އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ސިންގަޕޫރާ ދެކޮޅަށް ބުރާސްފަތި ދުވަހު ކުޅޭ މެޗު ނަގާނީ ސީރިއަސްކޮށް ކަމަށާއި ކުރެވެން އޮތް ހުރިހާ މަސައްކަތެއްކޮށް، މެޗުން މޮޅުވާން މަސައްކަތްކުރާނެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު އައިސަމް އިބްރާހީމް ބުނެފިއެވެ.
ރާއްޖެއިން ވަނީ 2022ވަނަ އަހަރު ސިންގަޕޫރާ ދެކޮޅަށް ކުޅެފައެވެ. އެ މެޗު ސިންގަޕޫރު ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ. މިއީ އެއަށްފަހު މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ.
މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އައިސަމް ބުނީ ސިންގަޕޫރާ ދެކޮޅަށް ނުކުންނަ މެޗަކީ މުހިންމު މެޗެއް ކަމަށާއި، މި މެޗުން މޮޅުވުން މުހިންމު ކަމަށެވެ. އަދި ސިންގަޕޫރަކީ ރަނގަޅު ފެންވަރުގެ ޓީމެއް ކަމަށްވެސް އައިސަމް ބުންޏެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ބައިނަލްއަގުވާމީ މެޗުތަކުގައި ރާއްޖެއަށް ރަނގަޅު ނަތީޖާއެއް ނުލިބުނު ނަމަވެސް، އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ނުކުތުމުގެ ކުރިން ސިންގަޕޫރާ ދެކޮޅަށް ކުޅެ މޮޅުވުން މުހިންމު ކަމަށްވެސް އައިސަމް ބުންޏެވެ.
ރާއްޖެއާ ސިންގަޕޫރު ބައްދަލުކުރާ މެޗު ކުޅޭނީ މިއަދު ހަވީރު ރާއްޖެގަޑިން 16:30 ގައެވެ. މި މެޗު ކުޅޭނީ ސިންގަޕޫރުގެ ނޭޝަނަލް ސްޓޭޑިއަމްގައެވެ.