ޒައިދާންގެ ފުޑީސް ސްކޭމް: 30 އޯޑަރަށް 9000 ރުފިޔާގެ ކާބޯތަކެތި ގެންދިޔަ!

ޒައިދާންއާއި އޭނާ ފުޑީސްއަށް ފޮނުވި ސައްހަ ނޫން ސްލިޕްތަކެއް --

މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ބަޔަކަށް ލަނޑުދީފައިވާ ކަމަށް ތުހުމަތު ކުރެވޭ, ޒައިދާން މުޙައްމަދު ހާޝިމްގެ ސްކޭމުގައި މަޝްހޫރު ފުޑް އެޕް, ފުޑީސް މިފަހަރު ޖެހިފައިވާއިރު އެ ކުންފުންޏަށް އޮޅުވާލައިގެން އޭނާ 9000 ރުފިޔާއަށް ވުރެން ގިނަ ރުފިޔާގެ ކާބޯތަކެތި ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ގ. ސިނަމާލެ 1 05-13 / މާލެއަށް ނިސްބަތްވާ ޒައިދާން، ތަކުރާރުކޮށް އެކި ދުވަސްމަތިން "ފުޑީސް ޑެލިވަރީ"އަށް ކާބޯތަކެއްޗަށް އޯޑަރުކޮށް، ޚިދުމަތް ހޯދުމަށްފަހު ފޭކް ސްލިފްތަކެއް ފޮނުވާފައިވާ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހައްޔަރު ކޮށްފައެވެ. އަދި އޭނާގެ ބަންދަށް ކޯޓުން ވަނީ މިދިޔަ ހުކުރު ދުވަހު 15 ދުވަސް ޖަހައިފައެވެ.

https://www.sun.mv/206448

ފުޑީސްއިން "ސަން"އަށް މިއަދު މައުލޫމާތު ދިންގޮތުގައި ޒައިދާން ވަނީ އެ އެޕްލިކޭޝަން މެދުވެރިކޮށް 30 އޯޑަރަކަށް ކާބޯތަކެތި ގެންގޮސްފައެވެ. އެ ތަކެތީގެ އަގު ނުވަ ހާސް ރުފިޔާއަށް ވުރެން އިތުރު ކަމަށް އެ ކުންފުނިން ބުނެއެވެ.

އޭނާ އެ ކުންފުންޏަށް ފޮނުވާފައިވާ ސައްހަ ނޫސް ސްލިޕްތަކެއް ވެސް "ސަން"އަށް ވަނީ ލިބިފައެވެ. އޭނާ ހަދާފައިވާ ސްލިޕްތަކަކީ, ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިސްލާމިކް ބޭންކް އޮފް މޯލްޑިވްސް (އެމްއައިބީ) އަށް ފައިސާ ފޮނުވުމުން ލިބޭ ފަދަ ސްލިޕްތަކެކެވެ. އެ ސްލިޕްތަކުން އެނގޭ ގޮތުގައި އޭނާ ވަނީ އޯޑަރު ދޭ ކޮންމެ ފަހަރަކު 400 ރުފިޔާ އާއި 500 ރުފިޔާއިން މަތީގެ ވިޔަފާރިތައް ކޮށްފައެވެ. އެ ސްލިޕުތަކުގައި ފައިސާ ދެއްކި މީހާގެ ނަން ކަމަށް އިންނަނީ "ހުސައިން ނާޒިމް" އެވެ.

އެ ފޭކް ސްލިޕްތަކުން އެނގޭ ގޮތުގައި އޭނާ އެ މުއާމަލާތްތައް ކޮށްފައި ވަނީ މިއަހަރުގެ ކުރީކޮޅުން ފެށިގެންނެވެ.

މިއީ ޒައިދާންގެ މިފަދަ ސްކޭމެއްގައި ބަޔަކު ޖެހުނު ފުރަތަމަ ފަހަރެއް ނޫނެވެ. އެކިއެކި މަކަރާއި ހީލަތުގެ ސްކޭމްތައް މީނާ ހިންގާފައިވާ ކަމަށް, މީގެ ކުރިން ވެސް ނޫސްތަކުގައި ރިޕޯޓް ކޮށްފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ވުޖޫދުގައި ނެތް ކުންފުންޏެއްގެ ނަމުގައި ފިހާރަތަކުން އޮޅުވާލައިގެން މުދާ ނެގުން ފަދަ ކަންކަން ހިމެނެއެވެ.

https://www.sun.mv/186561

އަދި މި އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި ފުލުހުން މީނާ ހޯދަން ވެސް އިއުލާން ކުރިއެވެ. އެއީ ވެސް މިފަދަ މައްސަލައެއްގައި ސިވިލް ކޯޓުން ކުރި އަމުރެއް ތަންފީޒު ކުރުމަށްޓަކައެވެ. އަދި މީގެ ކުރިން މިފަދަ މައްސަލަތަކުގައި މީނާ ހައްޔަރު ކޮށްފައި ވެސް އެބަހުއްޓެވެ.

ހަމައެހެންމެ މީނާގެ މަކަރުގައި ޖެހިފައިވާ މީހެއް ވާނަމަ ފުލުހުންނަށް ރިޕޯޓް ކުރުމަށް 2023 ވަނަ އަހަރުގެ ޑިސެމްބަރުގައި ފުލުހުން އިއުލާން ކޮށްފައި ވެސް އެބަވެއެވެ.

އެޑިޓްކޮށްފައި ހުންނަ ފޭކް ސްލިޕް ފޮނުވައިގެން ވިޔަފާރި ކުރުމަކީ ރާއްޖޭގައި ގިނަ ކުށެކެވެ. އެކަމުގެ ސަބަބުން އެތައް ވިޔަފާރިއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި އެބަހުއްޓެވެ.

comment ކޮމެންޓް