އޭއައި އާ އެކު އިންސާނުންގެ ވަޒީފާތައް ގެއްލޭނެ؟

އޭއައި އާ އެކު ވަޒީފާގެ މާހައުލަށް ބޮޑެތި ބަދަލުތަކެއް އަޔަސް އިންސާނުން އެއްފަރާތްކޮށް ހުރިހާ ވަޒީފާއެއް އޭއައިގެ ބާރުގެ ދަށަކަށް ނުދާނެ -- ފޮޓޯ / އިކޮނޮމިންޓައިމްސް.އިންޑިއާޓައިމްސް.ކޮމް

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އިންގިލާބާ އެކު، މަސައްކަތުގެ މާހައުލުތައް އެހެން ގޮތަކަށް ބަދަލު ވެ، ގިނަ ބައެއްގެ ވަޒީފާތައް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އެބަ އޮތެވެ. ނަމަވެސް މި ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި، މި ކަންބޮޑުވުންތައް މީހުންނަށް ނެގެނީ ތަންކޮޅެއް ބޮޑު ކޮށެވެ. މަސައްކަތުގެ ވައްޓަފާޅި ބަދަލު ކޮށްލުމުގެ ގާބިލުކަން އޭއައި އަށް ލިބިފައި ވިޔަސް، އިންސާނުން ކުރާ ހުރިހާ މަސައްކަތެއް އޭއައިގެ ބާރުގެ ދަށަށް ގެންގޮސް އިންސާނުން މުޅީން އެއްފަރާތް ކޮށްލުމުގެ ކުޅަދާނަކަން އޭއައި އަށް ލިބިގެނެއް ނުވެއެވެ. އެ ގޮތުން، ނިންމުންތައް ނިންމުމުގައި އަޚްލާގީ މިންގަނޑުތަކަށް ބެލުމާއި، އުފެއްދުންތެރި ކަމާއި އަދި ކަމެއް ކުރާ އިރު އަނެކާގެ އިހުސާސްތައް ދެނެގަތުން ފަދަ ސިފަ ތަކަކީ މެޝިންތަކަށް ނަކަލު ނުކުރެވޭނެ ޚާއްސަ އިންސާނީ ސިފަތަކެކެވެ.

މައިކްރޮސޮފްޓްގެ ސީނިއާ ޕްރިންސިޕަލް ރިސާޗަރ އަދި އޭއައި ނައު އިންސްޓިޓިއުޓްގެ ކޯ ފައުންޑަރ ޑރ. ކޭޓް ކްރޮފޯޑް ފާހަގަ ކުރައްވާ ގޮތުގައި އޭއައި ސިސްޓަމްތައް ހިނގަނީ ތާރީޚީ މައުލޫމާތުގެ މައްޗަށް ބިނާ ކޮށެވެ. ނަމަވެސް ހާލަތު ނުވަތަ ކޮންޓެކްސްޓާއި، ޖަޒުބާތާއި، އަޚުލާގު މިއީ އިންސާނުން ފަދައިން އޭއައި ދަންނަ އެއްޗެއްސެއް ނޫނެވެ (ކޭޓް ކްރޮފޯޑް، 2021). ކަންކަމުގައި ގޮތް ނިންމާ އިރު އަޚުލާގީ އަދި އިޖުތިމާއީ މިންގަނޑުތަކަށް ރިޢާޔަތް ކުރުމުގައި އޭއައި ސިސްޓަމްތަކުގެ ނުކުޅެދުންތެރިކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވިއެވެ.

ޔުނިވަރސިޓީ އޮފް އެޑިންބާރގްގެ އެތިކްސް އޮފް ޑޭޓާ އެންޑް އާޓިފިޝަލް އިންޓެލިޖެންސްގެ ޕްރޮފެސަރެއް ކަމަށްވާ ޑރ. ޝެނަން ވެލޯރ ހާމަ ކުރައްވާ ގޮތުގައި، ބަލި މީހަކަށް، ދަރިވަރަކަށް، ނުވަތަ މުވައްކިލަކަށް ފުރިހަމަ ގޮތުގައި އަޅައިލުމަކީ އެއްވެސް އަލްގޮރިދަމަކަށް ކުރެވޭނެ ކަމެއްނޫނެވެ. މިއީ އަސާސީ ގޮތުން އިންސާނީ ގުޅުންތަކެވެ. މި ގުޅުންތައް ވަނީ އޭއައި ސިސްޓަމްތަކުގެ ދާއިރާއިން ބޭރުގައެވެ (ޝެނަން، 2016). ވުމާއެކު، ކިޔަވައިދިނުމާއި، ކައުންސެލިންނާއި، ދީނީ އިރުޝާދު ދިނުމާއި، އަދި ސޯޝަލް ވޯކް ފަދަ ދާއިރާތަކަކީ ޢާޠިފީ ތޫނުފިލިކަން (އިމޯޝަނަލް އިންޓެލިޖެންސް) ބޭނުން ވާ ދާއިރާތަކެވެ. އޭއައި ސިސްޓަމްތައް ވަނީ މި ފަދަ، އިންސާނީ ޚާއްސަ ހާލަތްތަކަށް، ރިޢާޔަތް ކޮށްގެން ނިންމުންތައް ނިންމުމުގެ ޤާބިލުކަމާ މާ ބޮޑަށް ދުރުގައެވެ.

