މިދިޔަ ހަފުތާގެތެރޭ ރިލީޒްކުރާނެ ތާރީޚު އިއުލާނުކުރި އަޖޭ ދޭވްގަންގެ ފިލްމު "ސަން އޮފް ސަރުދާރު 2"ގެ ފުރަތަމަ ޓީޒާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
އަންނަ މަހުގެ 25 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް މި ފިލްމަކީ، 2012 ވަނަ އަހަރު ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "ސަން އޮފް ސަރުދާރު"ގެ ދެވަނަ ބައެވެ.
މި ފިލްމުގެ ރަސްމީ ޓީޒާ ބެލުންތެރިންނަށް ދައްކާލިއިރު އަޖޭއާ އެކު ފިލްމުގައި ފެންނާނެ އެހެން ތަރިންގެ ފެނިލުންތަކުން ޓީޒާއަށް އިތުރު ސަމާލުކަމެއް ލިބި ފިލްމަށް ބެލުންތެރިން އިތުރަށް ޝައުގުވެރި ކުރުވައިފި ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
އެގޮތުން ފިލްމުގެ ކާސްޓުގައި ހިމެނޭ ބަތަލާ މްރޫނާލް ތާކުރު، ރަވީ ކިޝަން، ސަންޖޭ މިޝްރާ، ވިންދޫ ދާރާ ސިންގް، ނީރޫ ބާޖްވާ، އަޝްވިނީ އަދި ކުއްބާރު ސައިތު ހިމެނެއެވެ.

ފިލްމު 'ސަން އޮފް ސަރުދާރު 2'ގެ މުހިއްމު ތަރިން ފެންނަ ޕޯސްޓަރެއް--ފޮޓޯ/ފިލްމުފެއަ
މީގެއިތުރުން ދާދިފަހުން ދުނިޔެ ދޫކޮށްފައިވާ އެކްޓަރު މުކުލް ދޭވްގެ ހާއްސަ ފެނިލުންތަކެއް ވެސް "ސަން އޮފް ސަރުދާރު 2"ގެ ޓީޒާއިން ވަނީ ދައްކާލާފައެވެ. މުކުލް ދޭވް ފިލްމުގައި ފެންނާނީ ޓޯނީ ކިޔާ ކެރެކްޓާ އަކުންނެވެ.
ފިލްމު "ސަން އޮފް ސަރުދާރު"ގެ ވަރަށް ހާއްސަ ރޯލަކުން އެކްޓަރު ސަންޖޭ ދަތު ކުރިން ފެނުނު ނަމަވެސް ދެވަނަ ބައިން ސަންޖޭގެ ބަދަލުގައި އެ ރޯލްއިން ފެންނާނީ ރަވީ ކިޝަންއެވެ.
ސަންޖޭއަށް މި ފިލްމު ގެއްލުނީ ފިލްމުގެ ބޮޑު ބައެއް ޝޫޓްކުރި ސްކޮޓްލޭންޑަށް ދަތުރު ކުރުމުގައި އެކްޓަރަށް ކުރިމަތިވި މައްސަލަތަކަކާ ހެދި ލޮކޭޝަނަށް ދަތުރު ނުކުރެވުމުންނެވެ.
ވިޖޭ ކުމާރު އަރޯރާ ޑައިރެކްޓްކޮށް ޖިއޯ ފިލްމްސް އާއި ޓީ-ސީރީސް އަދި އަޖޭ ދޭވްގަން ފިލްމްސްއިން ގެނެސްދޭ މި ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި އަޖޭގެ ކާމިޔާބު ފިލްމު "ރެއިޑް 2"އަށް ބެލުންތެރިންނާ އެކްޓަރު މި އަހަރު ބައްދަލުކުރާ ތިން ވަނަ ފިލްމެވެ.