މުޙައްރަމް މަހާއި ޢާޝޫރާ ދުވަހުގެ ރޯދަ

މުޙައްރަމް މަހާއި ޢާޝޫރާ ދުވަހު ރޯދަ ހިފުމަކީ ގިނަ ގުނަ ސަވާބު ހުރި ކަމެއް -- ފޮޓޯ / ފްރީޕިކް.ކޮމް

މާތްﷲ ޙުރުމަތްތެރި ކުރައްވާފައިވާ މައްސަރުތަކުގެ ތެރޭގައި މުޙައްރަމް މަސް ހިމެނެއެވެ. މި މައްސަރުގެ ދުވަސްތަކުގައި ރޯދަ ހިފުން ގިނަ ކުރުމާއި އަދި ވަކީން ޚާއްސަކޮށް ޢާޝޫރާ ދުވަހުގެ ރޯދަ ހިފުމަކީ ގިނަ ގުނަ ސަވާބު ލިބޭނެ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވާ ގޮތުގައި، "ރަމަޟާން މަހުގެ ރޯދައަށް ފަހު ދެން އެންމެ އިތުރު ކަން ބޮޑު ވެގެންވާ ރޯދައަކީ ﷲ ގެ މައްސަރު ކަމުގައި ވާ މުޙައްރަމް މަހުގައި ހިފާ ރޯދައެވެ .." (މުސްލިމް، 1163). މި ޙަދީޘްގައި މުޙައްރަމް މަހަށް شَهْرُ اللهِ އެބަހީ: "ﷲ ތަޢާލާގެ މައްސަރު" ގެ ނަމުން ނަން ދެއްވާފައިވުމުން ދޭހަކޮށްދެނީ ﷲ ގެ ޙަޟުރަތުގައި އެ މައްސަރު ޚާއްސަ ވެގެން ވާ ކަމެވެ.

ޢާޝޫރާ ދުވަހުގެ ރޯދަ

މުޙައްރަމް މަހުގައި ހިފާ އެންމެ ޚާއްސަ ރޯދައަކީ ޢާޝޫރާ ދުވަހުގެ ރޯދައެވެ. ޢާޝޫރާ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް މުޙައްރަމް މަހުގެ 10 ވަނަ ދުވަހެވެ. މި ފެށުނު 1447 ވަނަ އަހަރުގެ މުޙައްރަމް މަހުގެ 10 ވަނަ ދުވަސް މީލާދީ ކަލަންޑަރުން ދިމާވަނީ މި ހިނގާ 2025 ވަނަ އަހަރުގެ ޖުލައި 5 ވާ ހޮނިހިރު ދުވަހާއެވެ.

ޢާޝޫރާ ދުވަހު ރޯދަ ހިފުމަކީ ސުންނަތެކެވެ. ގިނަގުނަ ސަވާބު ލިބޭނެ ކަމެކެވެ. އިބުނު ޢައްބާސްގެ އަރިހުން ރިވާ ވެގެންވާ ޙަދީޘެއްގައި ވެއެވެ. ".... ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެ ދުވަހުގައި ރޯދަފުޅު ހިއްޕެވިއެވެ. އަދި އެ ދުވަހުގައި މުސްލިމުން ރޯދަ ހިފުމަށް އަމުރު ކުރެއްވިއެވެ (ބުޚާރީ، 4680). އެ ދުވަހުގައި ރޯދަ ހިފުމަށް އަމުރު ކުރެއްވި ކަމަށް މި ބަސްފުޅުގައި އޮތް ނަމަވެސް މިއީ ވާޖިބުގެ ދަރަޖަ އަށް އޮތް އަމުރުފުޅެއް ނޫނެވެ (އަންވަރު ޝާހް، 178).

ޢާޝޫރާ ދުވަހުގައި ހިފާ ރޯދައިގެ ސަވާބު ބަޔާން ކުރައްވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. "އަދި ޢާޝޫރާ ދުވަހުގެ ރޯދަ ހިފުމުން، ފާއިތު ވެ ދިޔަ އަހަރުގެ ފާފަތައް ﷲ ފުއްސަވައި ދެއްވާނެ ކަމަށް ތިމަން ކަލޭގެފާނު އުއްމީދު ކުރައްވަމެވެ" (މުސްލިމް: 1162).

