އަޖޭގެ ކެރިއަރުގެ އެންމެ ކާމިޔާބު ފްރެންޗައިސް 'ދްރިޝްޔަމް 3' އަންނަ އަހަރު

އަޖޭ ދޭވްގަންގެ ފިލްމު 'ދްރިޝްޔަމް'ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ އެކްޓަރު އަޖޭ ދޭވްގަންގެ ކެރިއަރުގެ އެންމެ ކާމިޔާބު ފްރެންޗައިސްގެ ތެރޭ ހިމެނޭ ފިލްމު "ދްރިޝްޔަމް"ގެ ތިން ވަނަ ފިލްމު އަންނަ އަހަރު ގެނެސްދޭނެކަން އިއުލާނުކޮށްފިއެވެ.

މި ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީޚު ކަށަވަރުކޮށް ބުނެފައި ނެތް ނަމަވެސް އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހަކީ ފިލްމު ރިލީޒްކުރާނެ ތާރީޚު ކަމަށް ރިޕޯޓުތައް ބުނެއެވެ. އަބީޝެކް ޕަތަކް ޑައިރެކްޓްކޮށް ޕަނަރޯމާ ސްޓޫޑިއޯސް އަދި ވިއަކޯމް18އާ ގުޅިގެން ގެނެސްދޭ "ދްރިޝްޔަމް 3"އަކީ އަންނަ އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް ފިލްމެވެ.

އަޖޭ ދޭވްގަން އަދި ބަތަލާ ތައްބޫ މުހިއްމު ރޯލެއް ކުޅެފައިވާ ފިލްމު "ދްރިޝްޔަމް" އެންމެ ފުރަތަމަ ރިލީޒްކޮށްފައި ވަނީ 2015 ވަނަ އަހަރެވެ. އޭގެ ފަހުން މި ފިލްމުގެ ދެވަނަ ބައި 2022ވަނަ އަހަރު ބެލުންތެރިންނަށް ގެނެސްދީފައިވާއިރު މި ދެ ފިލްމަކީ ވެސް ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނު ދެ ފިލްމެވެ.

ފިލްމު "ދްރިޝްޔަމް 2"ގެ މަންޒަރެއްގައި އަޖޭ ދޭވްގަން، ތައްބޫ އަދި އަކްޝަޔޭ ކަންނާ--ފޮޓޯ/ހިންދުސްތާންޓައިމްސް

ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނަ އާއިލާއަކަށް ދިމާވާ ހާދިސާއަކާ ގުޅިގެން އާއިލާގެ މެމްބަރުންނަށް ރައްކާތެރިކަމާއި ހިމާޔަތް ހޯދައިދިނުމަށް ބައްޕައަކު އަދި ފިރިއަކުވާ ގުރުބާނީ މި ފްރެންޗައިސްގެ ދެ ފިލްމުން ވެސް ވަނީ ދައްކުވައިދީފައެވެ.

އަންނަ އަހަރު ރިލީޒްކުރާ މި ފްރެންޗައިސްގެ ތިން ވަނަ ބައިގެ ސަސްޕެންސްއާ އެކު ގެނެސްދޭން ނިންމާފައިވާއިރު ކުރީގެ ދެ ފިލްމުން ފެނުނު ތަރިން ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފިލްމަކީ 2013 ވަނަ އަހަރު ހަމަ އެ ނަމުގައި ގެނެސްދިން މަޅަޔާލަމް ފިލްމު އަސްލަކަށް ބަލައިގެން ގެނެސްދެމުން އަންނަ ސިލްސިލާ ފިލްމެކެވެ.

އަޖޭ އާއި ތައްބޫގެ އިތުރުން ކުރީގެ ދެ ފިލްމުން ފެނުނު މުހިއްމު ތަރިންގެތެރޭ ޝްރިޔާ ސަރަން، އިޝިތާ ދައްތާ އަދި އަކްޝަޔޭ ކަންނާ ހިމެނެއެވެ.

comment ކޮމެންޓް