ތައުޙީދުގެ ކަލިމައަކީ މުސްލިމުންގެ ހިތްތަކަށް ހިތްހަމަޖެހުން ގެނުވާ ކަލިމައެކެވެ. ޝާޢިރު ވިދާޅުވެފައި ވެއެވެ. "ބާއްޖަވެރިވި ދެ ކަލިމަޔަކީ، އުފާ ލިބޭނޭ ހެޔޮ މަގަކީ لآ اِلَهَ اِلّا اللّهُ مُحَمَّدٌ رَسُوُل اللّه" މި ކަލިމައަކީ މި މާތް ދީނުގެ ބިންގަލެވެ. މި ދީނަށް އުޅެން ނިޔަތްގަންނަ ކޮންމެ ނަފުސަކަށް މަގު އަލިކޮށްދޭ ބައްތިއެވެ.
މުސްލިމެއްގެ ޙަޔާތުގެ ފެށުމާއި ނިމުމުގައި ވެސް ތައުޙީދުގެ ކަލިމަ މުހިންމު ދައުރެއް އަދާކުރެއެވެ. މުސްލިމު ޢާއިލާއަކަށް ނިސްބަތްވެގެން ދުނިޔެއަށް އަންނަ ކޮންމެ ފުރާނައަކަށް އެންމެ ފުރަތަމަ އިއްވޭ ކަލިމައަކީ މި ކަލިމައެވެ. އޭނާގެ ފުރަތަމަ ނޭވާއާ އެކު ﷲގެ އެއްކައުވަންތަކަމަށް ހެކިވާ ހެކިވުމުގެ އަޑު ތުއްތުތުއްތު އެ ކަންފަތަށް އިއްވަނީ އިސްލާމްކަމުގެ ރަމްޒެއްގެ ގޮތުންނެވެ. ދުނިޔެއަށް އައީ ވެސް ތައުޙީދުގެ ކަލިމައިގެ މަތީގައިކަން އެންގުމަށް ޓަކައެވެ.
މި ދުނިޔޭގެ ޙަޔާތް ނިންމާ، މުސްލިމުން ދުނިޔެ ދޫކުރަންވީ ވެސް މި ކަލިމައިގެ މަތީގައެވެ. އޭނާގެ އެންމެ ފަހު ކަލިމަ ކަމުގައި لآ اِلَهَ اِلّا اللّهُ ވެއްޖެ މީހާ ސުވަރުގެ ވަދެއްޖެ ކަމުގައި ނަބަވީ އިރުޝާދުތަކުން ފެންނާން އެބައޮތެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «من كانَ آخرُ كلامِهِ لا إلَهَ إلَّا اللَّهُ دَخلَ الجنَّةَ» (أخرجه أبو داود: 3116) މާނައީ: "އެ މީހެއްގެ ފަހު ކަލިމައަކީ لا إلَهَ إلَّا اللَّهُ ކަމުގައި ވެއްޖެ މީހާ ސުވަރުގެ ވަދެއްޖެއެވެ."

ތައުޙީދެގެ ކަލިމައިގެ މަތީގައި އޭނާގެ ޙަޔާތް ފައްޓައި އެ ކަލިމައިގެ މަތީ އޭނާގެ ޙަޔާތް ނިންމާ މީހާ ސުވަރުގެއަށް ވަންނާނެކަން މި ޙަދީޡުން އެބަ އެނގެއެވެ. އަދި ކިޔެއް އެއަށްވުރެ ބޮޑަށް ޔަޤީންވާ ކަމަކީ ތައުޙީދުގެ ކަލިމައިގެ މަތީ އޭނާގެ ޙަޔާތް ނިންމައިލުމުގެ ފުރުޞަތު ލިބުނު ކޮންމެ ފުރާނައަކަށް ސުވަރުގޭގެ ދާއިމީ ގޮވައްޗަށް ވަދެވޭނެ ކަމެވެ. އެފަދަ މަތިވެރި މަޤާމެއް ލިބޭ މީހާ ވާނީ ފުރިހަމަ ގޮތުގައި އެ ނިޢުމަތުގެ ޙައްޤުވެރިއަކަށެވެ. އޭނާގެ މުޅި ދިރިއުޅުން އޮންނާނީ އެ ކަލިމައިގެ ތަރަހައިގެ ތެރޭ ދާއިރާވެ ނިމިފައެވެ.