ޢާޝޫރާ ދުވަހުގެ ރޯދަ ހިފުން އެންމެ މޮޅު އިތުރު ވެގެން ވަނީ އެ ދުވަހުގެ ކުރީ ދުވަހާ ގުޅުވައިގެން ރޯދަ ހިފުމެވެ. އެއީ މުޙައްރަމް މަހުގެ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހާ ދެ ދުވަހު ރޯދަ ހިފުމެވެ. މުޙައްރަމް މަހުގެ ދިހަވަނަ ދުވަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަފުޅު ހިއްޕެވުމަށް ފަހު، ދެން އަންނަ އަހަރު އެކަލޭގެފާނު ދުނިޔޭގައި ހުންނެވި ނަމަ، ނުވަވަނަ ދުވަހުގެ ރޯދަ ވެސް ހިއްޕަވާ ހުށީމޭ ޙަދީޘް ކުރެއްވިއެވެ (މުސްލިމް: 1134). ނަމަވެސް އޭގެ ކުރިން އިތުރު އެކަލޭގެފާނު ސުވަރުގެ ވަޑައިގަންނަވައިފިއެވެ.

މުޙައްރަމް މަހުގެ 10 ވަނަ ދުވަހާއި 11 ވަނަ ދުވަސް ގުޅުވައިގެން ރޯދަ ހިފުން

އެ ގޮތަށް ވެސް ރޯދަ ހިފިދާނެ ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. ނަމަވެސް މިގޮތަށް 10 ވަނަ ދުވަހާއި 11 ވަނަ ދުވަސް ގުޅުވައިގެން ރޯދަ ހިފުމަށް އައިސްފައި ވާ ޙަދީޘްތައް ޟަޢީފު ކަމަށް ޢިލްމުވެރިން ބަޔާން ކުރައްވައެވެ. އެހެންކަމުން އެންމެ ޞައްޙަ ވެގެން ވަނީ މުޙައްރަމް މަހުގެ 9 ވަނަ ދުވަހާއި 10 ވަނަ ދުވަސް ގުޅުވައިގެން ރޯދަ ހިފުމެވެ.

ހަމައެކަނި ޢާޝޫރާ ދުވަހު ރޯދަ ހިފުން

ޙަނަފީ މަޛުހަބުގައި ވާ ގޮތުން، ހަމައެކަނި ޢާޝޫރާ ދުވަހު ރޯދަ ހިފުން މަކުރޫހަ ވެގެން ވެއެވެ. އެ ބޭފުޅުން އެ ގޮތަށް ވިދާޅު ވަނީ އަހުލު ކިތާބީންނާ ޚިލާފު ވުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރު ކުރައްވާފައި ވާ ބަސްފުޅަށް ބިނާ ކުރައްވައެވެ (އައްރާޒީ، 1997). މުޙައްރަމް މަހުގެ 10 ވަނަ ދުވަހަކީ ޔަހޫދީން ރޯދަ ހިފާ އުޅޭ ދުވަހެކެވެ. ނަމަވެސް ކުރިއަށް ނުވަތަ ފަހަތަށް ދުވަހެއް ނުގުޅުވައި ހަމައެކަނި ޢާޝޫރާ ދުވަހު ރޯދަ ހިފުމަކީ މައްސަލައެއް ނޫން ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ (އަލްހައިތަމީ، 1983).

ހިފަން ޖެހޭ ވާޖިބު ރޯދައެއް އޮއްވައި އެ ރޯދަ ނުހިފައި، ޢާޝޫރާ ދުވަހުގެ ރޯދަ ހިފިދާނެތަ؟

މި މައްސަލައިގައި ޢިލްމުވެރިންގެ ރައުޔު ތަފާތު ވެފައި ވެއެވެ. ޙަނަފީ މަޒުހަބާއި (އަލްކާސާނީ، 2003)، އިމާމު އަޙްމަދުގެ އެއް ރިވާޔަތުގައި (އިބުނު މުފްލިޙު، 2003) ވާ ގޮތުން، ހިފަން ޖެހިފައި ވާ ފަރުޟު ރޯދަ ހުއްޓައި އެ ރޯދަތައް ހިފުމުގެ ކުރީން ވެސް ސުންނަތް ރޯދަ ހިފި ދާނެއެވެ. އެއީ ހުއްދަ ކަމެކެވެ.

