ކާންސްގެ އެންމެ ބޮޑު އެވޯޑު އީރާންގެ ޑައިރެކްޓަރަކަށް!

ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފިލްމު ފެސްޓިވަލް ކަމަށްވާ ކާންސް ފިލްމު ފެސްޓިވަލްގެ އެންމެ ބޮޑު އެވޯޑު މިފަހަރު އީރާނުގެ ޑައިރެކްޓަރަކަށް ލިބިއްޖެއެވެ.

ފްރާންސްގެ ކާންސްގައި ކޮންމެ އަހަރެއްގެ މެއި މަހުގެ ތެރޭގައި ބާއްވާ ފެސްޓިވަލް މިއަހަރު ނިންމާލާފައިވަނީ އިއްޔެއެވެ. މި ފެސްޓިވަލްގައި އެންމެ ފާހަގަކުރެވޭ އުފެއްދުންތަކަށް އެވޯޑުތައް ދީފައިވަނީ އިއްޔެއެވެ. ދުނިޔޭގެ ބޮޑެތި ޕްރޮޑަކްޝަންތަކާއި އެކްޓަރުން އަދި ޑައިރެކްޓަރުން ބައިވެރިވާ މި ފެސްޓިވަލްގެ އެންމެ ފާހަގަކުރެވޭ އެވޯޑަކީ ޕާމް ޑޯ އެވޯޑެވެ.

މި އެވޯޑަކީ ފެސްޓިވަލުގައި އެންމެ މޮޅު ޑައިރެކްޓަރަށް ދޭ އެވޯޑެވެ. މިފަހަރުގެ އެވޯޑު އިއްޔެ ލިބިފައިވަނީ އީރާނުގެ ޑައިރެކްޓަރެއް ކަމަށްވާ ޖަފާރު ޕަނާހީއަށެވެ. ޕަނާހީއަށް އެވޯޑު ލިބިފައިވަނީ އޭނާ ޑައިރެކްޓު ކޮށްފައިވާ ފިލްމު "އަ ސިމްޕަލް އެކްސިޑެންޓް" ނުވަތަ "އިޓް ވޮޒް ޖަސްޓް އެން އެކްސިޑެންޓް" އަށެވެ. މިއީ ޕަނާހީގެ 11 ވަނަ ފީޗާ ފިލްމެވެ.

މިއަހަރު ފެސްޓިވަލްގައި ބައިވެރި ކޮށްފައިވާ މި ފިލްމަކީ ތުރިލާ ފިލްމެކެވެ. މި ފިލްމުގައި ފެނިގެންދާނީ ކުޑަ މައްސަލައަކަށް ފަހު އެ މައްސަލަ ހައްލު ކުރަން އުޅުމުގެ ތެރޭގައި ބޮޑެތި އެތައް މައްސަލައެއް ފެންމަތިވާ މަންޒަރެވެ.

މި ފިލްމު އެ އެވޯޑަށް ވާދަކޮށްފައިވަނީ މިއަހަރުގެ ފެސްޓިވަލުގައި ހުށަހެޅި 22 ފިލްމާއެކުގައެވެ. އޭގެ ތެރޭގައި ހޮލީވުޑްގެ އޭ ލިސްޓު ޑައިރެކްޓަރުން ވެސް ހިމެނެއެވެ. ފެސްޓިވަލްގައި އެޅުވި ފިލްމު އެންމެ އަވަހަށް ސިނަމާއަށް ނެރޭނީ ފްރާންސްގައެވެ. މި ފިލްމު ސިނަމާއަށް އަންނާނީ ސެޕްޓެމްބަރު މަހުގެ މެދުތެރޭގައެވެ.

ޕަނާހީގެ މި ފިލްމު ނެރެފައިވަނީ އެމެރިކާއަށް ނިސްބަތްވާ ޕްރޮޑަކްޝަން ކުންފުނި ކަމަށްވާ "ނިއޯން" އިންނެވެ. ނިއޯން އަކީ ތަފާތު އެކި ބައިނަލްއަގުވާމީ ފިލްމުތައް އުފައްދާ ޕްރޮޑަކްޝަނެކެވެ. މިއީ ނިއޯންއަށް ބޮޑު ކާމިޔާބީއެކެވެ. އެއީ ފާއިތުވި ހަ އަހަރުގެ ތެރޭގައި ޕާމް ޑޯ ހޯދާފައިވާ ހުރިހާ ފިލްމުތަކަކީވެސް ނިއޯންގެ ދަށުން ނެރެފައިވާ ފިލްމުތަކަށްވާތީއެވެ.

comment ކޮމެންޓް