ޤަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ރޭ ދިން ހަމަލާ ސައުދީ އަރަބިއާއި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)އިން ކުށްވެރިކޮށްފިއެވެ.
އެކަން ކުށްވެރިކޮށް ސައުދީގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ޢުދުވާނަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ސައުދީން ދެކެނީ މި އަމަލަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އަވަށްޓެރިކަމުގެ އުސޫލުތަކާ ފާޅުކަން ބޮޑު ގޮތެއްގައި ޚިލާފު އަމަލެއްގެ ގޮތުގައި ކަމަށެވެ.
ސައުދީ ޕްރެސް އެޖެންސީން ނެރުނު ބަޔާނުގައިވާ ގޮތުން ސައުދީ އަރަބިއްޔާއިން ވަނީ މި ހާލަތުގައި ގަތަރަށް ތާއީދުކޮށް އެހީތެރިކަން ދޭނެކަން ކަށަވަރުކޮށްދީފައެވެ.
ސައުދީގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވެސް ވަނީ ޤަތަރުގެ އަލް އުދައިދު އެއާ ބޭސްއަށް އަމާޒުކޮށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ދިން ހަމަލާއަކީ ޤަތަރުގެ އިސްތިގުލާލާއި ވައިގެ ސަރަހައްދާއި ފާޅުކަން ބޮޑު ގޮތެއްގައި ޚިލާފު އަމަލެއްގެ އިތުރުން ބައިނަލްއަގްވާމީ ގާނޫނުތަކާއި އދ. ގެ ގާނޫނާ ވެސް ޚިލާފު އަމަލެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ.
މި މަހުގެ 13 ވަނަ ދުވަހު އިސްރާއީލުން އީރާނަށް ދިން ހަމަލާއާއި އޭގެ ފަހުން އިސްރާއީލުން މިސައިލް ހަމަލާތައް ބަދަލުކުރުމުގެ އިތުރުން ރޭ ޤަތަރުގެ ސޮވަރިން ސައިޓްތަކަށް އީރާނުން ދިން ހަމަލާ ހިމެނޭ ގޮތަށް އެ ސަރަހައްދުގައި ހިނގަމުންދާ ސަރަހައްދީ ހާލަތު ގޯސްވުން އޮމާންގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ ކުށްވެރިކޮށްފައެވެ.
އޮމާންގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވަނީ ޤަތަރުގެ ދައުލަތާއި އެ ގައުމުގެ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށް އަޅަމުންދާ ފިޔަވަޅުތަކަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފައެވެ. އަދި އަސްކަރީ ހަމަލާތައް ވަގުތުން ހުއްޓާލުމާއި، ސުލްހަވެރި މަޝްވަރާތަކަށް ދިއުމަށް ގޮވާލާފައެވެ.
ކުވޭތުންވެސް ވަނީ ޤަތަރުގެ ދައުލަތުގެ އިސްތިގުލާލަށް އަމާޒުކޮށްގެން އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕުން ދިން ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކޮށް، އެއީ ޤަތަރުގެ އިސްތިގުލާލާއި ވައިގެ ސަރަހައްދާއި ފާޅުކަން ބޮޑު ގޮތެއްގައި ހިލާފުވުމުގެ އިތުރުން ބައިނަލްއަގްވާމީ ގާނޫނުތަކާއި އދ. ގެ ގާނޫނުތަކާ ޚިލާފު ކަމެއް ކަމަށް ބުނެފައެވެ.
ރޭ ދިން ހަމަލާތަކަކީ ޤަތަރުގައި ހުންނަ، އެމެރިކާގެ އަލް އުދައިދު އަސްކަރީ މަރުކަޒަށް ދިން ހަމަލާއެއް ކަމަށް އީރާނުން ވަނީ ބުނެފައެވެ. ނަމަވެސް އެ ހަމަލާގެ ރައްދު ސީދާ ގޮތެއްގައި ދިނުމުގެ ހައްގު ޤަތަރަށް މިހާރު އެބައޮތް ކަމަށް އެ ގައުމުން ބުނެއެވެ.