މި ބޭފުޅުންގެ އެއް ދަލީލަކީ، ރަމަޟާން މަހު ގެއްލުނު ރޯދަތައް ނުހިއްޕަވައި، ޝަޢުބާން މަހާ ހަމައަށް ލަސް ކުރައްވާ ކަމަށް ޢާއިޝަތުގެފާނު ވިދާޅުވެފައި ވާ ބަސްފުޅެވެ (ބުޚާރީ، 1950). އެހެންކަމުން، ޢާއިޝަތުގެފާނު އެ ވަނީ ޤަޟާ ކުރަން ޖެހިފައި ވާ ފަރުޟު ރޯދައިގެ މައްޗަށް ސުންނަން ރޯދަ އިސް ކުރައްވާފައެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައިގެ އަރިހުގައި މަޝްޣޫލުވެވަޑައިގެންނެވުމުގެ ސަބަބުން ވާ ގޮތެއް ނަމަވެސް، އިތުރު އެކަލޭގެފާނު އެ ކަމާ އިޤުރާރުވެވަޑައިގެންނެވުމުން، އެއީ ހުއްދަ ކަމެއްކަން އެނގެއެވެ (މުސްލިމު، 1146).

މާލިކީ މަޒުހަބާއި (އައްދުސޫޤީ، 2011)، ޝާފިޢީ މަޒުހަބު ގައި (އައްރަމްލީ، 2003) ވާ ގޮތުން، ހިފަން ޖެހިފައި ވާ ފަރުޟު ރޯދަ ހުއްޓައި އެ ރޯދަތައް ހިފުމުގެ ކުރީން ސުންނަތް ރޯދަ ހިފުން ހުއްދަ ނަމަވެސް އެއީ މަކުރޫހަ ކަމެކެވެ. މަކުރޫހަގެ މާނަ އަކީ އެ ކަމަކުން ދުރުހެލި ވުން ލާޒިމު ނުވާ ގޮތަށް، އެ ކަމެއް ނުކުރަމަށް ޝާރިޢު އަންގަވާފައި ވުމެވެ (އަލްޚައްޠާބީ، 2016). ފަހުގެ ޢިލްމުވެރީންގެ ތެރެއިން އިބުނު ބާޒް އިޚުތިޔާރު ކުރައްވަނީ މި ރައުޔެވެ (އިބުނު ބާޒް، 2010).

ޙަންބަލީ މަޒުހަބުގައި ވާ ގޮތުން، ހިފަން ޖެހިފައި ވާ ފަރުޟު ރޯދަތައް ނުހިފައި އޭގެ ކުރިން ސުންނަތް ރޯދަ ހިފުމަކީ ހަރާން ކަމެކެވެ (އަލްބަހޫތީ، 1983). މި ރައުޔުގެ ދަލީލަކީ ސުންނަތް އަޅުކަންތަކަށް ވުރެ ފަރުޟު އަޅުކަންތައް އަދާ ކުރުން، އެބަހީ ފަރުޟު އަޅުކަންތަކަށް އިސްކަން ދިނުން ﷲ ގެ ޙަޟުރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ކަމަށް އޮންނަ ޙަދީޘްފުޅެވެ (ބުޚާރީ، 6502). މި ބަސްފުޅުން ދަލީލު ލިބޭ ގޮތުގައި ފަރުޟެއްގެ މައްޗަށް ސުންނަތަކަށް އިސްކަމެއް ނުދެވޭނެއެވެ.

ބަޔާންވެ ދިޔަ ތިން ރައުޔުގެ ތެރެއިން، ދަލީލުތަކަށް ބަލާއިރު އެންމެ ރަނގަޅު ކަމަށް ބުރަ ވެވެނީ ފުރަތަމަ ރައުޔަށެވެ. އެހެންކަމުން، ހިފަން ޖެހިފައި ވާ ފަރުޟު ރޯދަ ހުއްޓައި އެ ރޯދަތައް ހިފުމުގެ ކުރީން ސުންނަތް ރޯދަ ހިފި ދާނެއެވެ. އެއީ ހުއްދަ ކަމެކެވެ. ހަމަ މިއާ އެކު، ދެ ވަނަ ރައުޔުގައި ވާ ފަދައިން ސުންނަތް އަޅުކަންތަކަށް ވުރެ ކުރީން ފަރުޟު އަޅުކަމަށް އިސްކަން ދިނުން އަޢުލާ ވެގެން ވާ ކަން ހަނދާނުގައި ބަހައްޓަން ވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް