ދޮގު ހަދައި އޮޅުވައިލުމުގެ ހަގީގީ ނިޔަތެއް ނެތް ނަމަވެސް ކޮންމެވެސް ކަމެއް ހާސިލު ކުރުމުގެ ބޭނުމުގައި، ދަރީންނަށް ދޮގު ހެދުމަކީ މައިންބަފައިންނާއި ބެލެނިވެރީން ކޮށް އުޅޭ ކަމެކެވެ. އަދި މި ފަދައިން ދަރީންނަށް ދޮގު ހަދައި އޮޅުވައިލާ އިރު އެއީ އެހައި ބޮޑު ކަމެއް ނޫން ކަމުގައި ދެކެއެވެ. ނަމަވެސް ކުޑަކުދީންނަށް ކަމަށް ވިޔަސް ދޮގު ނުހެދުމަށް އިސްލާމްދީނުގައި އަންގަވާފައި ވެއެވެ. ހަމަ މިއާ އެކު، ދަރީންނަށް ދޮގު ހެދުމުގެ ސަބަބުން، ދިގު ދެމިގެން ދާ ގޮތުގައި ނަފުސާނީ އަދި ސުލޫކީ އެތައް މައްސަލަތަކެއް އެ ކުދީންނަށް ކުރިމަތި ވާ ކަން ދިރާސާތަކުން ހޯދިފައި ވެއެވެ.
އިސްލާމްދީން އަންގަވަނީ ހުރިހާ ކަމެއްގައި އަދި ހުރިހާ ހާލަތެއްގައި ވެސް ތެދުވެރި ވުމަށެވެ. ދޮގު ނުހެދުމަށެވެ. އޮޅުވައި ނުލުމަށެވެ. ޢަބްދުﷲ ބުނު ޢާމިރުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިމަންމެންގެ ގޭގައި ހުންނަވަނިކޮށް، ތިމަންކަލޭގެފާނުގެ މަންމަ، ތިމަން ކަލޭގެފާނަށް ގޮވައިލެއްވިއެވެ. "އައިސްބަލާށެވެ! އެއްޗެއް ދޭނަމެވެ." ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަންމަ އަށް ޙަދީޘް ކުރެއްވިއެވެ. "ތިބާ އޭނާ އަށް ދޭނީ ކޮން އެއްޗެއް ހެއްޔެވެ؟" މަންމަ ދެންނެވިއެވެ. "އޭނާ އަށް ދޭނީ ކަދުރެކެވެ." ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ތިބާގެ އަތުގައި އޭނާ އަށް ދޭނެ އެއްޗެއް ނެތްނަމަ، (އެބަހީ: ދޭނެ އެއްޗެއް ނެތީސް އެ ގޮތަށް ގޮވައިލި ނަމަ) ހަމަ ކަށަވަރުން، ތިބާ ދޮގެއް ހެދި ކަމުގައި އެ ކަން ލިޔުއްވުނީހެވެ" (އަބޫދާއޫދު، 4991).
ޙަދީޘްގައި އެ ވާ ހާދިސާ ހިނގި އިރު ޢަބްދުﷲ ބުނު ޢާމިރު އަކީ ކުޑަ ކުއްޖެކެވެ. ދޮގަކަށް ވަނީ ވަކި އުމުރެއްގެ މީހުންގެ ގާތުގައި ދޮގު ހެދުމުން ނޫން ކަމާއި، ކުޑަ ކުއްޖެއްގެ ގާތުގައި ކަމަށް ވިޔަސް ދޮގު ހެދުމަކީ ކޮށްގެން ވާނެ ކަމެއް ނޫންކަން މި ޙަދީޘުން އެނގެއެވެ. އެހެންކަމުން ކުޑަ ކުއްޖަކު މަސަލަސް ކުރުން ފަދަ މުހިއްމު ބޭނުމެއްގައި ކަމަށް ވިޔަސް ދޮގު ހެދުން ރަނގަޅު ނޫން ކަން ވެސް މި ބަސްފުޅުން އެނގެއެވެ.
އިސްލާމްދީން އަންގަވާ ގޮތުގައި ދަރީން ތަރުބިޔަތު ކުރާން ޖެހޭނީ ތެދުވެރިކަމުގެ އަސާސްގެ މަތީގައެވެ. ހެޔޮ ނިޔަތުގައި، ހެޔޮ ކަމެއް ހާސިލު ކުރުމަށް ޓަކައި ކަމަށް ވިޔަސް ދަރީންގެ ކުރިމަތީގައި ނުވަތަ ދަރީންނަށް ދޮގު ހެދުމަކީ އިސްލާމީ ތަރުބިޔަތުގެ މަންހަޖާ ފުށުއަރާ ކަމެކެވެ. ދޮގު ހެދުމަކީ ގޯސް ކަމެއް ކަމުގައި ދަރީންނަށް ބުނެދެވޭ އިރު، އެ ކުދީންގެ ކުރިމަތީގައި މައިންބަފައިން ދޮގު ހަދާ ނަމަ، ރަނގަޅު ގޮތަކީ ކޮބައި ކަން އެ ކުދީންނަށް އޮޅޭނެއެވެ. މައިންބަފައިންނާއި ދަރީންނާ ދެމެދުގައި އޮންނަ ގުޅުން ހީނަރު ވެ ދަރިފުޅުގެ މައްޗަށް އޮންނަ ބެލެނިވެރިކަމުގެ ބާރު ހަނިވެގެން ދާނެއެވެ. އޭގެ ސަބަބުން ދަރިފުޅުގެ އަޚުލާގާއި ސުލޫކަށް ނޭދެވޭ އަސަރު ކޮށް ރަނގަޅު ތަރުބިޔަތާ ދުރަށް ދާނެއެވެ.
ކުދީންގެ އަޚްލާގު ހެޔޮ ގޮތުގައި ދެމެހެއްޓުމަށް ޓަކައި ނުވަތަ ގޯސް ސުލޫކެއް ރަނގަޅު ކުރުމަށް ޓަކައި ދޮގު ހެދުމުގެ އާދަ އަށް، ނަފުސާނީ ޢިލްމުގައި، "ދޮގު ހަދައިގެން ބެލެނިވެރިކަން ކުރުމޭ" ކިޔައެވެ. އެއީ މިސާލަކަށް، ދަރިފުޅު ނުކައިފިއްޔާ ޕޮލިސް އަންނާނެ ކަމަށް ބުނުމެވެ. ނުވަތަ ވަކި ކަމެއް ކުރުމުން މިވެނި އެއްޗެއް ދޭނަމޭ ބުނި ނަމަވެސް އެ އެއްޗެއް ނުދިނުމެވެ. މިއީ ބައެއް ބެލެނިވެރީންގެ ފަރާތުން ވަރަށް އާއްމު ކޮށް ފެންނަ ކަމެއް ނަމަވެސް މީގެ ސަބަބުން ނޭދެވޭ ނަތީޖާތަކެއް ކުރިމަތި ވާ ކަން މިހާރު ވަނީ ހޯދިފައެވެ.
ސެޓޯހް އާއި އޭނާގެ ބައިވެރީން (2019) ގެ ހޯދުންތަކުން ދައްކާ ގޮތުގައި، ކުޑަ އިރު، މައިންބަފައިންގެ ދޮގު ހެދުމާއި އޮޅުވައިލުން ތަޖުރިބާ ކޮށްފައި ވާ ކުދީން ބޮޑެތި ވުމުން، އެ ކުދީން ދޮގު ހަދާ މިންވަރު އިތުރެވެ. އަދި ނަފުސާނީ ހާލަތްތައް ކަމަށް ވާ ސްޓްރެސް އާއި، ކުށް ހީ ކުރުމާއި، އިތުބާރު ކުރެވޭ ގުޅުންތައް އުފެއްދުމަށް ދަތިވުން މިއީ ވެސް އެ ފަދަ ކުދީންނަށް ކުރިމަތި ވާ ހާލަތްތަކެވެ. ހަމަ އެ ފަދައިން ޑޮޑް އަދި މަލްމް (2021) ފާހަގަ ކޮށްފައި ވާ ގޮތުގައި، ކުޑަ އިރު ދަރީންނަށް ދޮގު ހަދައިގެން އެ ކުދީން ތަރުބިޔަތު ކުރާ ނަމަ، އެ ކުދީން ބޮޑެތި ވާ އިރު މައިންބަފައިންނާ ގުޅުން ކުޑަ ވުމާއި ހާސްކަމާއި ޑިޕްރެޝަންގެ އަލާމާތްތައް އެ ކުދީންގެ ކިބައިގައި އިތުރު ވެއެވެ.
ދަރީންނަށް ދޮގު ހެދުމުން ލިބޭ އެންމެ ބޮޑު އެއް ގެއްލުމަކީ މައިންބަފައިންނާއި ދަރީންނާ ދެމެދުގައި އޮންނަ "އިތުބާރު" ގެއްލުމެވެ. އެންމެ ރަނގަޅު ނަމޫނާ ކަމުގައި ދަރީން ގަބޫލު ކުރާ އެ ކުދީންގެ މައިންބަފައިން އެ ކުދީންނަށް ދޮގު ހަދާ ނަމަ އެ ގޮތް ކޮޕީ ކޮށް، އެ ދަރީންނަކީ ވެސް ދޮގު ހަދާ ބަޔަކަށް ވެދެއެވެ. އަދި ތެދުވެރި ކަމަކީ ދިރިއުޅުމުގައި މާ މުހިއްމު ކަމެއް ކަމުގައި އެ ކުދީން ނުދެކޭނެއެވެ.
