ޑޮލަރާ ގުޅޭ އުސޫލުތައް ކުއްލިކުއްލިއަށް ބަދަލުކުރާތީ ހުށަހެޅި މައްސަލަ މަޖިލީހުން ނުބެލި

މީހަކު ބޭރު ފައިސާތަކެއް ހިފައިގެން: ޑޮލަރާ ގުޅޭ އުސޫލުތައް ކުއްލިކުއްލިއަށް ބަދަލުކުރާ ކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ވަނީ ބޭރުކޮށްފައި --- ސަން ފައިލް ފޮޓޯ

ދައުލަތަށް ބޭނުންވާ ވަރަށް ޑޮލަރު ހޯދުމުގެ ގޮތުން ޑޮލަރާ ގުޅޭ އުސޫލުތަކަށް ކުއްލި ކުއްލިއަށް ބަދަލު ގެންނަ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް، އިދިކޮޅު އެމްޑީޕީން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މަޖިލީހަށް މައްސަލަ ހުށަހެޅުއްވީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކުރާ ޑެބިޓް ކާޑުން ރުފިޔާ އެކައުންޓުތަކުން ޑޮލަރު މުއާމަލާތްތައް ކުރެވޭ ގޮތަށް ބަދަލުތަކެއް ގެނައުމާ ގުޅިގެންނެވެ.

އިއްޔެ ބީއެމްއެލްއިން ވަނީ ޑެބިޓް ކާޑުތަކަށް ދެމުން އައި 250 ޑޮލަރުގެ ލިމިޓް މިއަދުން ފެށިގެން 500 ޑޮލަރަށް އިތުރުކޮށް، އޮންލައިންކޮށް ޑޮލަރުން ތަކެތި ގަންނަން އެންމެ ގިނައިން ބޭނުންކުރާ ޓީމޫ އާއި ޝީއިން ފަދަ ވެބްސައިޓްތަކަށް ފައިސާ ދައްކާއިރު 30 ޕަސެންޓާ ހަމައަށް ފީއެއް ނަގަން ނިންމައިފައެވެ.

https://sun.mv/207977

މީގެ އިތުރުން ރާއްޖޭން ބޭރުގައި އޭޓީއެމްއަކުން ނަގުދު ފައިސާ ނެގޭނެ އަދަދު މަހަކު 750 ޑޮލަރުން 125 ޑޮލަރަށް ކުޑަކޮށް، އޭޓީއެމްއިން ފައިސާ ނެގުމުން ޗާޖްކުރެވޭ އަދަދު 10 ޑޮލަރަށް ބޮޑުކޮށްފައެވެ. މީގެ ކުރިން އެގޮތަށް ނަގަމުން އައީ 100 ރުފިޔާއެވެ.

އޭގެ ކުރިން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު މަރުކަޒީ ބޭންކުން ކުއްލި ގޮތަކަށް އެކުލަވައިލި ގަވައިދެއްގައި ވަނީ ރިސޯޓުތަކުން ފަތުރުވެރިއަކަށް ވަކި އަދަދަކަށް ޑޮލަރު މާރުކުރުން ލާޒިމުކޮށްފައެވެ.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު: ޑޮލަރާ ގުޅޭ އުސޫލުތައް ކުއްލިކުއްލިއަށް ބަދަލުކުރާތީ އޭނާ ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވާފައި -- ފޮޓޯ/ މަޖިލިސް

އެ ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން, ބޭންކުތަކަށް ކޮންމެ ހަފުތާއަކު ލިބޭ ބޭރު ފައިސާގެ 60 ޕަސެންޓް, ޖެހިގެން އަންނަ ހަފުތާގެ ބުދަ ދުވަހުގެ ކުރިން, އެ ބޭންކަކުން އެމްއެމްއޭގައި މާރު ކުރަން ޖެހޭނެއެވެ.

އެމްއެމްއޭއިން މިހާރު ވަނީ އެ އަދަދު 60 ޕަސެންޓުން 90 ޕަސެންޓަށް އިތުރުކޮށްފައެވެ.

https://sun.mv/206262

އެ ބަދަލުތަކާ ގުޅޭ ގޮތުން މައުރޫފް މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ، ސަރުކާރަށް ބޭނުންވާ ޑޮލަރު ހޯދުމުގެ ގޮތުން، ބޭރު ފައިސާ މާރުކުރުމާއި ބޭރު ފައިސާއިން މުއާމަލާތް ކުރުމުގެ އުސޫލުތަކަށް ގެންނަމުންދާ މިފަދަ ކުއްލި ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން ޑޮލަރު ލިބުން އިތުރަށް ދަތިވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެ ކަންކަމަކީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނާއި އެކިއެކި ބޭނުންތަކުގައި ބޭރަށް ދަތުރުކުރާ ރައްޔިތުންނަށް ބޮޑު ތަކުލީފެއް ކުރިމަތިވާނެ ކަންކަން ކަމަށް މައްސަލައިގައިވެއެވެ.

އެކަމުގެ ސަބަބުން މުދަލާއި ޚިދުމަތުގެ އަގުތައް އިންތިހާއަށް އުފުލުމާއި ޑޮލަރު ނުލިބުމުގެ ސަބަބުން ބައެއް މުދާ އިމްޕޯޓްކުރުން ވިޔަފާރިވެރިން ހުއްޓާލަން ޖެހި، ރާއްޖެއިން ގިނަ ބާވަތްތަކުގެ އަސާސީ ތަކެއްޗާއި ކާބޯތަކެތި އިތުރަށް އަގު ބޮޑުވުން ނުވަތަ ލިބުން ދަތިވުން ނުވަތަ ބައެއް ތަކެތި ހުސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

އެ ކުއްލި މައްސަލައާ ބަލައިގަންނަން ވޯޓަށް އެހުމުން، ބަހުސް ކުރުމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. އަދި މައްސަލައާ ދެކޮޅަށް 29 މެންބަރުން ވޯޓު ދެއްކުމާއެކު މައްސަލަ ވަނީ ބޭރުކޮށްފައެވެ.

ރާއްޖޭގެ ބޭރުގެ ދަރަނި ބޮޑުވެ، ޑޮލަރު އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ވަނީ މަޖުބޫރުވެފައެވެ. އަދި ޑޮލަރުގެ ޑިމާންޑް ބޮޑުވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާރު އުޅެނީ 18 ރުފިޔާއާއި 20 ރުފިޔާއާ ދެމެދުގައެވެ.

ޑޮލަރުގެ އަގު އުފުލުމުގެ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރުގެ ވައުދަކަށްވާއިރު، މިދިޔަ އޭޕްރީމް މަހުގެ ފަހުކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ, މިހާރު ބެލެވޭގޮތުގައި ރާއްޖެއަށް ކުރިމަތި ވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރެވޭނީ 2027ގައެވެ. އެގޮތުން އެ ހިސާބުގައި ޑޮލަރުގެ އަގު 15.42އަށް ދަށްކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް