އަހަރެންނަށް ޝުކުރުވެރި ނުވެވެނީ ﷲ ކޮން ނިޢުމަތަކަށް ބާއެވެ؟

ނެތުމުގެ ތެރެއިން އިންސާނުން ވުޖޫދު ކުރެއްވި މަތިވެރި މާތް ޚާލިޤަކީ ޢަދަމުން މުޅި ކާއިނާތު ވެސް ވުޖޫދު ކުރެއްވި އެއްކައުވަންތަ އިލާހެވެ. އެއްވެސް އިތުރު ބައިވެރިއެއްގެ އެހީއަކާއި މަދަދެއް ނެތި އުޑުތަކާއި ބިމާއި އެދެމެދުގައި ވާހައި ތަކެއްޗެއް އެކަލާނގެ ހެއްދެވިއެވެ. އެއަށް ފަހު ޢަރުޝިކޮޅުގައި އިސްތަވާވެވޮޑިގެންނެވިއެވެ. އަބޫހުރައިރަތުގެފާނުގެ ރިވާކުރެއްވި ޤުދުސިއްޔަ ޙަދީޘެއްގައި ވެއެވެ. ރަސޫލުﷲ صَلّى اللهُ عَلَيْهِ وسَلَّم ޙަދީޘްކުރެއްވިއެވެ. ((މަޚުލޫޤާތްތައް ޚަލްޤުކުރެއްވި ހިނދު މާތްރަސްކަލާނގެ އެކަލާނގެ ޛާތުފުޅަށް ލިޔުއްވިއެވެ. "ހަމަކަށަވަރުން ތިމަން އިލާހުގެ ކޯފާގެ މައްޗަށް ތިމަން އިލާހުގެ ރަޙްމަތް އިސްކުރެވިގެންވެއެވެ."))‏ (‏متفق عليه‏‏‏)‏

އެއިލާހު އުފެއްދެވި ކޮންމެ މަޚުލޫޤަކަށް ވެސް އެ މަޚްލޫޤެއްގެ އަޖަލާ ހަމައަށް ވާޞިލުވަންދެން ބޭނުންވާ ހުރިހާ ކަމެއް އެންމެ ފުރިހަމަ ގޮތުގައި، މިނުންމިނަށް ކަނޑައަޅުއްވަވައި ހިމެނުއްވެވިއެވެ. އަދި ކޮންމެ އެއްޗެށްމެ އެ އެއްޗެއްގެ ރިޒުޤާ ހިސާބަށް ހިދާޔަތުކުރެއްވިއެވެ. އެއީ އެއިލާހުގެ ރަޙުމަތްފުޅުގެ ތަނަވަސްކަމެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿وَالَّذِي قَدَّرَ فَهَدَىٰ﴾ ‎(الأعلى: ٣)‏ މާނައީ: "އަދި އެކަލާނގެއީ (އެންމެހާ ތަކެތި) މިންވަރުކުރައްވައި، ދެން (އެ ތަކެއްޗަށް) މަގުދެއްކެވި ރަސްކަލާނގެއެވެ."

ޚާލިޤުލް ކައުނައިނި އުފެއްދެވި މަޚުލޫޤުންގެ ތެރެއިން އިޚްތިޔާރު ދެއްވަވައިފައި އުފެއްދެވި ދެ މަޚުލޫޤުންނަކީ އިންސީންނާއި ޖިންނީންނެވެ. އެ ދެ ބައިމީހުންނަށް އޮތީ ހެޔޮ މަގާއި ނުބައިމަގުގެ ތެރެއިން ބޭނުން މަގެއް އިޚްތިޔާރުކޮށް ގެން އެ ގޮތުގައި ޙަޔާތް ވެއަތިކުރުމުގެ ފުރުޞަތު ދެއްވަވައިފައެވެ. އެއިލާހު ވަހީކުރެއްވިއެވެ. ﴿وَهَدَيْنَاهُ النَّجْدَيْنِ‏﴾ ‎(البلد: ١٠)‏ މާނައީ: "އަދި ދެ މަގަށް ތިމަންރަސްކަލާނގެ އޭނާޔަށް މަގުދެއްކެވީމެވެ." އެހެން އާޔަތެއްގައި ވެއެވެ. ﴿إِنَّا هَدَيْنَاهُ السَّبِيلَ إِمَّا شَاكِرًا وَإِمَّا كَفُورًا‏‏﴾ ‎( الانسان: ٣)‏ މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އޭނާޔަށް މަގުދެއްކެވީމެވެ. (އެއީ) އޭނާ ޝުކުރުވެރިވުމަށް ޓަކައެވެ. ނޫނީ އޭނާ ދެކޮޅުވެރިވެ، ކާފިރުވުމަށް ޓަކައެވެ."

