ބަންޑާރަނައިބުގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުވަންޖެހޭ ބިލުތައް އައުން ލަސްކަން އެނގިވަޑައިގަންނަވާ ކަމަށާއި، އެ އޮފީހުގެ މަސައްކަތްތައް ދާންވާ ސްޕީޑުގައި ނުދަނީ ރަނގަޅު ފެންވަރުގެ ކޮލިޓީ ވަކީލުންނާއި މުވައްޒަފުން ނެތުމުން ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގެ އެޖެންޑާގައި އޮތީ ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް އިސްލާހު ކުރުމާއި، އެ އޮފީހުގެ މަސްއޫލިއްޔަތުތައް މުރާޖައާކުރުމަށްޓަކައި މިދިޔަ ހޯމަ ދުވަހު ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދު ހުށަހެޅުއްވި ބިލުގެ ބަހުސެވެ.
މި ފަހުން ވެސް ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނަށް އިސްލާހެއް ގެނައެވެ. އެ އިސްލާހާއެކު މިހާރު އޭޖީ އޮފީސް ސިވިލް ސާވިސްއިން ވަނީ ވަކިކޮށްފައެވެ. އެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ މެއި މަހުގެ 29ގައެވެ.

ބަންޑާރަނައިބު އަހުމަދު އުޝާމް -- ފޮޓޯ/ ސަރުކާރު
އެ ބަހުސްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، މީގެ ކުރިން ސިވިލް ސާވިސް އޮނިގަނޑުގެ ތެރެއިން މުސާރަ ދީގެން މުވައްޒަފުން ނަގަން ޖެހިފައި އޮތުމުން ރަނގަޅު ފެންވަރުގެ ވަކީލުންނާއި މީހުން އެ އޮފީހަށް ނުލިބޭ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވަކާލާތުކުރެއްވި ކަމަށެވެ.
ބަންޑާރަނައިބު އޮފީހުގެ މަސައްކަތް އަޅުގަނޑުމެން ބޭނުންވާ ސްޕީޑުގައި ނުދާކަން އެނގޭ. މަޖިލީހަށް ލިބެންވާ ބިލުތައް ލިބެމުން ނުދިޔުމާއި، އަދި ބިލުތައް އައުން ލަސްވަމުންދާކަން. ނަމަވެސް، ގާނޫނުތައް އިސްލާޙުކޮށްގެން ވަރަށް ގިނަ ކަންކަން ރަނގަޅުކުރެވެން އެބަހުރި، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް
ނާޒިމް ވިދާޅުވީ، ބަންޑާރަނައިބު އޮފީހުގެ މަސައްކަތްތައް އަވަސްކޮށް، ރަނގަޅުކުރުމަށްޓަކައި މިހާރު ހުށަހެޅިފައި އޮތް އިސްލާހަކީ މުހިންމު އިސްލާހެއް ކަމަށެވެ. އޭރުން ރަނގަޅު ފެންވަރުގެ ވަކީލުން އެ އޮފީހަށް ލިބޭނެ ކަމަށާއި، ފުނިޖެހިފައި އެ އޮފީހުގައި ހުރި މަސައްކަތްތައް ވެސް 'ކުޑަ އަޑި' ވެގެންދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ބަންޑާރަނައިބުގެ އޮފީސް އެފަދައިން އިސްލާހުކުރެވުމުގެ ނަތީޖާއަކަށް ވާނީ ދެން ހުރި ބޮޑެތި ކަންކަމަށް ބޭނުންވާ މުހިންމު އިސްލާހުތަކުގެ ބިލުތައް އަވަހަށް މަޖިލީހަށް އައުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭރުން ރައްޔިތުންނަށް މަޖިލީހުން ދޭންޖެހޭ ޚިދުމަތްތަކުގައި ތަފާތެއް ދެއްކޭނެ ކަމަށް ވިދާޅުވިއެވެ.

ބަންޑާރަނައިބު އަހުމަދު އުޝާމް، ރައީސް މުއިއްޒާ އެކު -- ފޮޓޯ/ ސަރުކާރު
ބަންޑާރަނައިބުގެ އޮފީހުން މަޖިލީހަށް ފޮނުވަންޖެހޭ ބިލުތައް ލަސްވެ، މަޖިލީހުގައި ކުރާނެ މާ ބޮޑު މަސައްކަތެއް ނެތްކަމަށް ވިދާޅުވެ އިދިކޮޅު އެމްޑީޕީގެ މެންބަރުން ވާހަކަދައްކަވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. މިއަދުގެ ޖަލްސާގައި ވެސް އެ މެންބަރުން ވަނީ އެކަމާ ގުޅިގެން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މިހާރު އެ ގާނޫނަށް ހުށަހަޅާފައި އޮތް އިސްލާހުގައި ވަނީ އެ އޮފީހުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު ކަނޑައެޅުމުގައި ލީގަލް ސާވިސް ގިންތީގެ މަގާމުތަކުގެ މުސާރައާއި އިނާޔަތްތައް ވާންވާނީ، ދައުލަތުގެ ވަކީލުންގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާ އެކަށީގެންވާ އުޖޫރައަކާއި އިނާޔަތެއް ކަމަށެވެ.
އަދި މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ނެޝަނަލް ޕޭ ކޮމިޝަނުން ކަމަށް ވެސް އެ އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.