ކޮންމެ ސަބަބަކާ ލައިގެން ނަމަވެސް ދަރީންނަށް ދޮގު ހަދާ ނަމަ އެއީ އެ ކުއްޖާ އަށް ހެވެއް އެދިގެން ކުރާ ކަމެއް ނޫން ކަމުގެ ވިސްނުން ދަރިފުޅުގެ ކިބައިގައި އަށަގަނެއެވެ. މިސާލަކަށް، "ދަރިފުޅު ފިލާވަޅު ނުނިންމައިފި ނަމަ ހުރިހައި ކުޅޭ އެއްޗެއް އުކައިލާނެ" ކަމަށް ބުންޏަސް އެއީ ތެދެއް ނޫންކަމާއި ފިލާވަޅު ނުނިންމިއަސް އެ ގޮތަށް ކަންތައް ނުކުރާނެ ކަން ދަރިފުޅަށް އެނގޭނެއެވެ. އަދި އެއީ އޭނާ ލައްވައި ފިލާވަޅު ހެދުވުމަށް ޓަކައި ހަމަ ބުނެލާ "ދޮގު" ބުނުމެއްކަން ވެސް އޭނާ އަށް އެނގޭނެއެވެ. މީގެ ނަތީޖާ އަކީ ދޮގު ހެދުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް ގަބޫލު ކޮށް އެ ކުދީންނަކީ ވެސް ދޮގު ހަދާ ބަޔަކަށް ވުމެވެ (ލޯ، ކިޔޮންގ، ސެޓޯހް، 2024).
މީގެ އިތުރުން ވެސް ދަރީންނަށް ދޮގު ހެދުމުގެ ސަބަބުން، އެ ކުދީން ބޮޑެތި ވަމުން އަންނަ އިރު އެ ކުދީންގެ ފަރާތުން އިޖުތިމާއީ ތަފާތު މައްސަލަތައް ފެންނާން ފަށައެވެ. އޭގެ ތެރޭގައި، މީހުންނަށް ކަންކަން އޮޅުވައިލައި މަކަރާއި ހީލަތް ހެދުމާއި ކުށަށް އަރައިގަންނަން ފަސް ނުޖެހުން ފަދަ ނޭދެވޭ ސުލޫކަށް ހުށަހެޅުން ހިމެނެއެވެ (ސަންޓޯސް، 2016).
ކީރިތި ޤުރުއާނާއި ސުންނަތުން އެނގޭ ގޮތުގައި ދޮގު ހެދުމަކީ ނަހީ ކުރައްވާފައި ވާ ކަމެކެވެ (އައްނަޙްލު، 105)، (ބުޚާރީ، 33). އަދި ހަމަ މިއާ އެކު، ކުޑަކުދީންނަށް ދޮގު ހެދުމަކީ ވެސް ނަހީ ވެގެން ވާ ކަމެއް ކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އަންގަވާފައެވެ (އަބޫދާއޫދު، 4991). އޭގެ 1400 އަހަރު ފަހުން، ކުޑަކުދީންނަށް ދޮގު ހެދުމާއި އަދި އެ ކުދީންގެ ހާޒިރުގައި މައިންބަފައިން ދޮގު ހެދުމުން ކުރިމަތި ވާ ނޭދެވޭ އަސަރުތައް ޒަމާނީ ސައިންސުން މި ވަނީ ހޯދިފައެވެ. ވީމާ، އިސްލާމީ އަޚުލާގުން ޒީނަތްތެރި ވެގެން ވާ ހެޔޮ ލަފާ ދަރިއަކު ބޮޑު ކުރާން އެދޭ ނަމަ ދަރީންނަށް ދޮގު ހެދުމުގެ އާދަ ނިމުމަކަށް ގެންނާން ޖެހޭނެއެވެ. ދަރިފުޅު މަސަލަސް ކުރަން ނުވަތަ އެ ކުއްޖާ ލައްވައި ކޮންމެވެސް ކަމެއް ކުރުވުމުގެ ބޭނުމުގައި ކަމަށް ވިޔަސް، އޭނާ އަށް ދޮގު ހަދައިގެން ނުވާނެއެވެ.