ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އަސާސީ ގަވާއިދަށް ބަދަލު ގެންނަން ފާސްކޮށް، އަންނަ މަހުގެ 26 ވަނަ ދުވަހު އެފްއޭއެމްގެ އިންތިހާބު ބޭއްވުމަށް ނިންމައިފިއެވެ.
ހެންވޭރު މީރުމާ ހޮޓެލްގައި މިއަދު ހަވީރު ބޭއްވި ކޮންގްރެސްގައި އަސާސީ ގަވާއިދު ފާސްކުރީ މެމްބަރު ކްލަބްތަކުގެ އިއްތިފާގުންނެވެ.
މި ކޮންގްރެސްގައި 23 ކްލަބްގެ ތެރެއިން 21 ކްލަބުން މަަންދޫބުން ބައިވެރިވިއެވެ. ބައިވެރިނުވާ ދެ ކުލަބަކީ ކްލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓްރީއެވެ. ގަވާއިދުގައި ހިމަނަން ބޭނުންވާ މާއްދާތަަކަށް ވޯޓު އެހީ އެއްކޮށެވެ. އަދި ބައިވެރިވި ހުރިހާ ކްލަބެއްގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

މީރުމާގައި ބޭއްވި އެފްއޭއެމް ކޮންގްރެސް 2025 ގެ ތެރެއިން-- ފޮޓޯ: ސަން
އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް
- ރީޖަނަލް މުބާރާތްތައް ބޭއްވުމުގެ ހިންގާ ކޮމިޓީން ކަނޑައަޅާ ގޮތެއްގެ މަތިން ބޭއްވުމުގެ އިހުތިޔާރު ދިނުން
- ހިންގާ ގަވާއިދަށް އަމަލުކުރަން ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އަލަށް ހޮވޭ ހިންގާ ކޮމިޓީން އަންހެނުންގެ ފުޓްބޯޅަ މުބާރާތެއްގެ އޮނިގަނޑެއް އެކުލަވާލައި ކޮންގްރެސް އަށް ހުށަހެޅުން
- ހިންގާ ކޮމިޓީގައި މަދުވެގެން ދެ އަންހެން މެމްބަރުން ތިބެންޖެހޭނެ ކަމަށް ކަނޑައެޅުން
- އޮޑިޓް އެންޑް ކޮމްޕްލަޔަންސް އަދި ޖުޑީޝަލް ބޮޑީތަކުގެ މިނިވަންކަން ކަށަވަރުކުރުމަށް ހުރި މިންގަނޑުތައް އިތުރަށް ހަރުދަނާކޮށް، ކޮންފްލިކްޓް އޮފް އިންޓަރެސްޓް އަދި އިންޓެގްރިޓީ ޗެކްސް ހިމެނުން
- މާލީ ހިންގުމާ ބެހޭ މައުލޫމާތާއި އޮޑިޓް ރިޕޯޓާއި އޮޑިޓް އެންޑް ކޮމްޕްލަޔަންސް ކޮމިޓީގެ އަހަރީ ރިޕޯޓާއި ހިންގާ ކޮމިޓީގެ މެމްބަރުންނަށް ދޭ މުސާރަ އާއި އިނާޔަތްތަކާ ބެހޭ މައުލޫމާތު ޝާއިއުކުރަންޖެހޭ ގޮތަށް ކަނޑައެޅުން
- ފައިސާގެ ބޮޑެތި މުއާމަލާތްތަކާއި ހަރަދުތަކާއި އިންވެސްޓްމަންޓްތަކާއި އެއްބަސްވުންތައް ހިންގާ ކޮމިޓީގެ ހުއްދަ ހޯދައިގެން މެނުވީ ނުކުރެވޭ ގޮތަށް ކަނޑައެޅުން

ކެޕްޝަން..މީރުމާގައި ބޭއްވި އެފްއޭއެމް ކޮންގްރެސް 2025 ގެ ތެރެއިން-- ފޮޓޯ: ސަން
މީގެ އިތުރުން އަންނަ މަހުގެ ނިޔަލަށް އެފްއޭއެމް ހިންގަން ފީފާ އިން ކަނޑައެޅި ނޯމަލައިޒިން ކޮމިޓީގެ ދައުރު ހަމަވާއިރު، އޭގެ ކުރިން، ޖުލައި މަހުގެ 26 ވަނަ ދުވަހު އެފްއޭއެމްގެ އިންތިހާބު ބޭއްވުމަށް ވަނީ ފާސްކޮށްފައެވެ.