އަޖޭއާއި ރޯހިތު، 'ގޯލްމާލް 5' ގެނެސްދޭން ތައްޔާރުވަނީ

ބޮލީވުޑް އެކްޓަރު އަޖޭ ދޭވްގަން އަދި ފިލްމު ޑައިރެކްޓަރު ރޯހިތު ޝެޓީ--ފޮޓޯ/ފިލްމުފެއަ

އިންޑިއާގެ ކުޅަދާނަ ޑައިރެކްޓަރު ރޯހިތު ޝެޓީގެ މަޝްހޫރު ފިލްމު ސީރީސް "ގޯލްމާލް"ގެ ފަސްވަނަ ފިލްމު އުފައްދަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ސިލްސިލާގެ ފަސްވަނަ ފިލްމު ވެސް ގެނެސްދޭނީ ކުރީގެ ފިލްމުތަކުގައި ވެސް މުހިންމު ރޯލް ކުޅުނު އެކްޓަރު އަދި ރޯހިތުގެ ގާތް އެކުވެރިޔާ އަޖޭ ދޭވްގަނާ އެކު ކަމަށް މީޑިއާތަކުން ބުނެއެވެ.

ފިލްމު "ގޯލްމާލް"ގެ އިތުރު ފިލްމެއް ގެނެސްދޭނެ ވާހަކަދެކެވެމުން އަންނަތާ ދުވަސްކޮޅެއްވެފައިވާއިރު މި ފިލްމާ އެކު އަޖޭއާއި ރޯހިތު އެކީގައި މަސައްކަތްކުރާ ފިލްމުތަކުގެ އަދަދު 14އަށް އަރާނެ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. ބެލުންތެރިންގެ ބޮޑު އިތުބާރެއް އޮންނަ އެކްޓަރު އަދި ޑައިރެކްޓަރު ގުޅިގެން މިހާތަނަށް ގެނެސްދީފައިވާ މަގުބޫލު ފިލްމުތަކުގެ ތެރޭ "ޒަމީން" އަދި "ސިންގްހަމް" ސީރީޒްތަކުގެ ފިލްމުތައް ހިމެނެއެވެ.

ފިލްމު "ގޯލްމާލް"އިން މިހާތަނަށް ފެންނަމުން އަންނަ ތަރިން--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "ގޯލްމާލް 5" އަންނަ އަހަރު ސިނަމާތަކަށް ގެންނަން ރާވަމުން އަންނައިރު ރޯހިތަށް މި ފިލްމުގެ މަސައްކަތް ފެށޭވަރުވާނީ އޭނާ މިހާރު މަސައްކަތް ފަށާފައިވާ ރާކޭޝް މާރިއާގެ ބައިޕިކް ފިލްމު ނިމުމުންނެވެ.

އެކްޓަރު ޖޯން އަބްރަހަމް ލީޑް ރޯލުން ފެންނާނެ މި ފިލްމުގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހު ތެރޭ ނިންމަން ރާވާފައިވާއިރު މި ފިލްމު ސިނަމާތަކަށް ގެންނާނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ ކުރީކޮޅެވެ.

ފިލްމީ ޚަބަރުތައް ބުނާގޮތުން ރޯހިތު އަންނަނީ ފިލްމު "ގޯލްމާލް 5"ގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ ނުވަތަ މާރިޗު މަހުތެރޭ ފެށުމަށް އަޖޭއާ އެކު މަޝްވަރާ ކުރަމުންނެވެ.

މި ފިލްމުން އަޖޭއާ އެކު "ގޯލްމާލް"ގެ ފުލް ގޭންގު ފެންނާނެއިރު އޭގެ ތެރޭގައި އަރުޝަދު ވާރްސީ، ތުޝާރު ކަޕޫރު، ކުނާލު ކެމޫ އަދި ޝްރެޔާސް ތަލްޕަޅޭގެ އިތުރުން ޖޮނީ ލީވަ ވެސް ހިމެނެއެވެ.

comment ކޮމެންޓް