ފަތުރުވެރިންނަށް މުޅި ދުނިޔެއިން އެންމެ ކަމުދާ ރިޒޯޓުތަކުގެ ލިސްޓުގެ އެންމެ ކުރީ 10 ޕަސެންޓުން، ސަން ސިޔާމް ޕާސިކުޑާ ރިޒޯޓް ޖާގަ ހޯދައިފިއެވެ.
ސްރީ ލަންކާގައި ހިންގާ ފަސް ތަރީގެ ލަގްޒަރީ ރިޒޯޓެއް ކަމަށްވާ ސަން ސިޔާމް ޕާސިކުޑާއިން ވަނީ، ފަތުރުވެރިކަމާއި ދަތުރުފަތުރާ ގުޅުންހުރި އެންމެ ބޮޑު ޕްލެޓްފޯމް ކަމަށްވާ ޓްރިޕްއެޑްވައިޒާގެ ޓްރެވެލާސް ޗޮއިސް އެވޯޑްސްއިން ބެސްޓް އޮފް ދަ ބެސްޓް އެވޯޑް ހާސިލުކޮށްފައެވެ.
ޓްރިޕްއެޑްވައިޒާއިން ކޮންމެ އަހަރަކު ވެސް، އެ ޕްލެޓްފޯމްގައި އެންމެ ގިނަަ ބަޔެއްގެ މެދުގައި މަގުބޫލު މަންޒިލްތަކާއި ހޮޓެލްތަކާއި ރެސްޓޯރެންޓުތައް ފަދަ ތަންތަނުގެ ލިސްޓުތައް އާންމުކުރެއެވެ. އެ ލިސްޓުތައް އެކުލަވައިލަނީ އެއް އަހަރު ދުވަހުގެ މުއްދަތުގައި މީހުން ދީފައިވާ ރިވިއުތަކާއި ރޭޓިންތަކަށް ބަލައިގެންނެވެ.
އެހެންވެ، އެއީ ސީދާ ފަތުރުވެރިންގެ ހަގީގީ ތަޖުރިބާއަށް ބިނާކޮށް ރިޒޯޓުތަކާ މެދު މީހުން ދެކޭ ގޮތް ދައްކުވައިދޭ އެވޯޑްތަކެކެވެ.

ސަން ސިޔާމް ޕާސިކުޑާ: ޓްރިޕްއެޑްވައިޒާގެ ޓްރެވެލާސް ޗޮއިސް އެވޯޑްސްއިން ބެސްޓް އޮފް ދަ ބެސްޓް އެވޯޑް އެ ރިޒޯޓަށް ވަނީ ލިބިފައި -- ފޮޓޯ/ ސަން ސިޔާމް ޕާސިކުޑާ
ސަން ސިޔާމް ޕާސިކުޑާއަށް ލިބުނު ފަޚުރުވެރި ކާމިޔާބީއާ ގުޅޭ ގޮތުން އެ ރިޒޯޓުގެ ޖެނެރަލް މެނޭޖަރު އަރުޝަދު ރިފައި ވިދާޅުވީ، ދުނިޔޭގެ އެންމެ މަގުބޫލު ރިޒޯޓުތަކުގެ ތެރޭގައި އެ ރިޒޯޓު ހިމެނުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެ ކާމިޔާބީ ލިބުނީ އެ ރިޒޯޓުގައި މަސައްކަތްކުރަމުންދާ، ދުނިޔޭގެ ފެންވަރުގެ ޚިދުމަތްދޭ ޓީމާއި ޒިޔާރަތް ކުރާ ފަތުރުވެރިންގެ ސަބަބުންކަން އޭނާ ފާހަގަކުރެއްވިއެވެ.
"ދަތުރުދާ ކޮންމެ މީހެއްގެ ވެސް އެންމެ ދާން ބޭނުންވާ މަންޒިލްތަކުގެ ތެރޭގައި ހިމެނޭ ސްރީ ލަންކާއަށް ޚިދުމަތެއް ފޯރުކޮށްދެވޭތީ އަޅުގަނޑުމެން ފަޚުރުވެރިވޭ،" ޖެނެރަލް މެނޭޖަރު ވިދާޅުވިއެވެ.

ސަން ސިޔާމް ޕާސިކުޑާ: ސްރީލަންކާގައި ހިންގާ މި ރިޒޯޓަކީ ފަސް ތަރީގެ ލަގްޒަރީ ރިޒޯޓެއް -- ފޮޓޯ/ ސަން ސިޔާމް ޕާސިކުޑާ
ލަންކާގެ އިރުމަތީގައި އޮންނަ ބަޓިކަލޯ ޑިސްޓްރިކްޓްގެ ޕާސިކުޑާ ޓައުންގައި ސަން ސިޔާމް ޕާސިކުޑާ ފުރަތަމަ ހުޅުވީ 2014ގައެވެ. އެއަށްފަހު ބޮޑެތި ބަދަލުތަކާއެކު 2023ގައި ރިޒޯޓު އަލުން ހުޅުވިއިރު، އެ ރިޒޯޓުން ޖާގަ ތަނަވަސް، އެއް ކޮޓަރިއާއި ދެ ކޮޓަރީގެ 34 ޕަވިލިއަން ހުރެއެވެ. އޭގެ ތެރޭގައި ގާޑެން އަދި ބީޗް ޕަވިލިއަން ހިމެނެއެވެ.
ސަން ސިޔާމް ޕާސިކުޑާ ފަރުމާކޮށްފައިވަނީ، ސްރީ ލަންކާގެ މުއްސަނދި ސަގާފަތާއި ތަރިކަ ދައްކުވައިދޭ ގޮތަށެވެ.
ސަން ސިޔާމް ގްރޫޕް އޮފް ކޮމްޕެނީސްގެ ޗެއާމަން އަދި މެނޭޖިންގް ޑިރެކްޓަރު، އަދި މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދުގެ ސަން ސިޔާމް ރިސޯޓްސްގެ ދަށުން, ރާއްޖޭގައި ވަރަށް ފެންވަރު ރަނގަޅު ފަސް ރިސޯޓް ހިންގައެވެ. އޭގެ ތެރޭގައި ހިމެނެނީ ސިޔާމް ވޯލްޑާއި, އިރުފުއްޓާއި ވިލުރީފުގެ އިތުރުން އިރުވެއްޔާއި އޮޅުވެއްޔެވެ.
އެ ރިޒޯޓުތަކަށް ގިނަ ޝަރަފުތަކަކާއި އެވޯޑުތައް ލިބިފައިވެއެވެ. އޭގެ ތެރެއިން މި އަހަރު އެކަނިވެސް، ޗައިނާގެ ފަތުރުވެރިންގެ އެންމެ މަގުބޫލު ހޮޓާތަކުގެ ތެރޭގައި ސަން ސިޔާމް އިރުފުށި ހިމެނުމާއި ސިޔާމް ވޯލްޑް ދުނިޔޭގެ އެންމެ މޮޅު 10 ހޮޓެލްތަކުގެ ތެރޭގައިއާއި އޭޝިއާއިން ހަތަރު ވަނައިގައި އާއި މުޅި ރާއްޖެއިން އެއްވަނައިގައި ހިމެނުން ފާހަގަކުރެވެއެވެ.