ދެ މަގަކީ ޝުކުރުވެރިވުމުގެ މަގާއި ކުފުރުވެރިވުމުގެ މަގެވެ. ޝުކުރުވެރިވެއްޖެ ބަޔަކަށް އިތުރު ކޮށްދެއްވާނޭ ކަމުގެ އުފާވެރި ޚަބަރާއި ކުފުރުވެރިވެއްޖެ ބަޔަކަށް މާތް ރަސްކަލާނގެ ޢަޛާބު ގަދަފަދަވެގެން ވާ ކަމުގެ އިންޒާރު ވެސް ކީރިތި ޤުރުއާނުގައި ވަނީ ދެއްވައިފައެވެ. އެއިލާހު ވަޙީކުރެއްވިއެވެ. ﴿وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ﴾ ‎(ابراهيم: ٧)‏ މާނައީ: "އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރުކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (ޝުކުރުނުކޮށް) ކުފުރުވެއްޖެ ނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޢަޛާބު ގަދަފަދަވެގެން ވާކަން ކަށަވަރެވެ." ކަން މިހެން އޮތް އިރު ޝުކުރުވެރި ނުވާންވީ އެއްވެސް ސަބަބެއް އިންސީންނާއި ޖިންނީންގެ މައްޗަށް އޮންނާނެތޮއެވެ؟

ނިޢުމަތްތައް އިތުރުވާން ކޮންމެ މީހަކު ވެސް އެދޭނެއެވެ. އެހެނަސް ޝުކުރުވެރިވާކަށް ހަނދާނެއް ނުހުރެއެވެ. ނުވަތަ ޒަމާންތަކެއްގެ މަސައްކަތަށް ފަހު ތަނަވަސްކަން އިތުރުވެގެން އަންނައިރު، އެއީ އޯގާވަންތަ އިލާހެއްގެ ކިބައިން ލިބުނު ނިޢުމަތްތަކެއް ކަން، ހަނދާނުގައި ނުހުންނަނީއެވެ. މި ސަބަބަށް ޓަކައި، ރަޙުމާނުވަންތަ މާތް ރަސްކަލާނގެ ވަނީ ހަނދާންކޮށްދޭ ފޮތެއް ކަމުގައި ކީރިތި ޤުރުއާން ލައްވަވައިފައެވެ. އެ ފޮތުގައި އައް-ރަޙްމާންގެ ނަމުން ސޫރަތެއް ޚާއްޞަކުރައްވައި، އެ ސޫރަތުގައި ރަޙުމާންވަންތަ އިލާހުގެ ނިޢުމަތްތައް ޒިކުރުކުރެއްވެވިއެވެ. އަދި އެ ނިޢުމަތްތަކުގެ ތެރެއިން "އިންސީންނާއި ޖިންނީން އިންކާރު ތިޔަ ކުރަނީ ކޮންކޮން ނިޢުމަތްތަކަކަށްތޯ؟" ތަކުރާރުކޮށް ސުވާލުކުރެއްވެވިއެވެ. އެކިއެކި ނިޢުމަތްތަކުގެ ވާހަކަ ވަކިވަކިން ހިމަނުއްވަމުން އެއިން ކޮންމެ ވާހަކައަކަށް ފަހު، އެ ސުވާލު ތަކުރާރު ކުރައްވަމުން ގެންދެވިއެވެ. ﴿فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ﴾ ‎(الرحمن: ١٣)‏ މާނައީ: "އޭ (ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟"

﴿وَالْأَرْضَ وَضَعَهَا لِلْأَنَامِ‎(١٠)‏ فِيهَا فَاكِهَةٌ وَالنَّخْلُ ذَاتُ الْأَكْمَامِ(١١)‏ وَالْحَبُّ ذُو الْعَصْفِ وَالرَّيْحَانُ‎(١٢)‏ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ(١٣)﴾‏ ‏(الرحمن) މާނައީ: "(10) އަދި ޚަލްޤުތަކުންނަށް ޓަކައި އެކަލާނގެ ބިން ލައްވައިފައިވެއެވެ. (11)އެ ބިމުގައި މޭވާއާއި، އެތްތަކުގެވެރި ކަދުރު ރުއްތައް ވެއެވެ. (12) އަދި ތޮށި ހުންނަ ގޮވާންތަކާއި، މީރުވަސްދުވާ މާމެލާމެލި ވެއެވެ. (13)އޭ (ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟" ‎‏

﴿يَخْرُجُ مِنْهُمَا اللُّؤْلُؤُ وَالْمَرْجَانُ﴾ ‏(الرحمن: ٢٢) މާނައީ: "އެ ދެކަނޑުން ރަންމުތާއި، މަރުޖާން ފައިދާވެ ނުކުމެއެވެ." ﴿فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ﴾ ‎(الرحمن: ٢٣)‏ މާނައީ: "އޭ (ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރަސްކަލާނގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ؟"

‎‏ ދުނިޔެމަތީގެ ނިޢުމަތްތަކަށް ފަހު ސުވަރުގޭގެ ނިޢުމަތްތަކުގެ ވާހަކަ ވެސް އެ ސުރަތުގައި ގެންނަވާފައި ވެއެވެ. ތަޤުވާވެރިކަން އިތުރުކޮށް މާތް ﷲގެ މަގަށް އެނބުރި ރުޖޫޢަވެ ތައުބާވުމަށް އަމިއްލަ ނަފުސަށް ހިތްވަރު ހޯދަން ކިޔައިއުޅެން ރަނގަޅު ސޫރަތެއްކަމުގައި އައް-ރަޙްމާނު ސޫރަތް ހިމެނެއެވެ. އެ ސޫރަތުގެ މާނަ ކިޔައި އެއާ މެދު ވިސްނައި ފުކުރުހިންގާ އުޅޭށެވެ. މި މޫސުމަކީ އެކަމަށް އެންމެ ރަނގަޅު ފުރުޞަތެވެ.

comment ކޮމެންޓް