މިދިޔަ ހުކުރު ދުވަހު ހާޓް އެޓޭކެއް ޖެހިގެން މަރުވި އިންޑިއާގެ މޮޑެލް އަދި ބަތަލާ ޝެފާލީ ޖަރީވާލާގެ މަރުގެ ފަހަތުގައި ވަނީ ހުސްބަނޑާ ހުރެ ބޭނުންކުރި ބޭސްތަކުގެ އަސަރުތައް ކަމުގައި ވުމީ އެކަށީގެންވާ ކަމެއް ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފިއެވެ.
އުމުރުން 42 އަހަރުގެ ބަތަލާއަށް ހާޓް އެޓޭކް ޖެހުނީ މުމްބާއީގައި ދިރިއުޅޭ ގޭގައި ހުއްޓައެވެ. ޝެފާލީގެ ފިރިމީހާ ޕަރަގް ތިޔާގީ އެ ވަގުތު ބަތަލާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ހޮސްޕިޓަލަށް ގެންދެވުނުއިރު ހިތުގެ ވިންދު ހުއްޓި މަރުވެފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.
ޝެފާލީގެ ކުއްލި މަރާ އެކު ފުލުހުން އެ މަރުގެ ތަހުގީގުތައް ފަށާފައިވާއިރު ބަތަލާ ދިރިއުޅުނު ގެ ބަލައި ފާސްކުރުމުގެ ތެރޭ ބައެއް ބޭސްތަކާ އެކު އެންޓިއޭޖިންގް އިންޖެކްޝަންތަކެއް އެ ގެއިން ފެނިފައިވާ ކަމަށް އިންޑިއާގެ ޚަބަރުތައް ގެނެސްދޭ އިކޮނޮމިކް ޓައިމްސްގައި ވަނީ ބުނެފައެވެ.

ބަތަލާ ޝެފާލީ ފިރިމީހާ ޕަރަގް ތިޔާގީއާ އެކު--ފޮޓޯ/އެމްއެސްއެން
ފުލުހުންނާ ހަވާލާދީ އިކޮނިމިކް ޓައިމްސްގައިވާ ރިޕޯޓުގައި ބުނެފައި ވަނީ ޝެފާލީ އަކީ ހިންދޫ ދީނުގެ މީހެއް ކަމުން އެ ދުވަހު ހުރީ ހިންދޫންގެ އަޅުކަމެއްގައި ބައިވެރިވުމުގެ ގޮތުން ހުސްބަނޑާ ރޯދައަށެވެ.
ނަމަވެސް ހުސްބަނޑާ ހުރެ އެ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ޝެފާލީ ވަނީ އާއްމުކޮށް އޭނާ ކައި އުޅޭ ބޭސްތަކެއް ބޭނުންކުރުމުގެ އިތުރުން އަހަރުތަކެއް ވަންދެން ބޭނުންކުރަމުން އައި އެންޓި އޭޖިންގް އިންޖެކްޝަން ވެސް ޖަހާފައި ކަމަށް އިކޮނޮމިކް ޓައިމްސްގައި ވަނީ ބުނެފައެވެ.
އެ ބޭސްތަކާ އިންޖެކްޝަންތައް ޝެފާލީ ބޭނުންކުރަމުން އައީ ސިއްހީ މާހިރުންގެ ލަފާގެ މަތިން ކަމަށް ވިޔަސް އެރޭ ޝެފާލީގެ ލޭ މާބޮޑަށް ދަށްވެ މީހާ ތުރުތުރު އަޅާގޮތްވި ކަމަށް މި ނޫހުގައި ވަނީ ބުނެފައެވެ.
ސިއްހީ މާހިރުންނާ ހަވާލާދީ އިންޑިއާގެ ގިނަ މީޑިއާތަކުން ބުނެފައި ވަނީ ހުސްބަނޑާހުރެ އެފަދަ ބާރުގަދަ ބޭސްތަކެއް ކައި އިންޖެކްޝަން ބޭނުންކުރުމަކީ ކުއްލިއަކަށް ލޭ ދަށްވެ ހިތުގެ ވިންދު ލަސްކޮށްލަދިނުމަށް މަގުފަހިކުރުވާ ކަމެއް ކަމަށެވެ.
މި އިންޖެކްޝަންތަކަކީ ގްލޫޓަތިއޯން، ކޮލެޖަން ބޫސްޓާ ނުވަތަ އެންޓިއޮކްސިޑެންޓް ފަދަ ކޮމްޕައުންޑްތައް އެކުލެވިގެންވާ އެއްޗަކަށްވާއިރު ހުސްބަނޑާހުރެ އެ ބޭނުންކުރުމުގެ ސަބަބުން ސިއްހީ މައްސަލަތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށް ދަ އިންޑިއަން އެކްސްޕްރެސްގައިވާ ރިޕޯޓެއްގައި ވަނީ ބުނެފައެވެ.
އުމުރުން އެންމެ 19 އަހަރުގައި މަޝްހޫރު މިއުޒިކް ވީޑިއޯ "ކާންޓާ ލަގާ"އިން ބޮޑު މަޝްހޫރުކަމެއް ހޯދި ޝެފާލީގެ މަރުގެ ތަހުގީގު ކުރިއަށްދާއިރު އާއިލާއިން ވެސް މިހާރު އިންތިޒާރު ކުރަމުން އަންނަނީ ބަތަލާގެ ޕޯސްޓުމޯޓަމް ރިޕޯޓު ލިބި ޑޮކްޓަރުންގެ ފަރާތުން ބަތަލާގެ މަރުވި ސަބަބު ދެނެގަނެވޭނެ އިރަކަށެވެ.
މި މަރުގެ ތަހުގީގާ ގުޅޭގޮތުން ފުލުހުން އަންނަނީ ޝެފާލީގެ އާއިލާގެ އިތުރުން ބަތަލާ ދަންނަ ރަހްމަތްތެރިންނާ ވެސް ސުވާލުކުރަމުންނެވެ.
އިންޑިއާގެ ޓެލެވިޒަން އިންޑަސްޓްރީގެ އިތުރުން ބަތަލާއާ އެކު "ބިގް ބޮސް"ގައި ހަރަކާތްތެރިވި ގިނަ ބަޔަކަށް ޝެފާލީގެ ކުއްލި ވަކިވުމާ ގުޅިގެން ސިހުން ލިބިފައިވާއިރު ގިނަ ބަޔަކު ބުނަމުން އަންނަނީ ޝެފާލީގެ ކުއްލި ވަކިވުން އަދިވެސް ގަބޫލުކުރަން ދަތި ކަމަށެވެ.
ބަތަލާގެ ޖަނާޒާގެ ކަންކަން ނިންމާލަމުން ޝެފާލީގެ ފިރިމީހާ އަދި ޓެލެވިޒަން އެކްޓަރު ޕަރަގް ތިޔާގީ އިންޑިއާގެ މީޑިއާތަކުގައި އެދުނީ ޝެފާލީގެ މަރާ ގުޅޭގޮތުން ހަގީގަތް ނޭނގޭ ވާހަކަތައް ނުފެތުރުމަށާއި އޭނާގެ އަންހެނުންނަށް ހެޔޮ ދުއާކޮށްދިނުމަށެވެ.
ހަމައެއާއެކު އެ އާއިލާއަށް ބޭނުންވާ ޕްރައިވެސީ ދީ ޝެފާލީގެ މަރަކީ މީޑިއާތަކުން އެ މީހުންގެ ޓީއާރްޕީ މަތިކުރުމަށް ބޭނުންކުރާ އައްޑަނައަކަށް ނުހެދުމަށް ޕަރަގް ވަނީ އެދިފައެވެ.