"މަދީނަތުއް ޠައްޔިބާ"، "ޔަޘްރިބް" އަދި "ދާރުލް ޙިޖްރަ" މިއީ މަދީނަތުލް މުނައްވަރާއަށް ކިޔާ އިތުރު ތިންނަމެވެ.
މަދީނާގެ މާނައަކީcity އެވެ. ރަށްފުށުގެ ރަށެއް ނޫނެވެ. ތަރައްޤީވެފައި އޮންނަ ރަށެވެ. އެންމެން ޖަމާވެ ބަވަނަވާ ރަށެވެ. އެ ޒަމާނުގައި އެ ގޮތަށް އެ ސަރަޙައްދުގައި އޮތީ މައްކާއެވެ. މިހާރުގެ މަދީނާއަށް އޭރު ކިޔަނީ ޔަޘްރިބެވެ.
މަދީނާގެ ގޮތުގައި ތަރައްޤީވުމުގެ ކުރިޔަށް ޔަޘްރިބަކީ ވަރަށް އާދައިގެ ކުޑަކުޑަ ރަށެކެވެ. މުސްލިމުންގެ ފުރަތަމަ ދައުލަތުގެ ބިންގާ އެޅުމުގެ 1500އެއްހާ އަހަރު ކުރިން ޔަޘްރިބުގައި މީހުން ވަޒަންވެރިވެ ދިރިއުޅެން ފެށިކަމަށް ބުނެވެއެވެ. އެއީ ޢީސާގެފާނު ފާޅުވުމުގެ 9 ގަރުނު ކުރިއެވެ. އޭރު އެ ތަނުގައި ވަޒަންވެރިވީ ބަނޫ މަތްރަވީލާއާއި ބަނޫ ހައުފޭ ކިޔުނު ޤަބީލާތަކެއްގެ ބަޔަކު ކަމަށް ވެއެވެ. މި ދެ ވަންހައިގެ މީހުންނަކީ ވެސް ނޫޙުގެފާނުގެ ދަރިކަލުން ޝާމްގެ ދަރިފަސްކޮޅަށް ނިސްބަތްވާ ބަޔަކު ކަމަށް ތާރީޚު ހެކިދެއެވެ.
ޢީސާގެފާނު ފާޅުވުމުގެ 4 ވަރަކަށް ޤަރުނު ކުރިން ޔަމަނުކަރައިގެ ޢަރަބިން ޔަޘްރިބަށް ގޮސް ވަޒަންވެރިވާން ފެށި ކަމަށް ވެއެވެ. އެއީ ބަނޫ އައުސާއި ބަނޫ ޚަޒްރަޖު ވަންހައަށް ނިސްބަތްވާ ބަޔަކު ކަމަށް ވެއެވެ. ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ރަސޫލުކަމައިގެން ފޮނުއްވިއިރު ޔަޘްރިބުގައި އޮތް އެންމެ ބާރުގަދަ ތިން ވަންހައަކީ ބަނޫ ޤައިނަޤާއާއި ބަނޫ ޤުރައިޟާއާއި ބަނުއް ނަޒީރެވެ. ޔަޘްރިބަށް މަދީނާއެވެ ކިޔަން ފެށީ އިތުރު އެކަލޭގެފާނު ހިޖުރަކުރެއްވި ފަހުންނެވެ.
މަދީނާއަށް ކިޔާ އަނެއް ނަމަކީ "މަދީނަތުއް ޠައްޔިބާ" ނުވަތަ "އައްޠައްޔިބާ"އެވެ. "ޠައްޔިބާ"ގެ މާނައަކީ "ހެޔޮ" ނުވަތަ "ރަނގަޅު" މި މާނަތަކެވެ. މަދީނާއަށް މި ނަމުން ނަންދެއްވީ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم އެވެ. ހިޖުރައަށް ފަހު އެކަލޭގެފާނު ޙަދީޘްކުރެއްވީ މިއީ "މަދީނަތުއް ޠައްޔިބާ"އެވެ. މާނައަކީ މިއީ ހެޔޮ ރަނގަޅު ރަށެވެ. (Good City)އެވެ. އެ ދުވަހު މަދީނާއަށް ހިޖުރަކުރެއްވި ޢިއްޒަތްތެރި މުހާޖިރުންނާއި ޔަޘްރިބުން އެ މުސްލިމުންނަށް ރައްކާތެރިކަމާއި ހިމާޔަތް ދެއްވި ޝަރަފުވެރި އަންޞާރިއްޔަ ބޭކަލުންނައިގެން އިސްލާމީ ދައުލަތް ޤާއިމުކުރެއްވުމަށްފަހު، ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް އިސްލާމްދީން ފެތުރެއްވުމަށް މަސައްކަތްޕުޅު ފެއްޓެވިއެވެ. މަދީނަތުއް ޠައްޔިބާއިން އިސްލާމީ ނޫރު ނުކުމެގެން ދިޔައީ ފަނޑުވުމެއް ނެތް ދަންމަރެއްފަދައިން މުޅި ދުނިޔެ އަލިކުރަމުންނެވެ.
