ބަތަލާ ދިޕިކާ ކައްކަރަށް ކެންސަރު ޖެހިފައިވާކަން ހާމަކޮށްފި

އިންޑިއާތެ ބަތަލާ ދިޕިކާ ކައްކަރު--ފޮޓޯ/ހިންދުސްތާންޓައިމްސް

ޓެލެވިޒަން ސިލްސިލާތަކުން ބޮޑު މަޝްހޫރުކަމެއް ހޯދި އިންޑިއާގެ ބަތަލާ ދިޕިކާ ކައްކަރަށް ކެންސަރު ބަލިޖެހިފައިވާކަން ބަތަލާގެ އާއިލާއިން ހާމަކޮށްފިއެވެ.

އަމިއްލަ އިންސްޓަގްރާމް އެކައުންޓު މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ދިޕިކާ ބުނެފައި ވަނީ، ފުރަމޭގައި އުފެދުނު ޓިއުމަރާ އެކު އެ ޓީއުމަރު ކެންސަރަށް ބަދަލުވެފައިވާކަން އެނގިފައިވާ ކަމަށެވެ.

ކެންސަރު ބަލި ހުރީ ދެވަނަ ސްޓޭޖްގައި ކަމަށްވާތީ ބަލިން ރަނގަޅުވާނެ ކަމުގެ ފުރިހަމަ އުއްމީދު އެބައޮތް ކަމަށާއި މިވަގުތު ބަތަލާއަށް ބޭނުންވަނީ ހުރިހާ އެންމެންގެ ވެސް ހެޔޮ ދުއާ ކަމަށް ދިޕިކާ ވަނީ ބުނެފައެވެ.

ދިޕިކާ ފިރިމީހާ/އެކްޓަރު ޝުއައިބް އިބްރާހީމާ އެކު--ފޮޓޯ/ޕިންކްވިލާ

މިއީ ދިޕިކާގެ އާއިލާއަށް ވަރަށް އުނދަގޫ ވަގުތެއް ކަމަށާއި މި ޚަބަރާ އެކު ބަތަލާގެ އާއިލާއަށް ވަރަށް ބޮޑު ޝޮކެއް ލިބި ހުރިހާ އެންމެންވެސް ތިބީ ކަންބޮޑުވުމެއްގެ ތެރޭގައި ކަން ވަނީ ބުނެފައެވެ.

ނަމަވެސް ދިޕިކާ އަކީ ދިރިއުޅުމުގައި ދިމާވާ ކޮންމެ އުނދަގޫ ދަތި ހާލަތެއްގައި ވެސް ކެރިގެން ކުރިމަތިލާ މީހެއް ކަމަށާއި އާއިލާގެ މެމްބަރުންނާއި ހެޔޮ އެދޭ ގިނަ ބައެއްގެ ދުއާތަކާ އެކު މި ބަލިން ސަލާމަތްވުމަށް އެންމެފަހު ވަގުތާ ހަމައަށް ވެސް އޭނާ ކެތްކުރާނެ ކަމަށް ވަނީ ބުނެފައެވެ.

މަގުބޫލު ޓެލެވިޒަން ޑްރާމާ ސީރީސް "ސަސުރާލް ސިމަރު ކާ"ގެ ބަތަލާ ކައިވެނިކޮށްގެން އުޅެނީ ޓެލެވިޒަން ތަރި ޝުޢައިބް އިބްރާހީމްއާއެވެ. ޝުޢައިބްއާ ކައިވެނިކުރުމަށްފަހު ދިޕިކާ ވަނީ އިސްލާމްދީން ގަބޫލުކޮށް އޭނާގެ ނަން ފާއިޒާއަށް ބަދަލުކޮށްފައެވެ.

އަލަތު ދަރިފުޅު ލިބުމަށްފަހު އެކްޓުކުރުމާ ދުރުގައި އުޅޭ ބަތަލާ އެންމެފަހުން ފެނިފައި ވަނީ ސޮނީ އެންޓަޓެއިންމަންޓްއިން ގެނެސްދިން 'ސެލެބްރިޓީ މާސްޓަ ޝެފް'ގެ ބައިވެރިއެއްގެ ގޮތުގައެވެ.

comment ކޮމެންޓް