ވޯލްޑް އިކޮނޮމިކް ފޯރަމްގެ 2023 ގެ ފިއުޗާ އޮފް ޖޮބްސް ރިޕޯޓުގައިވާ ގޮތުން 2025 ވަނަ އަހަރުގެ ނިޔަލަށް އޮޓޮމޭޝަންގެ ސަބަބުން 85 މިލިއަން ވަޒީފާ ގެއްލިދާނެއެވެ. ނަމަވެސް ސީދާ އިންސާނުން އެ މަސައްކަތްތައް ކުރުމަށް އެކަށީގެންވާ 97 މިލިއަން އާ ރޯލުތައް އުފެދޭނެ ކަމަށް ލަފާ ކުރެވެއެވެ (ވޯލްޑް އިކޮނޮމިކް ފޯރަމް، 2023). އޭއައި އާ އެކު، އިންސާނުންގެ ވަޒީފާތައް ގެއްލި އެ ވަޒީފާތައް މުޅީން އޭއައިގެ ބާރުގެ ދަށަށް ދިއުމުގެ ބަދަލުގައި، މަސައްކަތުގެ ބާވަތަށް ބަދަލުތައް އަންނަ ކަން މި އިން ހާމަ ކޮށްދެއެވެ. ފުރިހަމަ އަށް މުވާސަލާތު ކުރުމާއި، އަނެކާގެ އިހުސާސްތަކަށް ރިޢާޔަތް ކުރުމާއި، ތަފާތު ހާލަތްތަކަށް ހޭނުމަކީ މަސައްކަތުގެ މާހައުލުގައި އެންމެ މުހިއްމު ހުނަރުތަކެވެ. މިއިން އެއްވެސް ކަމަކީ ޠަބީޢީ ގޮތުން އޭއައި އިން ކުރެވޭނެ ކަންކަމެއް ނޫނެވެ.

އިންސާނުންނާއި އޭއައި ސިސްޓަމްތަކުގައި ހުރި އަސާސީ އެއް ފަރަގަކީ އަޚްލާގީ މަސްއޫލިއްޔަތާއި ޒިންމާ އުފުލުމުގައި މި ދެ ފަރާތުގައި ހުރި ތަފާތެވެ. ޑިސްޓްރިބިއުޓެޑް އޭއައި ރިސާޗް އިންސްޓިޓިއުޓް (ޑީއޭއައިއާރު) ގެ ބާނީ ޑރ. ޓިމްނިޓް ގެބްރޫ ވިދާޅުވާ ގޮތުގައި، ކަންކަން ގޯސް ކޮށް ދިޔަ ނަމަވެސް މެޝިނަކަށް އަދަބެއް ނުދެވޭނެއެވެ. އޭގެ ޒިންމާ ނަގަން ޖެހޭނީ އެ ކަމުގައި ޝާމިލު ވާ މީހުންނެވެ (ގެބްރޫ އާއި އޭނާގެ ބައިވެރިން، 2021).

އޭއައި އަކަށް އަޚްލާޤީ ނިންމުންތަކެއް ނުނިންމޭނެއެވެ. އިންސާފަކީ ކޮބައި ކަމެއް ނޭނގޭނެއެވެ. އަދި ސަގާފީ ގޮތުން އެއް ބަޔަކާ އަނެއް ބައެއްގެ މެދުގައި ހުންނަ ފަރަގުތަކެއް ވެސް ނޭނގޭނެއެވެ. މިހެން ވުމުން، އޭއައިގެ މައްޗަށް އިންސާނީ ބެލެހެއްޓުންތެރިކަން ކޮންމެހެން ލާޒިމު ވާނެއެވެ. ޚާއްޞަކޮށް، ޙައްސާސީ ދާއިރާތައް ކަމަށް ވާ ޖިނާއީ އަދުލާއި، ސިއްޙީ ފަރުވާއާއި، ސިޔާސަތު ކަނޑައެޅުން ފަދަ ނާޒުކު ދާއިރާތަކުގައެވެ.

އޭއައިގެ ސަބަބުން އިންސާނުންގެ ވަޒީފާތައް ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ގަތުމުގެ ބަދަލުގައި ސަމާލުކަން ދޭން ވީ "އިންސާނީ-އޭއައި އެއްބާރުލުން" ތަރައްގީ ކުރުމަށް ކަމުގައި ޢިލްމުވެރީން ވިދާޅުވެއެވެ. މިއީ މަސައްކަތުގައި އިންސާނާ ބާކީ ކުރުމުގެ ބަދަލުގައި އިންސާނާ އަށް އެހީތެރި ވެދޭ އެއްޗެއްގެ ގޮތުގައި އޭއައި ބޭނުން ކުރުމެވެ. މިސާލަކަށް، ނޫސްވެރިކަމުގައި ޓްރާންސްކްރިޕްޝަން އާއި ޚުލާސާ ކުރުން އަދި ރިސާޗު ކުރުން ފަދަ ކަންކަމުގައި އޭއައިގެ އެހީތެރިކަން ހޯދި ނަމަވެސް، މައުލޫމާތުގެ ޞައްޙަކަން ކަށަވަރު ކޮށް ގޮތް ނިންމުމާއި އަޚްލާގީ މަސްއޫލިއްޔަތު އުފުލުން ފަދަ އަސާސީ ކަންތައްތައް އަބަދުވެސް އޮންނާނީ އިންސާނީ ޖާނަލިސްޓުންނާއި އެޑިޓަރުންގެ އަތްމަތީގައެވެ. ސިއްހީ ދާއިރާގައި، އިމޭޖުތަކަށް ބަލައިގެން ބަލިތައް ދެނެގަތް ނަމަވެސް ބަލިމީހާ އާ ވާހަކަ ދައްކައި އޭނާގެ ހާލަތު ވަގުތުން ވަގުތަށް ދެނެގަނެ އޯގާތެރިކަމާ އެކު ފަރުވާ ދޭނީ ޑޮކްޓަރެވެ.

ކްރޮފޯޑް ފާހަގަ ކުރައްވާ ގޮތުގައި، "އޭއައި އަކީ އަހުރެމެންގެ އަގުތައް (ވެލިއުސް) ދައްކުވައި ދޭ ލޯ ގަނޑެކެވެ. އެ އަށް ދަސްކޮށް ދީ އެ އިން ނެރެން ބޭނުން ވަނީ ކޮން އެއްޗެއް ކަމާއި، އަދި އެއްވެސް ޒިންމާދާރުކަމެއް ނެތި، އޭއައި އާ ހަވާލު ކޮށް ދޫކޮށްލައިގެން ނުވާނެ ކަންކަމަކީ ކޮބައި ކަން ނިންމާނީ އަހުރެމެންނެވެ" (ކޭޓް ކްރޮފޯޑް، 2021).

ބަޔާން ވެ ދިޔަ ވާހަކަތަކުން އެނގުނު ގޮތުގައި، އޭއައި ޓެކްނޮލޮޖީ އާ އެކު މަސައްކަތުގެ ތަބީއަތަށް ބަދަލުތައް އަންނާނެއެވެ. ނަމަވެސް އޭގެ ސަބަބުން މަސައްކަތްތައް ކުރުމަށް އިންސާނުންނަށް ބޭނުން ޖެހުން ނިމުމަކަށް ނާންނާނެއެވެ. އަޚްލާގީ ޤިޔަމް (ވެލިއު) ތަކާ އެކު އިސްވާރު ވުމާއި، ޢާޠިފީ (އިމޯޝަނަލް) އަޅައިލުމާއި، އަދި ހާލަތާ ގުޅޭ ގޮތަށް މުވާސަލާތު ކުރުން ފަދަ މުޖުތަމައުގެ އަސާސީ މަޡްހަރު (އެސްޕެކްޓް) ތައް އަބަދުވެސް އޮންނާނީ އިންސާނުންގެ ކިބައިގައެވެ. އޭއައި ޓެކްނޮލޮޖީ ފުޅާވެ ކިތަންމެ ވަރަކަށް ތަރައްގީ ވިޔަސް މި ހަގީގަތަކަށް ބަދަލެއް ނާންނާނެ ކަމަށް ދާއިރާގެ ޢިލްމުވެރީންނާއި ތަޖުރިބާކާރުން ވިދާޅުވެއެވެ (ރަސަލް ސްޓްއާޓް، ޕީޓަރ ނޯވިގް، 2021)، (ގެރީ މާކަސް، 2019)، (ޝެނަން، 2016).

ތައްޔާރު ވާން ވީ ފަތުއަޑު ކިޔާފައި ކުރިއަރަމުން ދާ ޓެކްނޮލޮޖީ އާ އެކުގައި މަސައްކަތް ކުރުމަށެވެ. ހުރިހައި ކަމެއް އެއާ ހަވާލު ކޮށް އިންސާނީ ބާރުވެރިކަން މުޅީން ދޫކޮށްލައި ދެއަތް އުރާލައިގެން ތިބުމަކަށް ނޫނެވެ. އިންތިޤާލީ މި މަރުހަލާ ވަޒަން ހަމަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ޓަކައި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ތައުލީމު ދޭ ފަރާތްތަކާއި، އަދި ވަޒީފާދޭ ފަރާތްތަކުން "ރީސްކިލިންގ" ނުވަތަ ޒަމާނާ ހާލަތާ ފައިހަމަ ކުރެވޭނެހެން ހުނަރުތައް ތަރައްގީ ކުރަމުން ގެންދިއުމަށް އިސްކަން ދޭން ޖެހެއެވެ. އަދި ވަޒީފާގެ މައިދާނުގައި އިންސާނީ ދައުރު ނައްތައިލުމުގެ ބަދަލުގައި، އިންސާނުންނާއި އާޓިފިޝަލް އިންޓެލިޖެންސް އާ އެކު ކުރިއަށް ދެވޭނެ ފުރުސަތު ފަހި ކޮށްދޭން ޖެހެއެވެ.

comment ކޮމެންޓް