ސުޒެއިންގެ މައިގަނޑު ފޯކަސް ހުރީ ޓިމޯ ލެސްޓޭ މެޗަށް

ސިންގަޕޫރާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގައި ހުރިހާ ވެސް ޓާގެޓަކީ ޓިމޯ ލެސްޓޭ މެޗަށް ތައްޔާރުވުން ކަމަށާއި ސިންގަޕޫރު މެޗު ބޭނުންކުރާނީ ވީހާ ވެސް ބޮޑަށް ކޮމްޕެޓިޓިވް މެޗަކަށް ތައްޔާރުވުމަށް ކަމަށް ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.

ސިންގަޕޫރުގައި ކުޅޭ އެކުވެރިކަމުގެ މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ ބުރާސްފަތި ދުވަހަށެވެ. އެ ގައުމުގައި ޖުމްލަ ފަސް ދުވަސް މަޑުކުރުމަށްފަހު ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗަށް ގައުމީ ޓީމު ދަތުރުކުރާނީ އޮސްޓްރޭލިއާ އަށެވެ.

މި މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ ޖޫން 10 ގައެވެ. މިއީ ރާއްޖޭގެ ފުޓުބޯޅަ ތާރީޚުގައި އޮސްޓްރޭލިއާގައި ކުޅޭ ފުރަތަމަ މެޗެވެ. މެޗު ކުޅެނީ އޮސްޓްރޭލިއާގައި ޓިމޯ ލެސްޓޭގެ ގިނަ ބަޔަކު ދިރިއުޅޭ ސަރަހައްދެއްގައެވެ.

މެޗަށް ފުރުމުގެ ކުރިން މީޑީއާއަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ސުޒެއިން ބުނީ ސިންގަޕޫރު މެޗު ކުޅޭނީ ސިންގަޕޫރު މެޗުގެ ރިޒަލްޓަކީ ވެސް މުހިންމު އެއްޗެއްގެ ގޮތުގައި ދެކިގެން ކަމަށާއި އެ މެޗު ކުޅޭނީ ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް ކަމަށެވެ.

ސުޒެއިން ބުނީ މެޗުގެ ކުރިން މާލޭގައި ކުރިއަށްގެންދިޔަ ތައްޔާރީތަކާ މެދު ހިތްހަމަޖެހޭކަމަށް ބުނެފައެވެ. އެއީ ގިނަ ކުޅުންތެރިން ތިބީ މުބާރާތެއް ނުވަތަ ރަނގަޅު ފެންވަރުގެ މެޗުތަކެއް ކުޅެ ރަނގަޅު ފޯމެއްގައި ވުމުން ކަމަށެވެ. އަދި ޕްރެކްޓިހުން ވެސް އެކަން ވަރަށް ރަނގަޅަށް ފެނިގެންދިޔަ ކަމަށް ސުޒެއިން ބުންޏެވެ.

ރާއްޖެއިން ވަނީ 2022 ވަނަ އަހަރު ސިންގަޕޫރާ ދެކޮޅަށް ކުޅެފައެވެ. އެ މެޗު ސިންގަޕޫރު ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

comment ކޮމެންޓް