ކުރީގެ ސަރުކާރުން ގޯތި ދޫކުރުމަށް ހިއްކަން ފެށި ކ. ގުޅީފަޅުގެ ބިން ބޭނުންކުރާނެ ގޮތުގެ ކުރެހުން (ލޭންޑް ޔޫޒް ޕްލޭން) އޮތީ ވިހިތިރީސް އަހަރުން "އާބަން ޑިޒާސްޓަރެއް" ކުރިމަތިވާނެ ގޮތަށް ކަމަށް މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެންބަރު މުޙައްމަދު ސައިފް ފާތިޙް މިއަދު ވިދާޅުވެއްޖެއެވެ.
ގުޅީފަޅުން ގޯތި ހަވާލުކުރުން އަވަސްކުރުމަށް، އެ ސަރަހައްދުގެ ލޭންޑް ޔޫޒް ޕްލޭންއަށް ބޮޑު ބަދަލުތަކެއް މިފަހުން ސަރުކާރުން ވަނީ ގެނެސްފައެވެ.
ގުޅިފަޅުގެ ބިން ހިއްކުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ފެށި ނަމަވެސް، 150 ހެކްޓަރުގެ ބިން ހިއްކައި ނިމުނީ މި ސަރުކާރުގައި މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. އޭގެ ފަހުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ގުޅިފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކާނެކަން މީގެ ކުރިން އިއުލާންކުރައްވައިފައެވެ.
މި ސަރުކާރުން މީގެ ކުރިން ވެސް ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭނަށް ބަދަލު ގެނެސްފައިވާއިރު މިފަހަރު ގެނައި ބަދަލު ގެޒެޓްކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެ ކުރެހުމުން ދައްކާ ގޮތުގައި، ހުރިހާ ގޯއްޗެއް ވެސް މިހާރު ދޭ ގޮތަށް ހަމަޖެހިފައިވަނީ މިހާތަނަށް ހިއްކައި ނިމިފައިވާ ސަރަހައްދުންނެވެ.

ގުޅިފަޅު -- ފޮޓޯ/ މިނިސްޓަރު މުއްތަލިބު
މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 195 ވަނަ ރަސްމީ އާއްމު ޖަލްސާގައި ސައިފް ވަނީ ލޭންޑް ޔޫޒް ޕްލޭނަށް ބަދަލުތައް ގެންނާތީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
'އެކްސް'ގައި އޭނާ ކުރި ޕޯސްޓުގައި ވަނީ ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭން ސަރުކާރުން ހިތުހުރި ގޮތަކަށް ބަދަލުކުރާ ކަމަށް ތުހުމަތުކުރައްވައިފައެވެ.
އަދި އެކަމުގައި ހުރި ބައެއް މައްސަލަތައް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. އެ މައްސަލަތަކަކީ:
- ލޭންޑް ޔޫޒް ޕްލޭނަށް ބަދަލު ގެނައީ މާލެ ސިޓީ ކައުންސިލާ ވެސް އަދި ގުޅީފަޅު ރަށްވެހިންގެ ޖަމިއްޔާއާ ވެސް އެއްވެސް މަޝްވަރާއެއް ނުކޮށްކަން.
- ލޭންޑް ޔޫޒް ޕްލޭން އޮތީ ވިހިތިރީސް އަހަރުން އާބަން ޑިޒާސްޓަރެއް ކުރިމަތިވާނެ ގޮތަށްކަމަށާއި ޒަމާނީ އާބަން ޕްލޭނިންގެ ކަންފުޅެއްވެސް ނެތްކަން.
ސައިފް ވިދާޅުވީ ލޭންޑް ޔޫޒް ޕްލޭނަށް ކޮންމެހެން ގެންނަން ޖެހޭ ބަދަލުތައް ފާހަގަކޮށް ކައުންސިލުން ރަސްމީ ލަފައެއް، ލިޔެކިޔުމުން ފޮނުވާން ޖެހޭ ކަމަށެވެ. އަދި މިއަދުގެ ބައްދަލުވުމުގައި އޭނާ ވަނީ އެ ގޮތަށް ލަފާ އަރުވައިފައެވެ.
ސައިފް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ނޫ ގާނޫނުއަސާސީ ދުވަސްވަރުގެ މުލުވަޒީރެއްހެން، މާ ބޮޑާކަމާއި ގަދަބާރުގައި، މީހަކު ބުނާ އެއްޗެއް ނާހާ އިނދެ، ހިތުހުރިގޮތަކަށް ކަން ނިންމެވުމުގެ ބޯދާ އާދައިން ނެއްޓޭން ނޭނގޭ މީހަކު މިޒަމާނުގައި ވަޒީރުކަމަކަށް ކުފޫ ހަމައެއްނުވޭ. އަޑު އެހުމުގެ ގާބިލުކަމާއި ޝައުގު ނެތީވިއްޔާ އަވަހަށް ގެޔަށް ވަޑައިންނަވާ!މުޙައްމަދު ސައިފް ފާތިޙް
ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު -- ފޮޓޯ/ ރައީސް އޮފީސް
ގުޅިފަޅު ލޭންޑް ޔޫޒް ޕްލޭނަށް ގެނައި ބަދަލާ ގުޅޭ ގޮތުން މިނިސްޓަރު މުއްތަބިލު މީގެ ކުރިން ވިދާޅުވީ މިދިޔަ ސަރުކާރުގައި، އޮގަސްޓު 24، 2023ގައި އިއުލާންކުރި ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭންގައި މީހުން ދިރިއުޅޭ ސަރަޙައްދެއްގައި ހުންނަން ޖެހޭ މުހިންމު ބައިތައް ނެތް ކަމަށެވެ.
