މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލުގައި ބައިވެރިވި އިންޑިއާގެ ބަތަލާ އުރުވަޝީ އެ ފެސްޓިވަލުގައި ފެނުނު ސްޓައިލާ ގުޅޭގޮތުން ފާޑުކިޔަމުން އަންނަ ފަރާތްތަކަށް ބަތަލާ ރައްދު ދީފިއެވެ.
އޮންލައިންކޮށް ފިލްމީ ތަރިންނަށް ފަޑުކިޔަމުން އަންނަ ސޯޝަލް މީޑިއާ އެކައުންޓެއް ކަމަށްވާ "ޑައިޓް ސަބްޔާ"އިން ވަނީ ކާންސްގައި އުރުވަޝީ ދައްކާލި ސްޓައިލަށް ވަރަށް ބޮޑަށް ޖޯކު ޖަހާފައެވެ.
އުރުވަޝީ ވަނީ ބަތަލާ އައިޝްވާރިޔާ ރާއީ ކާންސް ފެސްޓިވަލުގައި ދައްކާލާ އައިކޮނިކް ސްޓައިލް ނަކަލުކޮށް އައިޝްވާރިޔާއާ ވާދަކުރުމަށް މަސައްކަތްކޮށްފައި ކަމަށް ވެސް މި އެކައުންޓުން ވަނީ ތުހުމަތުކޮށްފައެވެ.

އުރުވަޝީ މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލުގައި--ފޮޓޯ/އިންސްޓަގްރާމް
މި ފާޑުކިޔުންތަކާ އެކު އުރުވަޝީ ވަނީ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް "ޑައިޓް ސަބްޔާ"ގެ ހިންގުންތެރިންނަށް ވަރަށް ވަރުގަދައަށް ރައްދުދީފައެވެ. އެގޮތުން، މި އެކައުންޓު މެދުވެރިކޮށް މިހާތަނަށް ފަތުރާފައިވަނީ މުޅިން ވެސް ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި ކާންސްގެ ރެޑް ކާޕެޓްގައި އޭނާ ހުއްޓިލައިގެން ހުރީ އުރުވަޝީގެ ޓީމަށް ހާއްސަކޮށްފައިވާ ސަރަހައްދުގައި ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
އުރުވަޝީ މިގޮތަށް ބުނެފައިވަނީ ކާންސް ފިލްމު ފެސްޓިވަލުގައި އެހެން ފަންނާނުން ހުއްޓިލައިގެން ހުންނަ ސިޑިބަރިތައް އޭނާގެ ޓީމުން ބްލޮކްކޮށްފައިވާ ކަމަށް މި އެކައުންޓުން ވަނީ ތުހުމަތުކުރުމާ ގުޅިގެންނެވެ.
ހަމައެއާއެކު ބަތަލާ އައިޝްވާރިޔާއަކީ ކާންސް ފެސްޓިވަލުގެ އެންމެ އައިކޮނިކް ފިލްމީ ތަރި ކަމަށާއި އޭނާ ކާންސަށް ދިޔައީ އެއްވެސް މީހެއްގެ ޑުޕްލިކޭޓަށް ވުމުގެ ނިޔަތުގައި ނޫން ކަމަށް އުރުވަޝީ ވަނީ ބުނެފައެވެ.
ކާންސްގައި އުރުވަޝީ ފެނުނު ސްޓައިލްއާ ގުޅިގެން "ޑައިޓް ސަބްޔާ"ގެ ހިންގުންތެރިންނަށް ނުތަނަވަސްކަން ވެރިވުމަކީ ބަތަލާގެ މައްސަލައެއް ނޫން ކަމަށް އުރުވަޝީ ވަނީ ބުނެފައެވެ.
މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލުގައި އުރުވަޝީ ފެނުނީ ހަންގޭރިއަން-އެމެރިކަން ފެޝަން ޑިޒައިނަރު ޖުޑިތު ލައިބާ ގުރައެއްގެ ސިފައިގައި ފަރުމާކޮށްފައިވާ 5,495 ޑޮލަރު (ހަތަރު ލައްކަ އިންޑިއަން ރުޕީސް)ގެ އަގުބޮޑު އަތްދަބަހަކާ އެކުއެވެ. ބަތަލާގެ މި އަތްދަބަހަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.