މި ސަރަހައްދުގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި އެއް މިއުޒިކް މުބާރާތް ކަމަށްވާ އިންޑިއާގެ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް"ގެ ދެވަނަ ރަނަރަޕްކަން ހޯދި ދިވެހި ބޭންޑް، '2 އޮފް އަސް'އިން ބާއްވާ ތާރީޚީ މިއުޒިކް ޝޯ، މިރޭ 20:30ގައި 'އެސްއެސްޓީވީ'އިން ލައިވްކުރުމަށް ހަމަޖެހިއްޖެއެވެ.
ޓޫ އޮފް އަސްގެ މި ތާރީޚީ ޝޯގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ.
މިއުޒިކް ޝޯ މިރޭ އެސްއެސްޓީވީން ލައިވްކުރާނެކަން މިއަދު އިއުލާނުކުރީ އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި ޓޫ އޮފް އަސްގެ ލީޑަރު، އަހުމަދު އަދުހަމް (އަދޫ)އެވެ.
މި ޝޯ ކުރިއަށް ގެންދާނީ މިރޭ 20:30 އިން ފެށިގެން 00:00އާ ހަމައަށެވެ.
ޓޫ އޮފް އަސްއިން ބާއްވާ މި ޝޯ ވަރަށް ޚާއްސައެވެ. މިއީ މިހާތަނަށް ދިވެހި ބޭންޑަކުން ބާއްވާ އެންމެ އަގު ބޮޑު ޝޯއެވެ. އަދި އިންޑިއާގެ ފަންނާނުންގެ ހުށަހެޅުންތައް ފެނިގެންދާ މި ޝޯ ހޯސްޓު ކުރާނީ ވެސް 'ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025'ގެ ހޯސްޓު ކޭތަން ސިންޚެވެ.
މިއީ ހަމައެކަނި މިއުޒިކް ޝޯއެއް ނޫނެވެ. މިއުޒިކްގެ އިތުރުން އިންޑިއާ އަދި ރާއްޖޭގެ ސަގާފަތް ވެސް ތަޖުރިބާ ކޮށްލުމަށް ލިބޭ އުފާވެރި އަދި ޚާއްސަ ފުރުސަތެކެވެ.
ޓޫ އޮފް އަސްގެ ޝޯގައި ބައިވެރިވާ ބޭރުގެ އިތުރު ފަންނާނުންނާއި ރާއްޖޭގެ ފަންނާނުންގެ ތެރޭގައި:
- 'ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025'ގެ ޕްރޮޑިއުސާ އަދި ޑައިރެކްޓަރު ޝްރުތީ އަނިންދިތާ ވަރްމާ
- އިންޑިއާގެ ފިއުޝަން ބޭންޑެއް ކަމަށްވާ 'ޝިވޮހަމް' ބޭންޑު
- ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ 'ބޮކިޓޮޒް'
- މަޝްހޫރު ބޮޑުބެރު ގްރޫޕް (ހަރުބީ)ގެ ލަވަކިޔުންތެރިޔާ އިބްރާހިމް މަމްދޫހު (މަންޑޭ)
މިރޭގެ ޝޯ އަށް މިހާރު ވަނީ ހުރިހާ ޓިކެޓެއް ވެސް ވިކިފައެވެ. ޑިމާންޑް ބޮޑުވުމުގެ ސަބަބުން، ޓޫ އޮފް އަސް އިން ވަނީ މާދަމާ ރޭ ވެސް އިތުރު ޝޯއެއް ބާއްވަން ނިންމައިފައެވެ. މިހާރު އެ ޝޯގެ ޓިކެޓް ޓޫ އޮފް އަސް ގެ ވެބްސައިޓުން ގަނެވޭނެއެވެ.
މާދަމާ ރޭގެ ޝޯގައި ވެސް އިންޑިއާ ބޭންޑުގެ ހުށަހެޅުންތައް އޮންނާނެއެވެ.
ޖުމްލަ ފަސް މެންބަރުން ހިމެނޭ "ޓޫ އޮފް އަސް"އަކީ އަމިއްލަވަންތަ ގޮތްތަކެއް އެކުލެވޭ ގޮތަށް، ދިވެހިވަންތަ ހުށަހެޅުންތަކެއް ބޭރު ދުނިޔޭގެ ސްޓޭޖެއްގައި ދައްކައިދިން ބޭންޑެކެވެ.
'ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025'އިން 'ޓޫ އޮފް އަސް'އަށް ދެވަނަ ރަނަރަޕްގެ ޝަރަފު ލިބުނުއިރު، އެ ކާމިޔާބީ އަކީ ދިވެހިރާއްޖޭގެ ލައިވް މިއުޒިކްގެ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއެވެ.
މި ބޭންޑުގައި ހިމެނެނީ އަދޫގެ އިތުރުން ޢަބްދުالله ޝަމްރޫޚާއި، މުޙައްމަދު ނަސޫހު ބިން ނަސްރުއްދީނާއި، އަޙްމަދު ޝަހީދު (ޝަހީދު ލެގަސީ) އަދި އަޙްމަދު ޖަޝީމެވެ.
މިރޭގެ ޝޯއަކީ އުފެއްދުންތެރިކަމާއި އެއްބައިވަންތަކަމާއި އުއްމީދުގެ މައްޗަށް އަލިއަޅުވާލާ ރާއްޖޭގެ މިއުޒިކާއި ސަގާފަތަށް ވަރަށް މުހިންމު ރެއަކަށް ވާނެއެވެ. އެގޮތުން ބެލުންތެރިންނަށް ކަމުދާނެ ޕާފޯމަންސްތަކުގެ އިތުރުން މުޖުތަމައަށް މުހިންމު މެސެޖްތަކެއް ވެސް ލިބޭނެއެވެ.