އިނގިރޭސިވިލާތުގެ "ކޯ އޮޕް"އިން އިސްރާއީލުގެ އުފެއްދުންތައް ބޮއިކޮޓް ކުރަނީ

ކޯ އޮޕް ގެ ސްޕާމާކެޓެއް

ލަންޑަން (25 ޖޫން 2025): އިސްރާއީލުން ޣައްޒާގެ އާންމުން ބަނޑަށް ޖައްސައި ހައިހޫނުކަމުގައި ތިބޭ ޣައްޒާގެ ރައްޔިތުން މެރުމަށްޓަކައި ކާބޯތަކެތި ހަތިޔާރަކަށްހަދާތީ އިސްރާއީލުގައި އުފައްދާ ތަކެތި ބޮއިކޮޓް ކުރަން އިނގިރޭސިވިލާތުގެ އެންމެ ބޮޑު އެއް ސުޕަމާކެޓް ކަމަށްވާ "ކޯ އޮޕް"އިން ނިންމައިފިއެވެ.

އެ ކުންފުނީގެ އިސް ވެރިއެއްކަމަށްވާ ޑެބީ ވައިޓް ވިދާޅުވީ އިސްރާއީލުން ގެންދަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށްޓަކައި ހައިހޫނުކަން ހަތިޔާރަކަށް ބޭނުންކުރަމުން ކަމަށެވެ. އެހެންކަމުން އިސްރާއީލުގެ އުފެއްދުންތައް "ކޯ އޮޕް" ބްރޭންޑްގެ ސްޕާމާކެޓްތަކުން ނުވިއްކަން ނިންމާފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގައި އެކަނިވެސް "ކޯ-އޮޕް" ބްރޭންޑްގެ 2300އަށް ވުރެ ގިނަ ސުޕަމާކެޓް ހުރެއެވެ.

އިސްރާއީލު ގެންދަނީ ހައިހޫނުކަން ތަހައްމަލްކުރާ ޣައްޒާގެ ރައްޔިތުން ކާބޯތަކެތި ބަހާ ތަންތަނަށް ދިޔުމުން އެމީހުންގެ ގަޔަށް ބަޑިޖަހައި މަރަމުންނެވެ. މިފަދައިން ކޮންމެ ދުވަހަކު 40 އާއި 70އާ ދެމެދުގެ އަދަދަކަށް މީހުން މަރާކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔަހޫދީ މަހުޖަނުންގެ ބާރާއި ނުފޫޒު އޮންނަ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ސަރުކާރުތަކުން މިކަމާ އަޅާނުލައި ތިބިނަމަވެސް ހުޅަނގުގެ އާންމުންގެ މެދުގައި އިސްރާއީލާ އިދިކޮޅު ރޫހު ދަނީ ވަރަށް ބޮޑަށް އަށަގަންނަމުންނެވެ.

އިސްރާއީލުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ދުނިޔޭގެ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ "ބޮއިކޮޓް، ޑިސްއިންވެސްޓްމަންޓް އެންޑް ސަންކްޝަން" (ބީޑީއެސް) ކެންޕެއިން ބުނެފައިވާގޮތުގައި އިސްރާއީލުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް އެހަރަކާތުން ކުރާ މަސައްކަތްތައްދަނީ ކާމިޔާބުވަމުންނެވެ. އިސްރާއީލު ބޮއިކޮޓް ކުރުމުގެ މުހިއްމުކަން "ކޯ އޮޕް" ބްރޭންޑަށް ވިސްނައިދޭން ވެސް މަސައްކަތް ކުރިކަމަށް އެ ކެމްޕެއިންގެ އިސްވެރިން ބުންޏެވެ.

ޑެބީ ވައިޓް ވިދާޅުވީ އިސްރާއީލުން ފުޅާދާއިރާއެއްގައި އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާކަމާއި އިސްރާއީލަކީ ބައިނަލްއަގްވާމީ ގާނޫނަށް ގޮންޖަހާ ގައުމެއްކަން މިހާރު އެކުންފުނީގެ ބޯޑަށް ކަށަވަރު ކުރެވިފައި ވާކަމަށެވެ. އެހެންކަމުން އިސްރާއީލުގެ އުފެއްދުންތައް އެކުންފުނީގެ އައުޓްލެޓްތަކުގެ ހަރުތަކުން މިހާރު ނަގާފައިވާނެ ކަމުގައެވެ. އިސްރާއީލުގެ އުފެއްދުންތަކާ މުއާމަލާތް ނުކުރަން ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް