ސަލްމާނަށް އެންމެ ކަމުދާ ދެ ޑައިރެކްޓަރުންގެ ފިލްމަށް މިފަހަރު ނޫނެކެ ބުނެފި

ފިލްމު ޑައިރެކްޓަރުން ކަމަށްވާ ކަބީރު ޚާން، އަލީ އައްބާސް ޒަފަރު، އަޕޫރުވާ ލާހިއާ އަދި އެކްޓަރު ސަލްމާން ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "ސިކަންދަރު"އަށްފަހު ސަލްމާން ދެން މަސައްކަތް ފަށާނެ ފިލްމަކަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ.

މީގެ ކުރިން ސަލްމާން މަސައްކަތްކުރި ކާމިޔާބު ޑައިރެކްޓަރުން ކަމަށްވާ އަލީ އައްބާސް ޒަފަރު އަދި ކަބީރު ޚާންގެ ފަރާތުން ހުށަހެޅުންތައް ލިބިފައިވަނިކޮށް އެކްޓަރު ވަނީ މުޅިން އެހެން ޑައިރެކްޓަރަކާ އެކު މަސައްކަތް ކުރުމަށް ނިންމާފައެވެ.

ފިލްމީ ޚަބަރުތައް ބުނާގޮތުން ސަލްމާން ދެން ފަށަން ގަސްތުކުރާ ފިލްމަކީ ފިލްމު "ޒަންޖީރު"، "ތޫފާން" އަދި "ހަސީނާ ޕާކާރު" ފަދަ ފިލްމުތައް ގެނެސްދިން އަޕޫރުވާ ލާކިއާ ޑައިރެކްޓްކުރާ ފިލްމެކެވެ.

ސަލްމާން ޚާން ފިލްމު "ސިކަންދަރު"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑްހަންގާމާގައި ބުނެފައިވާ ގޮތުގައި ސަލްމާން ވަނީ އަޕޫރުވާ ލާހިޔާގެ ކުރިއަށް އޮތް ފިލްމަށް ސޮއިކޮށް މި އަހަރުގެ ޖުލައި މަހުގެތެރޭ ފިލްމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައެވެ. ސަލްމާން މި ފިލްމުގެ މަސައްކަތް 70 ދުވަހުގެ މުއްދަތަކަށް ކުރުމަށް ރާވާފައިވާއިރު އެކްޓަރު އަންނަނީ ފިލްމުގައި ކުޅޭ ރޯލަށް ޚާއްސަ ތަމްރީނުތަކެއް ވެސް ފުރިހަމަ ކުރަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވަކި ނަމެއް ހަމަޖެހިފައިނުވާ މި ފިލްމު އަންނަ އަހަރުގެ ކުރީކޮޅު ބެލުންތެރިންނަށް ގެނެސްދެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޑައިރެކްޓަރު އަޕޫރުވާ ލާހިޔާގެ ފިލްމަކަށް ސަލްމާން ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު ޑައިރެކްޓަރު އަލީ އައްބާސް ވަނީ އޭނާ ޔަޝް ރާޖް ފިލްމްސްއާ އެކު އުފައްދަން ގަސްތުކުރާ ފިލްމެއް ވެސް ސަލްމާނަށް ހުށަހަޅާފައެވެ. ނަމަވެސް އަލީ އައްބާސްގެ މި ފިލްމަށް ސަލްމާން އަދި އެއްބަސްވެފައިވާ ކަމެއް ޔަގީނެއް ނުވެއެވެ.

ސަލްމާންގެ ފިލްމެއް ބެލުންތެރިންނަށް ފެންނާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފައި މިވަނީ އެންމެ ފަހުން ބެލުންތެރިންނަށް ފެނުނު ފިލްމު "ސިކަންދަރު"އަށް ބޮކްސް އޮފީހުގައި ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން އެކްޓަރުގެ ފިލްމެއް އަވަސް ފުރުސަތެއްގައި ސިނަމާއަށް އަންނާނެ ކަމުގެ ޔަގީންކަމެއް ނެތިފައި ވަނިކޮށެވެ.

comment ކޮމެންޓް