މި ސީޒަންގައި ބަޔާންގެ ފަހު މެޗު ނިމުމާ އެކު ތޯމަސް މުލާ ބަޔާން މިޔުނިކްގައި ހޭދަކުރި 25 އަހަރު ނިމުމަކަށް އައިސްފިއެވެ.
ބަޔާންއިން ލީގުގެ ފަހު މެޗުގައި ހީފެންހެއިމްއާ ބައްދަލުކޮށް ކުރި ހޯދާފައިވަނީ 4-0 އިންނެވެ.
ހޯފެންހެއިމްގެ ދަނޑުގައި ކުޅުނު މިމެޗު ވެގެންދިޔައީ ބަޔާންގެ ތަޖުރިބާކާރު ކުރު ކުޅުންޔެރިޔާ ތޯމަސް މުލާ އެ ޓީމަށް ކުޅުނު ފަހު މެޗަށެވެ. އުމުރުން 35 އަހަރުގެ މުލާ ވަނީ މި ސީޒަން ނިމުމާ އެކު އޭނާ ބަޔާންއިން ވަކިވާކަން ކުރިން ހާމަކޮށްފައެވެ.
މުލާ ބަޔާނަށް ސޮއިކުރީ 10 އަހަރުގައެވެ. އެހެންވެ، އޭނާ މިހާރު ބަޔާނަށް ކުޅޭތާ 25 އަހަރުވެއްޖެއެވެ.
އޭނާ ވަނީ ބަޔާނާ އެކު ބުންޑެސްލީގާގެ ތަށި 13 ފަހަރު އަދި ޔުއޭފާ ޗެމްޕިއަންސް ލީގުގެ ތަށި ދެ ފަހަރު ކާމިޔާބުކޮށްފައެވެ. މެޗު ވެގެންދިޔައީ އޭނާ ބަޔާނަށް ކުޅުނު 503 ވަނަ މެޗަށެވެ. މެޗުގައި މުލާއަށް އޭނާ ބަޔާނަށް މިހާތަނަށް ކާމިޔާބުކޮށްދީފައިވާ 248 ލަނޑަށް އިތުރު ލަނޑެއް އެއް ކުރެވޭގޮތެއް ނުވިއެވެ.

މުލާ: 25 އަހަރަށް ފަހު އޭނާ ވަނީ ބަޔާނަށް ކުޅުން ހުއްޓާލައިފައި -- ފޮޓޯ/ ބަޔާން
މެޗުގައި ބަޔާންއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 33 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މައިކަލް އޮލީސޭއެވެ. ދެވަނަ ލަނދު މެޗުގެ 53 ވަނަ މިނެޓުގައި ޖޯޝުއާ ކިމިޗް ކާމިޔާބުކޮށްދިންއިރު ތިންވަނަ ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސާޖީ ގިނެބްރީއެވެ. ބަޔާންގެ ފަހު ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފޯވަޑް ހެރީ ކޭންއެވެ.
މިއީ އޭނާ މި ސީޒަންގައި ލީގުގައި ކާމިޔާބުކުރި 26 ވަނަ ލަނޑެވެ. އޭނާ ވަނީ ބުންޑެސްލީގާގެ ރަން ބޫޓު ވެސް ހޯދައިފައެވެ.
މި ކާމިޔާބީއާ އެކު ބަޔާންއިން ލީގު ނިންމާލާފައިވަނީ 34 މެޗުން ލިބިފައިވާ 82 ޕޮއިންޓާ އެކު ޗެމްޕިއަނުންގެ ގޮތުގައެވެ. އެންމެ ގާތުން ވާދަކުރި މިދިޔަ ސީޒަންގެ ޗެމްޕިއަން ބަޔާ ލެވަކޫސެންއާއި ބަޔާންއާ ދެމެދު 13 ޕޮއިންޓްގެ ތަފާތު ހުއްޓެވެ.
މެޗުން ބަލިވުމާ އެކު ވެސް ހޯފެންހެއިންއަށް ވަނީ އަންނަ ސީޒަންގައި ބުންޑެސްލީގާގައި ދެމިއޮވެވޭކަން ކަށަވަރުވެފައެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކަށްވީ ވާޑާ ބްރޭމަން އަތުން ހެއިޑެންހެއިމް ބަލިވުމެވެ.

މުލާ މި ފަހަރު ލީގު ތަށި އުފުއްލައިލަނީ: މުލާ ވަނީ ބަޔާނަށް ކުޅުން ހުއްޓާލައިފައި -- ފޮޓޯ/ ބަޔާން
ބުންޑެސްލީގާގެ މި ސީޒަންގައި ކުޅުނު ފަހު ބުރުގެ އެހެން ނަތީޖާތަކަށް ބަލައިލާއިރު ލެވަކޫސެންއާއި މެއިންޒް ޒީރޯ ފައިވް ބައްދަލުކުރި މެޗު 2-2 އިން ދެ ޓީމުވީ އެއްވަރެވެ. އެއިންޓްރެކްޓް ފްރޭންކްފާޓާއި ފްރެއިބާގް ބައްދަލުކުރި މެޗު 3-1 އިން ފްރޭންކްފާޓް ކާމިޔާބުކުރިއިރު ބޮރޫޝިއާ ޑޯޓްމުންޑްއާއި ހޯލްސްޓެއިން ކިއެލް ބައްދަލުކުރި މެޗު 3-0 އިން ކާމިޔާބުކޮށްފައިވަނީ ޑޯޓްމުންޑްއެވެ.
އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގައި ވާދަކުރާ ބުންޑެސްލީގާއަށް ނިސްބަތްވާ ހަތަރު ޓީމުގެ ގޮތުގައި ކަނޑައެޅިފައިވަނީ ބަޔާން، ލެވަކޫސެން، ފްރޭންކްފާޓް އަދި ޑޯޓްމުންޑެވެ. ފްރެއިބާގް ބަލިވުމުން މިވަނީ ޗެމްޕިއަންސް ލީގުގެ ބަދަލުގައި ޔޫރޮޕާ ލީގުގެ ޖާގައަކާ އެކު ފަރު ޖައްސާލާށެެވެ. އަދި، ޔޫރޮޕާ ކޮންފަރެންސް ލީގުގެ ޖާގަ ލިބިފައިވަނީ މެއިންޒްއަށެވެ. އަދި، ހޯލްސްޓެއިންއާއި ބޯކުމް މިވަނީ ބުންޑެސްލީގާއިން ރެލިގޭޓްވެފައެވެ.