ފުލެޓް ހަވާލުކުރުން ލަސްވާ ކަމަށް ބުނެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތް

އެފްޑީސީން އަޅާ ފުލެޓުތައް: ފްލެޓު ލިބުން ލަސްވާ މައްސަލައިގައި ހުށަހެޅި ކުއްލި މައްސަލަ ވަނީ ބޭރުކޮށްލައިފައި -- ސަން ފޮޓޯ/ މާނިއު މުހައްމަދު

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފުރަތަމަ އިމާރާތްކުރި 4000 ފްލެޓް ލިބޭނެ ފަރާތްތައް ކަނޑައަޅާފައި ވީނަމަވެސް، މި ފްލެޓު ދިނުން ލަސްވާ މައްސަލައިގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރުކޮށްލައިފިއެވެ.

މި ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ގެންދަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ފަރާތުންނެވެ.

އެ ސްކީމުން ފްލެޓު ލިބޭ މީހުން މިދިޔަ ސަރުކާރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް ކަނޑައެޅުމުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ މަސައްކަތް ކޮށްފައިވަނީ ގޯސްކޮށް ކަމަށް ބުނެފައެވެ. އެއަށްފަހު މި ސަރުކާރުން އެ ފޯމުތައް އަލުން ރީއިވެލުއޭޓް ކުރިއެވެ. ނަމަވެސް، މިދިޔަ މެއި މަހުގެ 25ވަނަ ދުވަހު ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ، މި ފްލެޓު ދޫކުރުމުގައި ބަލާނީ، މިދިޔަ ސަރުކާރުން 2023ވަނަ އަހަރުގެ ނޮވެމްބަރު 15ގައި އާންމުކުރި ލިސްޓަށް ކަމަށެވެ.

އޭނާ ވަނީ، 4،000 ފުލެޓުގެ ތެރެއިން މިހާތަނަށް އަމަލީ މަސައްކަތް ނިމިފައިވަނީ 1،000 ފުލެޓުގައި ކަމަށާއި، އަމާޒަކީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ ފުލެޓެއްގެ މަސައްކަތް ނިންމުން ކަމަށެވެ. އަދި މާދަމާ ފެށޭ، ޖުލައި މަހު މީހުންނާ ފުލެޓު ހަވާލުކުރަން ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މުއްތަލިބު ވިދާޅުވެފައިވެއެވެ.

https://sun.mv/206666

މި މައްސަލައިގައި ކުޑޫ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ، މިކަމުގައި މިދިޔަ ސަރުކާރުން އެއްވެސް ގޯހެއް ހަދައިފައި ނެތްކަން މިހާރު ސަރުކާރުން ވެސް ގަބޫލުކޮށް، ރައްޔިތުންނަށް ވެސް ހާމަވެފައި ވާކަމަށެވެ.

ނަމަވެސް މިއަދާ ހަމައަށް ވެސް، ފްލެޓު ހަވާލުކުރުމުގެ އެއްވެސް މަަސައްކަތެއް ސަރުކާރުން ކުރިއަށް ގެންގޮސްފައި ނުވާކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ކުޑޫ ލިޔުއްވާފައި ވަނީ، މިއީ ވަރަށް ގިނަ ރައްޔިތުންނާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށެވެ.

އަދި ފްލެޓުތައް ހަވާލުކުރުން އިތުރަށް ލަސްކުރާ ނަމަ، އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވުމުގެ ބަދަލުގައި ދުވަހެއް ދުވަހަކަށް ނިކަމެތިވެ، ނަތީޖާއެއްގެ ގޮތުން އިޖުތިމާއީ މައްސަލަތައް އިތުރުވުމުގެ ނުރައްކާ އޮތްކަމަށް މި ކުއްލި މައްސަލައިގައި ވެއެވެ.

މި ކުއްލި މައްސަލައާ ގުޅިގެން ގޮތް ނިންމަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ކުއްލި މައްސަލައިގައި ބަޔާންކުރާ ކަމަކީ ކުއްލިއަކަށް ދިމާވި ކަމަކަށް ވާންޖެހޭ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ކަމަށެވެ.

"އެގޮތުން ކުއްލި މައްސަލައަކީ ވޭތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި ހިނގާފައިވާ ކަމަކާ ގުޅޭ މައްސަލައެއް ކަމަށް ބަޔާންކޮށްފައިވޭ. އިއްޒަތްތެރި މެމްބަރު ހުށަހެޅުއްވި މައްސަލައިގައި މި ދެންނެވި ޝަރުތު ހަމަނުވާތީ އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ބަލައިގަނެވެން ނެތްވާހަކަ ދަންނަވަން،" މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ފުލެޓު ލިސްޓު ނެރުނީ ނޮވެމްބަރު ހަތަރެއް، 2023ގައެވެ. އެ ލިސްޓާ މެދު ގިނަ ބަޔަކު ޝަކުވާ ކުރުމުން، ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އެ މަހުގެ 15ގައި ނެރުނެވެ.

އެހެންނަމަވެސް އޭސީސީން ބުނީ އެ ލިސްޓު އެކުލަވާލައިފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށެވެ.

އެއަށްފަހު މި ސަރުކާރުގެ ހައުސިން މިނިސްޓްރީން ލިސްޓު ބެލުމަށްފަހު މިދިޔަ ފެބްރުވަރީ މަހު އިއުލާންކުރީ، 4،000 ފުލެޓުގެ ހައްގުވެރިންނަކީ 1820 މީހުން ކަމަށާއި ކުރީގެ ލިސްޓުން 53 ޕަސެންޓު މީހުންނަށް ދިން ޕޮއިންޓް ސައްހަ ނޫން ކަމަށެވެ.

އޭގެ ސަބަބަން، ފުލެޓް ކުރިން ލިބިފައި ތިބި މީހުންނަށް ފުލެޓް ލިބުމުގެ ފުރުސަތު ގެއްލުނު ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރިއެވެ. އެ މައްސަލައިގައި ފުލެޓް ގެއްލުނު މީހުންނަށް ބަދަލު ހޯދަން ކޯޓަށް ދެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި ސަރުކާރުން ފުލެޓު ދޭ ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ 15 ނޮވެންބަރު 2023ގައި ނެރެފައިވާ ލިސްޓު ކަމަށާއި، އޭގެ އިތުރު ލިސްޓެއް ނުނެރޭނެ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވީ، ފުލެޓު ލިސްޓާ ގުޅޭ ގޮތުން ސަރުކާރަށް ގިނަ ބަޔެއްގެ ނުރުހުން އަމާޒުވެފައި ވަނިކޮށެވެ.

މި މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވާހެން ސަރުކާރުގެ އޮފިޝަލުން ވަނީ ފްލެޓުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލައްވާފައެވެ.

https://sun.mv/207518

މިހާތަނަށް އެއިން އެއްވެސް ފުލެޓެއްގެ މަސައްކަތް އެއްކޮށް ނިމިފައިނުވާ ކަމަށް އެދުވަހު މުއްތަލިބު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ސްޓެލްކޯއާއި އެމްޑަބްލިއުއެސްސީއާ ގުޅިގެން ފްލެޓުތަކުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ނިންމުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

comment ކޮމެންޓް