ހުޅުމާލޭގައި ސޯޝަލް ހައުސިން ޔުނިޓުތަކުގެ ގޮތުގައި މިހާތަނަށް ދޫކޮށްފައިވާ ހައުސިން ޔުނިޓަކުގެ ކުލީގެ ތެރެއިން، އެއް ފްލެޓަކުން މިހާތަނަށް ނުލިބި އޮތް އެންމެ ބޮޑު އަދަދަކީ އެއް މިލިއަން ރުފިޔާކަމަށް, ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން "ސަން"އިން އެޗްޑީސީގައި އެދުނު މައުލޫމާތު ހިއްސާކުރަމުން އެ ކުންފުނިން ބުނީ ސޯޝަލް ހައުސިން ޔުނިޓުތަކުގެ ތެރެއިން އެޗްޑީސީން ކުލި ނަގައި، ބަލަހައްޓާ ޔުނިޓުތަކުގެ ތެރެއިން އެއް ޔުނިޓަކުން ނުދައްކާ އޮތް ބޮޑު އަދަދަކީ 1،115،769.73 ރުފިޔާ ކަމަށެވެ.
އެއީ އެ ފްލެޓާ ހަވާލުވީ ފަހުން، މި އަހަރުގެ 28 ފެބްރުއަރީއާ ހަމައަށް ނުދައްކާ އޮތް އަދަދެވެ.
ފޭސް އެކެއްގެ ހުރިހާ ސޯޝަލް ހައުސިން ޔުނިޓުތަކަކާއި، ފޭސް ދޭއްގެ ހިޔާ ޓަވަރުގެ ހައުސިން ޔުނިޓުތައް ހިމެނޭހެން، އެޗްޑީސީން ކުލި ނަގައި، ބަލަހައްޓާ ޔުނިޓުތަކުގެ ޖުމްލަ އަދަދަކީ 8،511 އެވެ.
ނަމަވެސް އެޗްޑީސީން ބުނީ، އެ އަދަދުގެ ތެރެއިން ގަވައިދުން ކުލި ދައްކާ ކަމަށް ރެކޯޑުކުރެވިފައިވާ ސޯޝަލް ހައުސިން ޔުނިޓުތަކުގެ ޖުމްލަ އަދަދަކީ 3،219 ޔުނިޓު ކަމަށެވެ.
ގަވައިދުން ކުލި ނުދައްކާ ކަމަށް 5،099 ސޯޝަލް ހައުސިން ޔުނިޓު ރެކޯޑުކުރެވިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
އެއާއެކު، މި އަހަރުގެ 28 ފެބްރުއަރީއާ ހަމައަށް ސޯޝަލް ހައުސިން ޔުނިޓުތަކުން ލިބެންޖެހޭ ކުލީގެ ތެރެއިން އެޗްޑީސީއަށް 728،193،616.18 ރުފިޔާ ނުލިބިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
ނަމަވެސް ކުލި ނުދައްކާނަމަ ފްލެޓު އަތުލާނެކަމަށް ފްލެޓު އެއްބަސްވުންތަކުގައި އޮންނަ ނަމަވެސް، އެއްވެސް ފްލެޓެއް މިހާތަނަށް އަތުލައިފައި ނުވެއެވެ.
ހައުސިން ޔުނިޓާ ހަވާލުވުމަށްފަހު ގަވައިދުން ކުލި ނުދެއްކުމުގެ މައްސަލަ ވަނީ ވަރަށް އާންމުވެފައެވެ.
ފްލެޓްތަކުގެ ކުލި ގަވައިދުން ދައްކާ ބަޔަކު އުޅުނު ކަމުގައިވީ ނަމަވެސް، ކޮވިޑަށްފަހު މާލީ ދަތިކަން ކުރިމަތިވެ ގަވައިދުން ކުލި ދައްކަން ގިނަ ބަޔަކަށް ދަތިވިއެވެ. އެއާއެކު އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގައި އެ ކަމަށް ލުއި ގޮތެއް ހަމަޖެއްސިއެވެ.
އެއަށްފަހު، މިހާރުގެ ވެރިކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ހުޅުމާލޭގެ ހުރިހާ ސޯޝަލް ހައުސިން ފްލެޓްތަކުގެ ކުލި ކުޑަ ވެސް ކޮށްދެއްވައިފައެވެ.
އެޗްޑީސީއިން ތަރައްގީކުރާ ހުޅުމާލެއަކީ މާލެ ސަރަހައްދުގެ ބޯހިޔާ ވަހިކަމުގެ މައްސަަލަ ހައްލުކުރަން ސޯޝަލް ހައުސިންގެ ބޮޑެތި މަޝްރޫއުތައް ހިންގައިފައިވާ ތަނެކެވެ.
އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހުޅުމާލެ ހިއްކައި ނިންމުމަށްފަހު، އެ ތަނުގައި ފުރަތަމަ ފްލެޓް ތަރައްގީކުރެއްވިއެވެ. އޭގެ ފަހުން އައި ކޮންމެ ސަރުކާރަކުން ވެސް ސޯޝަލް ހައުސިންގެ ބޮޑެތި މަޝްރޫއުތައް ހިންގިއެވެ.
އެންމެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެ ވެރިކަމުގައި ފޭސް އެކެއްގައި، ޗައިނާގެ އެހީގައި 1،500 ހައުސިން ޔުނިޓު ތަރައްގީކުރިއެވެ. އަދި ހިޔާ މަޝްރޫއު ވެސް ހިންގިއެވެ.