އައިޖީއެމްއެޗަށް މުވައްޒަފުން އިތުރުކޮށް، ހުޅުމާލޭ ހޮސްޕިޓަލަށް 250 އެނދުގެ އާ އިމާރާތެއް

އައިޖީއެމްއެޗް ކުރިމަތި: އައިޖީއެމްއެޗަށް މުވައްޒަފުން އިތުރުކޮށް، ހުޅުމާލެ ހޮސްޕިޓަލަށް 250 އެނދުގެ އިމާރާތެއް އަޅަނީ -- ފޮޓޯ/ މާނިއު މުހައްމަދު

ސިއްހީ ޚިދުމަތް ފުޅާކުރުމުގެ ގޮތުން އައިޖީއެމްއެޗްގެ މުވައްޒަފުން އިތުރުކޮށް، ހުޅުމާލެ ހޮސްޕިޓަލަށް 250 އެނދުގެ ކެޕޭސިޓީއާ އެކު އާ އިމާރާތެއް އިތުރުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

'ރައްޔިތުންނާ އެކު' ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ހަގީގަތުގައި ހުޅުމާލެ ހޮސްޕިޓަލަކީ މި ވަގުތު އާބާދީއަށް ވުރެ ކުޑަ ހޮސްޕިޓަލެއް ކަމަށެވެ.

ނަމަވެސް، މިދިޔަ ނޮވެންބަރު މަހު އެ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލެއް ގޮތަށް ޚިދުމަތް ދޭން ފަށައި މިހާރު ޚިދުމަތްތައް އިތުރުކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

'ރައްޔިތުންނާ އެކު' ޕޮޑްކާސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

އެގޮތުން، އަންނަ ޖުލައި މަސް ނިމުމުގެ ކުރިން އެ ހޮސްޕިޓަލުގައި ޑައިލަސިސް ޚިދުމަތް ފުޅާކުރަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު މި އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް އިތުރު 24 އެނދު އެ ހޮސްޕިޓަލަށް އިތުރުކުރާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އަދި ވަކިން މުޅި އިމާރާތެއް ހުޅުމާލެ ހޮސްޕިޓަލުގެ ތެރެއަށް އިތުރުކުރާނަން. އެއީ، 250 އެނދުގެ އެއީ. އެ އެކްސްޕޭންޝަން ގެނައުން ވެސް އިނީޝިއަލް ނުވަތަ ފުރަތަމަ މަރުހަލާގެ ތެރޭގައި މިހާރު އޮތީ، ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ، ހުޅުމާލެއަކީ ތިން ފިޔަވަހި އެއްކޮށް ބަލާއިރު 300،000 އެއްހާ މީހުންގެ އާބާދީއަށް ތަރައްގީ ކުރާ ތަނެއް ކަމަށެވެ. އޭގެ ތެރެއިން ދޮޅު ލައްކައެއްހާ މީހުން މިހާރު އެ ތަނުގައި އުޅެން ފަށާފައިވާއިރު ހުޅުމާލޭގެ ސިއްޙީ ޚިދުމަތް ރަނގަޅު ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ސަރުކާރުން ކުރާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލް

މީގެ އިތުރުން، ރަށްރަށުން އެންމެ ގިނަ މީހުން އައިސް ޚިދުމަތް ހޯދާ އައިޖީއެމް ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު ވެސް ފުޅާކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، އެ ހޮސްޕިޓަލަށް ވަސީލަތްތައް އިތުރުކުރުމުގެ އިތުރުން މުވައްޒަފުން ވެސް މިހާރު އިތުރުކުރަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މުވައްޒަފުން ވަރަށް ބޮޑަށް އިތުރުކުރަން އެބަ. މިހާރު ފުރުސަތު ހުޅުވާލައި ގާތްގަނޑަކަށް ނިމިފައި އެވަނީ 218 މަގާމަކަށް. އޭގަ ނަރުހުން ގިނަ އަދަދަކަށް ހިމެނޭނެ. މިއީ ހަމަ ހުރިހާ ކަމެއް ހަމަޖެހިފައި އޮތް ކަމެއް، ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ، 'މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސް'ގެ ދަށުން ދަރުމަވަންތަ ހޮސްޕިޓަލާއި، އައިޖީއެމްއެޗް، ވިލިމާލެ ހޮސްޕިޓަލުގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލާއި، ތެލަސީމިއާ ސެންޓަރު ވެސް ހިމެނޭ ގޮތަށް ގުޅިލާމެހިފައިވާ ނެޓްވޯކެއްގެ ތެރެއިން އެ ތަންތަން ހިންގުމުގެ ނިޒާމު ހަރުދަނާކުރެވޭނެ ކަމަށެވެ.

މީގެ ކުރިން އެއީ އެއް ތަން އަނެއް ތަނާ ވާދަކުރާ ތަންތަން ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، މިހާރު އެއީ އެއް ގަވަނިން ބޮޑީއެއްގެ ތެރެއިން ވަރަށް ތަރުތީބުކޮށް ހިންގާ ތަނެއް ކަމަށް ވިދާޅުވިއެވެ. އޭގެ ސަބަބުން އެއް ތަނުން އަނެއް ތަނަށް ސްޕެޝަލިސްޓުންނާއި، ސުޕަ ސްޕެޝަލިސްޓުން ބަދަލުކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ 75 އެނދާ އެކު، އައިޖީއެމްއެޗުގައި މަލްޓި ސްޕެޝަލިޓީ ސާޖިކަލް ވިންގެއް ވެސް މި ނިމުނު ހަފުތާގައި ހުޅުވައިދެއްވައިފައެވެ. އެތަނުގައި ގާއިމުކޮށްފައި ވަނީ:

  • ޖެނެރަލް ވޯޑުގައި 44 އެނދު
  • ހައި ޑިޕެންޑެންސީ ޔުނިޓުގައި 15 އެނދު
  • ޕްރައިވެޓް ރޫމްގެ ގޮތުގައި 14 ކޮޓަރި
  • ބާން ޔުނިޓުގެ ގޮތުގައި ފުރަތަމަ ފަހަރަށް ދެ އެނދު

މީގެ އިތުރުން، ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމް (އީއާރް)އަށް ހަތް އެނދު އިތުރުކޮށް، 14 އެނދާ އެކު ކެޕޭސިޓީ ވަނީ އިތުރުކޮށްފައެވެ. މި އިމަޖެންސީ ރޫމުގައި، ކްރިޓިކަލް ބަލިމީހުންނަށް ޚާއްސަ ފަރުވާ ދިނުމަށް ރިސަސިޓޭޝަން ރޫމެއް ވެސް ގާއިމުކޮށްފައިވެއެވެ.

comment ކޮމެންޓް