދާވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެން އެދެން ހުރިހާ ވެސް ކުރިއެރުމަކާއި ކާމިޔާބީއެއް ޓޫ އޮފް އަސްއަށް، މިއީ ފެށުމެއް ކަމަށް އަޅުގަނޑުމެން މި ބަލަނީ، އިރާދަކުރެއްވިޔާ އެސްއެސް މީޑިއާއަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ޓޫ އޮފް އަސްއަށް ކޮށްދޭނަން،" މޮންދު ވިދާޅުވިއެވެ.
އޮލިމްޕަސް ތިއޭޓަރުގެ ޖާގައަކީ 435 ކަމަށްވާއިރު، ޓޫ އޮފް އަސްގެ ޝޯއަށް ޓިކެޓް ނަގަން ފުރުސަތު ހުޅުވާލާނީ އަންނަ ހޮނިހިރު ދުވަހެވެ. އެގޮތުން ޓިކެޓް ނެގުމަށް އޮންލައިން ޕޯޓަލްއެއް ތައާރަފު ކުރާނެއެވެ.
މި ޝޯ ކުރިއަށްގެންދަން ނިންމާފައި ވަނީ 23 ވަނަ ދުވަހުގެރޭ 8:00އިން ފެށިގެން 12:00އާ ހަމައަށެވެ.
ޓޫ އޮފް އަސްގެ ޝޯގައި ބައިވެރިވާ ބޭރުގެ ފަންނާނުންގެ ތެރޭގައި:
- 'ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025'ގެ ހޯސްޓު ކެޓަން ސިންގް، މި ޝޯގައި ވެސް ހޯސްޓެއްގެ ގޮތުގައި ފެންނާނެ
- 'ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025'ގެ ދެ ފަނޑިޔާރުން އަދި ބޮލީވުޑްގެ ދެ ލަވަކިޔުންތެރިން ކަމަށްވާ ޝްރައްދާ ޕަންޑިތުއާއި ރާޖާ ހަސަން
- ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔައިދީފައިވާ ޝުރުތީ ޕަތަކް
- އިންޑިއާގެ ފިއުޝަން ބޭންޑެއް ކަމަށްވާ 'ޝިވޮހަމް'
އެ ޝޯގެ ސްޓޭޖް މަތިން ފެންނާނެ ދިވެހި ފަންނާނުންގެ ތެރޭގައި ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ 'ބޮކިޓޮޒް' އަދި މަޝްހޫރު ބޮޑުބެރު ގްރޫޕް (ހަރުބީ)ގެ ލަވަކިޔުންތެރިޔާ މަމްދޫހު ހިމެނެއެވެ.
ޖުމްލަ ފަސް މެމްބަރުން ހިމެނޭ "ޓޫ އޮފް އަސް"އަކީ އަމިއްލަވަންތަ ގޮތްތަކެއް އެކުލެވޭ ގޮތަށް، ދިވެހިވަންތަ ހުށަހެޅުންތަކެއް ބޭރު ދުނިޔޭގެ ސްޓޭޖެއްގައި ދައްކައިދިން ބޭންޑެކެވެ.
'ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025'އިން 'ޓޫ އޮފް އަސް'އަށް ދެވަނަ ރަނަރަޕްގެ ޝަރަފު ލިބުނުއިރު، އެ ކާމިޔާބީ އަކީ ދިވެހިރާއްޖޭގެ ލައިވް މިއުޒިކްގެ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއެވެ.