މިދިޔަ މަހު ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުމުގެ 21 މައްސަލަ ހިމެނޭހެން 98 މައްސަލަ ބަލައިފި

ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ތުއްތު އަންހެން ކުއްޖަކު ޖިންސީ އަނިޔާ ދީ ރޭޕް ކުރި މައްސަލައިގައި މާލޭގައި ކުރި އިހުތިޖާޖެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އޭޕްރީލް މަހު ކުޑަކުދިންނަށް ކުރި އަނިޔާގެ 98 މައްސަލައެއް ބަލާފައިވާއިރު، އޭގެ ތެރޭގައި ޖިންސީ އަނިޔާކުރުމުގެ 21 މައްސަލައެއް ހިމެނޭ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީންވަނީ އޭޕްރީލްމަހު އެ މިނިސްޓްރީން ބަލާފައިވާ މައްސަލަތަކުގެ ތަފާސްހިސާބު މިއަދު އާންމުކޮށްފައެވެ. އޭގައިވާ ގޮތުން، ކުޑަކުދިންނާގުޅޭ 98 މައްސަލައަކާއި އާއިލާތަކާގުޅޭ 32 މައްސަލައެއް އެ މިނިސްޓްރީން ބެލިއެވެ.

މީގެ ތެރެއިން ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ހުށަހެޅުނު މިންވަރަށް ބަލާއިރު، އިހުމާލުވުމުގެ 32 މައްސަލައާއި، ޖިންސީ އަނިޔާކުރުމުގެ 21 މައްސަލައެއް ހިިމެނެއެވެ. އަދި ކުޑަކުދިންނަށް ޖިސްމާނީ އަނިޔާކުރުމުގެ 18 މައްސަލައެއްގެ އިތުރުން، ސައިބަ ގްރޫމިންގެ 12 މައްސަލައެއް ވެސް އެ މިނިސްޓްރީން ބަލާފައިވެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ ޖުމްލަ 98 މައްސަލައެއް ބެލިއިރު، އޭގެ ތެރޭގައި ހިމެނެނީ 51 އަންހެން ކުދިންނާއި 47 ފިރިހެން ކުދިންނެވެ.

އެ މިނިސްޓްރީއަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން ފެބްރުއަރީ މަހު 40 މައްސަލައެއް ވަނީ ބަލާފައެވެ. މާރިޗު މަހު 65 މައްސަލައެއް ބަލައިފައިވެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ރާއްޖޭގައި އާންމު އިރު، މިދިޔަ އަހަރު އެކަނި ވެސް ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ 300އެއްހައި މައްސަލަ މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ.

މިހާރު ވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް ހުކުމް ތަންފީޒުކުރާ މީހުންގެ މައުލޫމާތު އާންމުކުރަން ވެސް ފަށައިފައެވެ.

comment ކޮމެންޓް