މަދީނާއަށް ކިޔާ އަނެއް ނަމަކީ "ދާރުލް ހިޖުރަ"އެވެ. މާނައީ ހިޖުރަކުރެއްވި ރަށެވެ. އެއީ އިތުރުއެކަލޭގެފާނު އެ ރަށަށް ހިޖުރަކުރެއްވީތީއެވެ. ހިޖުރަކުރުމަކީ އެ މީހެއްގެ ދިރިއުޅުން މިހާރު ހުރި ތަން ނޫން އެހެން ތަނަކަށް ބަދަލުވާ ބަދަލުވުމެވެ. އޭނާ އުޅޭ ތަން އެކީއެކަށް ދޫކޮށްފައި ސުމަކުން ފަށަން އެހެން ތަނަކަށް ދާދިއުމެވެ. މުސްލިމުން މައްކާ ދޫކުރައްވައި ވަޑައިގެންނެވީ އެފަދައިންނެވެ. ދަތުރަށް ބޭނުންވާނޭ ކޮއްތަކާއި ނަފުސުގެ ދިފާޢުގައި އުފުލާނޭ ހަތިޔާރެއް ނޫން އެއްޗެއް ގިނަ ބޭކަލުން ނުގެންދަވައެވެ. ބައެއް ބޭކަލުންނަށް ޖެހިވަޑައިގެންނެވީ ލޯބިވާ އަނބިދަރީން ވެސް ދޫކުރައްވައި ވަޑައިގަންނަވާށެވެ. މައިންބަފައިންނާ ވެސް ވަކިވެވަޑައިގަންނަވާށެވެ. އެއީ އޭރުގެ މުސްލިމުންނަށް ކުރިމަތިވި ވަރަށް ބޮޑު އިމްތިޙާނެކެވެ. އެ އިމްތިޙާނުން އެބޭކަލުން ނިކަން ރަނގަޅަށް ފާސްވެވަޑައިގެންނެވިއެވެ.
މަދީނަތުލް މުނައްވަރާއަކީ އިސްލާމީ ތާރީޚު އެ ކަމަށް ޓަކައި އެންމެ ފަޚުރުވެރިވާ އިސްލާމީ ދައުލަތުގެ ބިންގާ އެޅުއްވި ރަށެވެ. މުހާޖިރުންނާއި އަންޞާރުން އާޚާކުރެއްވި ކުރެއްވުން އެއީ ދުނިޔޭގެ ނިމުމާ ހަމައަށް ވެސް އެވަރުގެ ޞުލްޙަވެރި ޢަދުލުވެރި އިޞްލާޙީ ބަދަލެއް ނުގެނެވޭނޭ ވަރުގެ ބޮޑު އިންޤިލާބެކެވެ. މިއަދާ ޖެހެންދެން ވެސް މަދީނާއިން އެ ފެންނަ އެއްބަނޑުއެއްބަފައިވަންތަ މަތިވެރި އަޚްލާޤުގެ ބިންގަލަކީއެއީއެވެ.
މަދީނާގައި ބިންގާ އެޅުއްވި ދައުލަތަކީ އިންސާނީ ތާރީޚުގައި އެންމެ ފުރަތަމަ ފަހަރަށް ޤާނޫނެއް ލިޔުއްވައިގެން ވެރިކަމެއް ކުރެއްވި ދައުލަތެވެ. އިސްލާމުންނަށް ލިބޭ ހުރިހާ އަމާންކަމާއި ރައްކާތެރިކަމެއް ޔަހޫދީންނަށް ވެސް ލިއްބައިދޭ ގޮތަށް ލިޔެވުނު އެ ޤާނޫނަކީ އެއާ ފައިހަމަ ކުރެވޭނޭ އެއްވެސް ޤާނޫނެއް މިއަދާ ހަމައަށް އަދި ލިޔެވިފައި ނުވާވަރުގެ ފުރިހަމަ ޤާނޫނެކެވެ. އަދި ކިޔެއް މިއަދުގެ ތަހުޒީބު ޒަމާނުގައި އަދިވެސް އެ ޤާނޫނާށް ހަވާލާދެވޭ ޤާނޫނެއް ކަމުގައި ވެފައި އޮތް ފަޚުރުވެރި އިސްލާމީ ޤާނޫނެވެ.
މި ފަޚުރުން ފަޚުރު ލިބިގަންނާން މިއަދު ތިބި ބަޔަކީ އަޅުގަނޑުމެންނެވެ. މާދަމާގެ ޖީލުތަކަށް މި ދީނާއި، މިދީނުގެ ރިވެތި އުޅުމާއި ގުޅުން ގެންދެވޭނީ އަޅުގަނޑުމެންގެ ދަރީންނަށް ދީން ދަސްކޮށްދީގެންނެވެ. އެ ދަރީންގެ ހިތުގައި އިސްލާމީ ރިވެތި އަޚުލާޤުގެ ބިންގާ އަޅައިދީގެންނެވެ. މި ދީނަށް ލޯބިޖައްސައިގެންނެވެ. އެ ކަން އެ މަގުން ކުރާ މީހުންނަށް އައްސަރިބަހާއި ސާބަސް ހުއްޓެވެ. އެ ނޫން މީހުންނަށް ދޭން އޮތް ނަސޭހަތަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް ޓަކައި ތިބާގެ ދަރި އިސްލާމްކަންމަތީ ބޮޑުކުރަން މިއަދު ފަށާށެވެ!