ސައުތު ސިނަމާގެ މަޝްހޫރު ބަތަލާ ސަމަންތާ ރުތު ޕްރަބޫ އާއި ފިލްމު ޕްރޮޑިއުސަރު/ޑައިރެކްޓަރު ރާޖް ނިދިމޯރުގެ ފޮޓޯތަކަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
ސަމަންތާ ދާދިފަހުން ވަނީ ރާޖްއާ އެކު ނަގާފައިވާ ފޮޓޯތަކެއް އަމިއްލަ ސޯޝަލް މީޑިއާތަކުގައި ހިއްސާކޮށްފައެވެ. ދެ މީހުން އެކީގައި ފިލްމު ސެޓުތަކުގައި ނަގާފައިވާ މި ފޮޓޯތައް ޕޯސްޓުކޮށްފައި ވަނީ ސަމަންތާ އާއި ރާޖްގެ ލޯބީގެ ގުޅުމުގެ ވާހަކަ މީޑިއާތަކުގައި ވަރަށް ގަދަޔަށް ދެކެވެމުން އަންނަނިކޮށެވެ.
ދެ މީހުންގެ ލޯބީގެ ގުޅުމެއް އޮންނަ ކަމުގެ ވާހަކަ ދެކެވެންފެށީ ސަމަންތާ މުހިއްމު ރޯލް ކުޅުނު "ސިޓަޑެލް: ހަނީ ބަނީ" ސީރީސްގެ މަސައްކަތް ބަތަލާ ކުރި ދުވަސްވަރުން ފެށިގެންނެވެ. މި ވެބް ސީރީސް އަކީ އެމޭޒަން ޕްރައިމްއިން ގެނެސްދިން ސީރީސްއެކެވެ. މި ސީރީސް އެމޭޒަންއާ ގުޅިގެން ގެނެސްދިންއިރު ސީރީސްގެ ޑައިރެކްޓަރު/ޕްރޮޑިއުސަރެއްގެ ގޮތުގައި ރާޖް ނިދިމޯރު ވަނީ މަސައްކަތްކޮށްފައެވެ.
މީގެކުރިން ސައުތު ސިނަމާގެ އެކްޓަރު ނާގަ ޗައިތަންޔާއާ އެކު ކުރެވުނު ކައިވެނި ހަތަރު އަހަރު ފަހުން ރޫޅާލުމާ އެކު ސަމަންތާގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައެވެ. ދެ ތަރިންގެ ކައިވެނީ ރޫޅުނީ ކޮން ސަބަބަކާހުރެ ކަން މިހާތަނަށް ހާމަކޮށްފައި ނުވާއިރު އެކްޓަރު ނާގަ ވަނީ މިދިޔަ އަހަރު ބަތަލާ ސޮބީތާ ދުލިޕާލާއާ ކައިވެނިކޮށްފައެވެ.

ރާޖް އާއި ސަމަންތާ ވެބް ސީރީސް "ސިޓަޑެލް"ހަނީ ބަނީ"ގެ ޕްރޮމޯޝަންއެއްގައި އެކީގައި--ފޮޓޯ/ފޭސްބުކް
ސަމަންތާ އާއި ޑައިރެކްޓަރު ރާޖް އެކީގައި ނަގާފައިވާ ފޮޓޯ ތަކަކީ ހަގީގަތުގައި ދެ މީހުންގެ އެކީގައި މަސައްކަތްކުރި ފިލްމު "ސުބްހަމް"ގެ ސެޓުގައި ނަގާފައިވާ ފޮޓޯތަކެކެވެ. މި ފިލްމަކީ ސަމަންތާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް "ޓްރަލަލާ މޫވިންގް ޕިކްޗާސް"ގެ ފުރަތަމަ އުފެއްދުމެވެ.
ސަމަންތާ އާއި ރާޖްގެ ފޮޓޯތަކާ އެކު ބަތަލާ ވަނީ މި ފިލްމަށް ބެލުންތެރިންގެ ފަރާތުން ލިބުނު ތަރުހީބަށް ޝުކުރު އަދާކޮށްފައެވެ. ބައެއް ބެލުންތެރިން ސަމަންތާގެ މި ފޮޓޯތަކަށް ކޮމެންޓު ކުރަމުން ބުނެފައި ވަނީ، ސަމަންތާގެ ދިރިއުޅުމަށް އާ ބައިވެރިޔަކު ލިބުނުކަމަށް އުއްމީދު ކުރާ ކަމަށާއި ރާޖް އަކީ ސަމަންތާއަށް އެންމެ ރަނގަޅު ބައިވެރިޔާ ކަމަށެވެ.
ފިލްމު ޑައިރެކްޓަރު ރާޖް އާއި ސަމަންތާގެ ލޯބީގެ ގުޅުމުގެ ވާހަކަތަކެއް ފެންމަތިވެފައިވާއިރު މަޝްހޫރު ވެބް ސީރީސް "ފެމިލީ މޭން"ގެ މޭސްތިރިންގެ ތެރެއިން އެކަކު ކަމަށްވާ ރާޖް ވަނީ 2015 ވަނަ އަހަރު ޝިޔާމާލީ ދޭ ނަމަކަށް ކިޔާ މީހަކާ ކައިވެނިކޮށްފައެވެ.
ދެ މީހުންގެ ކައިވެންޏަށް އަންހެން ކުއްޖަކު ލިބިފައިވާއިރު ބައެއް ރިޕޯޓުތައް ބުނާގޮތުން ރާޖް އާއި އަންހެނުން ވަނީ 2022 ވަނަ އަހަރުގެތެރޭ ދެ މީހުންގެ ކައިވެނި ރޫޅާލަން ނިންމާފައެވެ.