އެމްއެމްޕީއާރްސީގެ ޚަރަދު ކުޑަކޮށް، އާމްދަނީ އިތުރުކުރަން މަޖިލީހުން ލަފާ ދީފި

އެމްއެމްޕީއާރްސީގެ އެމްޑީ އިބްރާހީމް ޝިއުރީ: އެމްއެމްޕީއާރްސީގެ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް މަޖިލީހުން ލަފާ ދީފި -- ފޮޓޯ/ އެމްއެމްޕީއާރްސީ

ރާއްޖޭގެ ފަތުރުވެރިކަން ބައިނަލްއަގުވާމީ ދުނިޔެއަށް އިޝްތިހާރުކުރާ ސަރުކާރުގެ ކުންފުނި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ޚަރަދުތައް ކުޑަކޮށް، އަމިއްލަ ފުދުންތެރިކަން ހުރި ކުންފުންޏަކަށްވުމަށް އިތުރު ގޮތްތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ލަފާ ދީފިއެވެ.

މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން ވަނީ އެމްއެމްޕީއާރްސީ އަދި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ ހާލަތު ދެނެގަތުމަށް ދިރާސާއެއް ކުރުމަށް ފަހު ރިޕޯޓެއް އެކުލަވާލައިފައެވެ.

އެ ރިޕޯޓުގައި ވަނީ އެމްއެމްޕީއާރްސީއަކީ އެ ކުންފުނީގެ މައިގަނޑު ޕްރޮގްރާމްތައް ހިންގުމަށާއި ލޯނު ދެއްކުމަށް ސަރުކާރަށް ބަރޯސާވާންޖެހޭ ކުންފުންޏެއް ކަމަށެވެ. އެހެންކަމުން އަމިއްލަ ފުދުންތެރިކަން ހުރި ކުންފުންޏަކަށްވުމަށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ބަލައި ދިރާސާކުރުމަށް ވަނީ ލަފާދީފައެވެ. އަދި، ކުންފުނީގެ ޚަރަދުތައް ކުޑަކުރުމަށް އިތުރު ގޮތްތަކެއް ހޯދުމަށް އެ ކުންފުންޏަށް އެންގުމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތަށް އެމްއެމްޕީއާރްސީއަށް ލަފާ ދިނުމަށް މަޖިލީހުގެ 62 މެންބަރުންގެ އިއްތިފާގުން ވަނީ މިއަދު ފާސްކޮށްފައެވެ.

އެމްއެމްޕީއާރްސީއަކީ ރާއްޖޭގެ މައި އިގުތިސާދީ ސިނާއަތް ކަމަށްވާ ފަތުރުވެރިކަން ކުރިއަރުވައި، ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި ރާއްޖެ ޕްރޮމޯޓްކޮށް އިޝްތިހާރުކުރުމުގައި އިސް ދައުރެއް އަދާކުރާ ކުންފުންޏެކެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުން ނަމަ 2020 ވަނަ އަހަރުން ފެށިގެން އެ ކުންފުންޏަށް އެއްވެސް ފައިދާއެއް ލިބިފައެއް ނުވެއެވެ. އަދި، ކުންފުނިން ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމްތަކަށް ބޭނުންވާ ފައިސާއެއް ވެސް ނެތެވެ.

އެސްއޯއީ ކޮމިޓީން ބުނާ ގޮތުގައި އެމްއެމްޕީއާރްސީ ބަނގުރޫޓުވުގެ ބިރު އެބައޮތެވެ.

https://sun.mv/208085

އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން އެމްއެމްޕީއާރުސީން މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކާއި ޕްރޮގްރާމްތަކުގެ ޖުމުލަ އަދަދު 25 އަށް އަރާއިރު އެކަންކަމުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަނީ ލިވަޕޫލަށެވެ. މި އަހަރުގެ މާރިޗު މަހުގެ 13 ވަނަ ދުވަހުން ފެށިގެން, 2028 ވަނަ އަހަރުގެ މެއި 31ގެ ނިޔަލަށް އެ ކެމްޕެއިން ކުރިއަށް ގެންދާއިރު އެކަމަށް އެމްއެމްޕީއާރުސީން މި އަހަރު 20.6 މިލިއަން ރުފިޔާ ޚަރަދުކުރަން ހިމަނާފައިވެއެވެ.

އެމްއެމްޕީއާރުސީން ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 28 އިން މެއި އެއްވަނަ ދުވަހަށް ދުބާއީގައި ކުރިއަށް ގެންދިޔަ އަރަބިއަން ޓްރެވަލް މާކެޓަށެވެ. އެ ކަމަށް ވަނީ 17.6 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. ތިންވަނައަށް ވެސް އެންމެ ބޮޑު ހޭދައެއް ކުރަނީ ލިވަޕޫލާ އެކު ކުރިއަށް ގެންދާ ޕާޓްނާޝިޕްގެ ތެރެއިން ކުރިއަށް ގެންދާ "އޯއޯއެޗު ކެމްޕެއިން ވިތު އެކްސައިޓް" އަށެވެ. އެއީ، 2.5 މިލިއަން ރުފިޔާއެވެ.

ކަން އެހެން އޮއްވައި، އެ ކުންފުނިން ބުނީ މާލީ ބޮޑު ގެއްލުމަކަށް ވެއްޓި، ބަނގުރޫޓު ވެދާނެކަމުގެ ބިރު ބޮޑުވީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ޖަމާވި 203 މިލިއަން ރުފިޔާގެ ގެއްލުމުގެ ސަބަބުން ކަމަށެވެ.

އެމްއެމްޕީއާރުސީ ބަނގުރޫޓްވުމުގެ ބިރު އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނާއިރު އެ ކުންފުންޏަކީ މި ފަހުން ރާއްޖޭގެ ތާރީޚުގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުވާ ކުންފުންޏެވެ. ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭރުގެ ނައިބު ރައީސް އަޙުމަދު އަދީބު އިސްކޮށް ހުންނަވައިގެން, އެ ސަރުކާރުގެ ވެރިންނާއި ވެރިކަން ކުރި ޕީޕީއެމްގެ އިސް ބޭފުޅުން ހިމެނޭގޮތަށް ހިންގި ކަމަށް ތުހުމަތު ކުރެވޭ އެ ކޮރަޕްޝަނުން ދައުލަތަށް 1.4 ބިލިއަން ރުފިޔާގެ ގެއްލުމެއްވި ކަމަށް, އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެއެވެ.

comment ކޮމެންޓް