މާތް ﷲ އިންސާނުންގެ ކިބައިން އެދިވޮޑިގަންނަވަނީ ތައުޙީދުގެ ކަލިމައިގެ މަތީ އެ މީހުންގެ ދިރިއުޅުން ބައްޓަން ކުރުމަށެވެ. އެއްކައުވަންތަ ﷲއާ އެއް ހަމައެއްގައި އެހެން އެއްވެސް ފަރާތެއް ބައިވެރި ނުކުރުމަށެވެ. އެއިލާހަށް އެކަނި އަޅުކަންކުރުމަށެވެ. މުޅި އިންސާނިއްޔަތަށް މުޚާޠަބުކުރައްވައި ﷲ ވަޙީކުރެއްވިއެވެ. ﴿يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِن قَبْلِكُمْ﴾ (البقرة: ٢١) މާނައީ: "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ! އެކަލާނގެއީ، ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ކުރިން އުޅުނު މީހުން ހެއްދެވި ރަސްކަލާނގެއެވެ." ﴿فَلَا تَجْعَلُوا لِلَّهِ أَندَادًا وَأَنتُمْ تَعْلَمُونَ﴾ (البقرة: ٢٢) މާނައީ: "ފަހެ، (އެކަލާނގެ ޚާލިޤުވަންތަކަން) ތިޔަބައިމީހުން ދެނެތިބެ، ﷲއަށް ޝަރީކުންތަކެއް ތިޔަބައިމީހުން ނުލާށެވެ!"
އާންމުކޮށް އިންސާނިއްޔަތަށް ކުރެއްވި މި އަމުރަށްވުރެ މާ ލޮބުވެތި އޯގާވެރި އިރުޝާދުފުޅެއް ﷲ ވަނީ މުސްލިމުންނަށް ދެއްވައިފައެވެ. އެއިލާހު ވަޙީކުރެއްވީ ﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ﴾ (آل عمران: ١٠٢) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! އެކަލާނގެއަށް ތަޤުވާވެރިވުން ޙައްޤުވެގެންވާ ގޮތުގައި ތިޔަބައިމީހުން ﷲއަށް ތަޤުވާވެރި ވެރިވާށެވެ! އަދި، މުސްލިމުން ކަމުގައިވާ ހާލުގައި މެނުވީ، ތިޔަބައިމީހުން މަރުނުވާހުށިކަމެވެ!" އާދެ! ބައްޕައަކު އޭނާގެ ލޯބިވާ ދަރީންނަށް އެންމެ ފުރިހަމަ ރައްކާތެރިކަން ހޯދައި ދިނުމަށް ނަސޭހަތްތެރިވާ ބީދައިން، ﷲ އެއިލާހުގެ އަޅުންނަށް ވަޞިއްޔަތް އެ ކުރައްވަނީ ތައުޙީދުގެ ކަލިމައިގެ މަތީ ތަޤުވާވެރި އަޅަކުފަދައިން ދުނިޔޭގައި އުޅުމަށާއި ޚާއްޞަކޮށް މަރާ ބައްދަލުކުރާހިނދު މުސްލިމެއްގެ ގޮތުގައި ނޫނީ ނުވުމަށެވެ.
އިންސާނުންނަށް އޭނާގެ މަރުގެ ވަގުތު ވަންހަނާ ކުރައްވައިފައިމެ، އެ މަރާ ބައްދަލުވާހިނދު އިސްލާމްކަންމަތީ ހުރުމަށް އެންގެވުމުން، އެ ލިބޭ އިބުރަތަކީ އަބަދުގެއަބަދަށް އޭނާ ތަޤުވާގެ މަތީ ހުންނަންވީކަމެވެ. އިސްލާމްކަމުން ބޭރުވާނޭ އެއްވެސް އަމަލެއް ނުކުރަންވީ ކަމެވެ. އިސްލާމްކަންމަތީ މީހާ ދަމަހައްޓާ ހުރިހާ ޢަމަލެއް ތަކުރާރުކުރުންމަތީ ދެމިހުންނަންވީ ކަމެވެ. މަރާ ބައްދަލުވަންދެން ތައުޙީދުގެމަތީ ދުނިޔޭގައި އުޅެންވީ ކަމެވެ.
އެކުވެރި ކިޔުންތެރިންނޭވެ! މަރުގެ ވަގުތު ނޭނގޭ މި އިންސާނާއަށް އޮތީ ޙަޔާތުގެ ފެށުމާއި ނިމުމުގައި ވެސް ތައުޙީދުގެ ކަލިމަ އެއީ މަންޒިލުކަމަށް ބަލައިގެން އެ ކަލިމައިގެ މަންހަޖަށް ދިރިއުޅުން ސީދާކުރުމެވެ. އެ ކަލިމައިގެ މަތީ ދިރިއުޅުމެވެ. އެ ކަލިމައިގެ މަތީ މަރާ ބައްދަލުކުރުމެވެ. އެ ކަމުގެ ތައުފީޤު އަޅަމެންނަށް ދެއްވާނދޭވެ! آمين.