މި ސަރަހައްދުގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި އެއް މިއުޒިކް މުބާރާތް ކަމަށްވާ އިންޑިއާގެ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް"ގެ ދެވަނަ ރަނަރަޕްކަން ހޯދި ދިވެހި ބޭންޑް، '2 އޮފް އަސް'އިން ބާއްވާ ޝޯގެ ޓިކެޓު އޮންލައިންކޮށް މިއަދު ވިއްކަން ފަށައިފިއެވެ.
އެ ބޭންޑުން ބާއްވާ ޝޯގެ ޓިކެޓު ވިއްކަން ފަށާފައިވަނީ އެކަމަށް ޚާއްސަކޮށް ހަދާފައިވާ ވެބްސައިޓު މެދުވެރިކޮށެވެ. އެގޮތުން، އެ ވެބްސައިޓު މެދުވެރިކޮށް ރަޖިސްޓްރީވުމަށް ފަހުގައި ޓިކެޓު މިހާރު ގަނެވޭނެއެވެ.
ތިން ކެޓެގަރީއަކުން ޓިކެޓު ގަތުމުގެ ފުރުސަތު އޮތްއިރު، މިއިން ކޮންމެ ކެޓެގަރީއަކުން ވެސް ޓިކެޓް ގަނެގެން ފައިސާގެ އިނާމާއި އިތުރު ޚިދުމަތްތައް ލިބޭނެއެވެ. މިގޮތުން، އެތިން ކެޓެގަރީއަކީ:
ކެޓަގަރީ 1: ޕްލެޓިނަމް
- މި ކެޓަގަރީގެ ޓިކެޓެއް ލިބޭނީ 5،000 ރުފިޔާއަށް
 - ޕްރައިމް ސީޓިން
 - ސުވެނިއާސް އަދި އެކްސްކްލޫސިވް ގިފްޓްސް
 - ޝޯގައި ބައިވެރިވާ އިންޑިއާގެ ސެލެބްރިޓީސްއާއި ޓޫ އޮފް އަސްއާ ބައްދަލުކުރުމުގެ ފުރުސަތު
 - އިންޑިއަން ސްނެކްސް އަދި އިންޑިއާގެ ތަފާތު ބުއިންތައް
 - ކޮންސާޓަށް ފަހު އޮންނަ އިންޑިއަން ޑިނާގައި ބައިވެރިވުން
 - ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 10،000 ރުފިޔާގެ ކޭޝް އަދި އިތުރު ހަދިޔާތައް
 
ކެޓަގަރީ 2: ގޯލްޑް
- މި ކެޓަގަރީގެ ޓިކެޓެއް ލިބޭނީ 3،000 ރުފިޔާއަށް
 - އެކްސަލެންޓް ސީޓިން
 - ސުވެނިއާސް އަދި ގިފްޓްސް
 - އިންޑިއަން ސްނެކްސް އަދި އިންޑިއާގެ ތަފާތު ބުއިންތައް
 - ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 5،000 ރުފިޔާގެ ކޭޝް އަދި އިތުރު ހަދިޔާތައް
 
ކެޓަގަރީ 3: ބްރޮންޒް
- މި ކެޓެގަރީގެ ޓިކެޓު ގަންނަން ލިބޭނީ 1،000 ރުފިޔާއަށް
 - ސުވެނިއާސް އަދި ގިފްޓްސް
 - ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 2،000 ރުފިޔާގެ ކޭޝް އަދި އިތުރު ހަދިޔާތައް
 
މި ޝޯ ކުރިއަށްގެންދަން ނިންމާފައިވަނީ މިމަހު 23 ވަނަ ދުވަހުގެ ރޭ 8:00އިން ފެށިގެން 12:00އާ ހަމައަށެވެ.
2 އޮފް އަސް އިން ބާއްވާ މި ޝޯ ވަރަށް ޚާއްސައެވެ. އެގޮތުން، މިއީ މިހާތަނަށް ދިވެހި ބޭންޑަކުން ބާއްވާ އެންމެ އަޑު ބޮޑު ޝޯއެވެ.
މިގޮތުން، އެ ޝޯއިން ފެންނާނެ ބޭރުގެ ފަންނާނުންނަކީ:
- 'ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025'ގެ ހޯސްޓު ކެޓަން ސިންގް، މި ޝޯގައި ވެސް ހޯސްޓެއްގެ ގޮތުގައި ފެންނާނެ
 - 'ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025'ގެ ދެ ފަނޑިޔާރުން އަދި ބޮލީވުޑްގެ ދެ ލަވަކިޔުންތެރިން ކަމަށްވާ ޝްރައްދާ ޕަންޑިތުއާއި ރާޖާ ހަސަން
 - ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔައިދީފައިވާ ޝުރުތީ ޕަތަކް
 - އިންޑިއާގެ ފިއުޝަން ބޭންޑެއް ކަމަށްވާ 'ޝިވޮހަމް'
 
އޭގެއިތުރުން، މި ޝޯގައި ދިވެހި ފަންނާނުންގެ ތެރޭގައި ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ 'ބޮކިޓޮޒް' އަދި މަޝްހޫރު ބޮޑުބެރު ގްރޫޕް (ހަރުބީ)ގެ ލަވަކިޔުންތެރިޔާ އިބްރާހިމް މަމްދޫހު (މަންޑޭ)ގެ ހުށަހެޅުންތައް ފެންނާނެއެވެ.
ޓޫ އޮފް އަސްގެ މި ތާރީޚީ ޝޯގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ.
ޖުމްލަ ފަސް މެންބަރުން ހިމެނޭ "2 އޮފް އަސް"އަކީ އަމިއްލަވަންތަ ގޮތްތަކެއް އެކުލެވޭ ގޮތަށް، ދިވެހިވަންތަ ހުށަހެޅުންތަކެއް ބޭރު ދުނިޔޭގެ ސްޓޭޖެއްގައި ދައްކައިދިން ބޭންޑެކެވެ.
'ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025'އިން '2 އޮފް އަސް'އަށް ދެވަނަ ރަނަރަޕްގެ ޝަރަފު ލިބުނުއިރު، އެ ކާމިޔާބީ އަކީ ދިވެހިރާއްޖޭގެ ލައިވް މިއުޒިކްގެ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއެވެ.