ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ނިންމައި މަޖިލީސް ޗުއްޓީއަށް ހިނގައްޖެއެވެ.
މި ދައުރުގެ އެންމެ ފަހު ޖަލްސާ ބޭއްވީ މިއަދެވެ.
ޖަލްސާ ނިންމަވައިލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވީ، މި ދައުރުގައި ޖުމުލަ 32 ޖަލްސާ ބޭއްވުނު ކަމަށެވެ. އެ ޖަލްސާތަކުގައި 59 ގަޑިއިރު ހޭދަކުރެވުނު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ކޮމިޓީގެ 193 ބައްދަލުވުން ބޭއްވިއިރު އެ މަސައްކަތުގައި 139 ގަޑިއިރު ވަނީ ހޭދަކޮށްފައެވެ.
ދައުރު ނިންމާލިއިރު މި ދައުރުގައި ޖުމުލަ ނުވަ ބިލެއްގެ މަސައްކަތް ވަނީ ނިންމާފައެވެ.
އޭގެ ތެރޭގައި، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް ގެނެވުނު އިސްލާހާއި، ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނަށް ގެނެވުނު އިސްލާހު، މިއަދު މި ފާސްކުރެވުނު ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ހިމެނެއެވެ.
އަބްދުއްރަހީމް ވިދާޅުވީ، މި ދައުރުގައި ހުށަހެޅިފައި ހުރި މަސައްކަތްތަކުގެ ތެރެއިން 77 އިންސައްތަ މަސައްކަތް ނިންމާލެވުނު ކަމަށެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: މި މަޖިލީހުގެ ގިނަ ޖަލްސާތަކެއް ކެންސަލްވި -- ފޮޓޯ/ މަޖިލިސް
"ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ތިޔަދެއްވާ އަހައްމިއްޔަތު ކަމަށްޓަކައި ވަރަށް އިޚުލާސްތެރިކަމާ އެކީގައި ތިޔާ ހުރިހާ އިއްޒަތްތެރި މެންބަރުންނަށް ޝުކުރު ދަންނަވަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން މިއަދު ވެސް ގޭންގު ކުށްތައް ހުއްޓުވާ ބިލު ހިމެނޭހެން އިތުރު ދެ ބިލެއްގެ މަސައްކަތް ވަނީ ނިންމަިއިފައެވެ.
މީގެ ކުރިން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވަނީ މަޖިލީހުގެ ޖަލްސާތައް ސަބަބެއް ނާންގާ ކެންސަލްކުރާކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެކަމަކު، މަޖިލީހުގެ ރިޔާސަތުން އޭރު ވަނީ ޖަލްސާތައް ކެންސަލްކުރަނީ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތުމުން ކަމަށާއި ނަމަވެސް ކޮމިޓީތަކުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވެފައެވެ.
މި ދައުރުގެ ޖަލްސާތަކެއް ކެންސަލްކުރި ނަމަވެސް ކޮމިޓީތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.