އެހެންވެ އެ ޕްލޭން ބަދަލުކޮށް މިދިޔަ އަހަރުގެ އޮކްޓޯބަރު 27ގައި އާ ޕްލޭނެއް އިއުލާނުކޮށް، އެ ޕްލޭނުގައި ސަރުކާރުން އިތުރަށް ހިއްކުމަށް ކަޑައަޅާފައިވާ ސަރަޙައްދު ހިމެނޭހެން ގޯތި ދިނުމަށް ނިންމައި ގުރުއަތު ނެގުންވެސް ބޭއްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުގެ ލޭންޑް ޔޫޒް ޕްލޭންގެ ދަށުން ގޯތި ލިބުނު މީހުންނަށް ރެޖިސްޓްރީ ދޫކޮށްފައިވީ ނަމަވެސް، މިދިޔަ އަހަރު އެކުލަވާލި ޕްލޭނުގެ ދަށުން ގޯތި ރެޖިސްޓްރީ ހެދުމަށް ދަތިވެފައިވާ ކަމަށް މުއްތަލިބު ވިދާޅުވިއެވެ. އޭގެ ސަަބަބަކީ ކުރިން ރަޖިސްޓްރީ ދީފައިވާ ބައެއް މީހުންނަށް، މިހާތަނަށް އަދި ސަރަހައްދުން ގޯތި ލިބޭގޮތަށް ގުރުއަތު ނެގިފައިވުން ކަމަށް އޭނާ ވިދާޅުވިއެވެ.
ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު ފެށީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. އެގޮތުން ބިން ހިއްކުމުގެ މަސައްކަތް ނެދަލެންޑްސް ބޮސްކާލިސްއާ ހަވާލުކުރީ 120 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ)އަށް ކަމަށް ސަރުކާރުންވަނީ މީގެ ކުރިން ހާމަކޮށްފައެވެ.
ކުރީ ސަރުކާރުގެ 'ބިންވެރިޔާ ސްކީމް'ގެ ދަށުން ގުޅީފަޅުން މަދުވެގެން 2000 ގޯތި ދޫކުރަން އޮތީ އިއުލާންކޮށްފައެވެ.
މި ސަރުކާރުން ގުޅީފަޅުން މިހާރު ދޫކުރުމަށް ނިންމާފައި ވަނީ 3،520 ގޯއްޗެވެ. އެއީ، ގިރާވަރުފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލުކުރަން މީހުން އެދުނު މީހުން ހިމަނައިގެންނެވެ.
ކުރީ ސަރުކާރުން ގުޅިފަޅުން ގޯތި ލިބޭ މީހުންގެ ގުރު ނަގައިފައި އޮތް ނަމަވެސް، މި ސަރުކާރުން ލޭންޑް ޔޫޒް ޕްލޭން ބަދަލުކޮށް، އަލުން ގުރު ނެގުމުން އިދިކޮޅުން ނުރުހުން ފާޅުކުރިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން ވެސް ސަރުކާރުތަކުން އިއުލާނުކުރާ ބިޔަ ބޮޑެތި ހައުސިން މަޝްރޫއުތަކަށް ނުވަތަ އާބަން ޑިވަލޮޕްމަންޓުގެ ބޮޑެތި ޕްރޮޖެކްޓްތަކުގެ ލޭންޑް ޔޫޒް ޕްލޭންތަކަށް އެކިއެކި ބަދަލުތައް ގެނެސްފައި އެބަހުއްޓެވެ. އޭގެ ސަބަބުން މިފަދަ މަޝްރޫއުތަކުން ރައްޔިތުންނަށް ލިބެންޖެހޭ މަންފާ ނުލިބި، އެތައް އަހަރެއްގެ ޕްލޭން ދަނީ ބޭކާރުވެގެންނެވެ.
މިހާތަނަށް އެންމެ ކާމިޔާބުކޮށް ހިންގުނު އެފަދަ އެއް ޕްރޮޖެކްޓަކީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ތަރައްގީކުރި ހުޅުމާލެ ޑިވެލޮޕިން ޕްރޮޖެކްޓެވެ. މިއަދު ހުޅުމާލެއަކީ އެންމެ ތަރައްގީވެފައިވާ އަދި ތަރައްގީވަމުން އަންނަ ރަށެކެވެ. އެފަހުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހުޅުމާލެ ފޭސް2 ގެ ހިޔާ މަޝްރޫއަކީ ވެސް ކާމިޔާބު ޕްރޮޖެކްޓެކެވެ.